ބޮލީވުޑް

ސުޕަހީރޯ ފިލްމުގެ ޝޫޓިން ރަންބީރު އޮކްޓޯބަރުގައި ފަށަނީ

Jul 16, 2017

ރަންބީރު ކަޕޫރު މި އަހަރު ކުޅޭ ދެވަނަ ފިލްމު "ޑްރެގަން" ގެ ޝޫޓިން އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް އޭނާ ބުނެފި އެވެ.

ބުރާސްފަތި ދުވަހުުގެ ރޭ ބޭއްވި ރަންބީރުގެ ފުރަތަމަ ޕްރޮޑަކްޝަން، "ޖައްގާ ޖާސޫސް" ގެ ހާއްސަ ސްކްރީނިންގައި މީޑިއާއާ ވާހަކަދައްކަމުން ރަންބީރު ވަނީ އަޔާން މުކަރްޖީ ޑައިރެކްޓްކުރާ "ޑްރެގަން" ގެ ޝޫޓިން އޮކްޓޯބަރު 15 ވަނަ ދުވަހު ފަށާނެ ކަމަށް ބުނެފަ އެވެ.

މި ފިލްމުގައި ރަންބީރު ސުޕަހީރޯ އެއްގެ ރޯލުން ފެނިގެންދާއިރު، އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދަނީ ކުޅަދާނަ ބަތަލާ އާލިއާ ބަޓް އެވެ.

"ޑްރެގަން" އާ ބެހޭގޮތުން ވާހަކަދައްކަމުން ރަންބީރު ވަނީ އެ ފިލްމުގެ ޝޫޓިން ފެށޭނީ އޭނާ މިހާރު ކުޅެމުން އަންނަ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓިން ނިމުމުން ކަމަށެވެ. އެގޮތުން އިއްޔެއިން ފެށިގެން އެ ފިލްމުގެ ބައެއް މަންޒަރުތައް ނިއުޔޯކްގައި ކުރިއަށް އޮތް ފަސް ވަރަަކަށް ދުވަހު ނަގާނެ ކަމަށާއި އެ އަށްފަހު އިންޑިއާގައި އަދި ދިހަ ވަރަކަށް ދުވަހު ޝޫޓިން ކުރިއަށް ގެންދިއުމުން ފިލްމުގެ ހުރިހާ މަންޒަރެއް ނަގައި ނިމޭނެ ކަމަށް ބުނެފަ އެވެ.

ސަންޖޭގެ ފިލްމުގެ ޝޫޓިން ނިމުމުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އޭނާ "ޑްރެގަން" އަށް ތައްޔާރުވާނީ ކަމަށްވެސްް ރަންބީރު ވަނީ ބުނެފަ އެވެ.

މި ފިލްމުގައި ރަންބީރު ކުޅޭ ކެރެކްޓާގައި އަތުން އަލިފާން ބޯޅަ އުކުމުގެ ބާރު ލިބިފައިވެ އެވެ.

އާލިއާ މި ފިލްމުގެ ޝޫޓިން ފަށާނީ އަދި ތަންކޮޅެއް ފަހުން ކަމަށްވާއިރު، ފިލްމުގެ މުހިންމު ރޯލެއް އަމީތާބް ބައްޗަން އަށް ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އޭނާ އަދި އެ ރޯލު ކުޅޭނެ ކަމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށްވެ އެވެ.

ރަންބީރު މީގެކުރިން ވަނީ އަޔާން ޑައިރެކްޓްކުރި "ވޭކް އަޕް ސިދް" އާއި "ޔޭ ޖަވާނީ ހޭ ދިވާނީ" އިން ފެނިގެން ގޮސްފަ އެވެ.