މޮނާކޯގެ ވަރުގަދަ އަދި ކުޅުން އަވަސް ސެންޓްރަލް މިޑްފީލްޑަރު ޓިމޯ ބަކްޔޯކޯ ޗެލްސީއަށް ބަދަލުވެޖެ އެވެ. އިނގިރޭސި ޕްރިމިއާލީގުގެ ޗެމްޕިއަން ޗެލްސީން ވަނީ މިއަދު އެކަން ޔަގީންކޮށްދީ އިއިލާންކޮށްފަ އެވެ. އޭނާ މޮނާކޯ ދޫކޮށް ޗެލްސީއަށް ބަދަލުވީ 40 މިލިއަން ޕައުންޑުގެ ފީއަކަށެވެ.
ފްރާންސްގެ ލީގު ޗެމްޕިއަންކަން މޮނާކޯއަށް މިދިއަ ސީޒަން ގައި ކާމިޔާބު ހޯދައިދީ ޗެމްޕިއަންސް ލީގުގެ ސެމީއަށް ދިއުމުގައި މުހިންމު ދައުރެއް އަދާ ކުރި އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ޗެލްސީއަށް ސޮއި ކުރީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އޭނާ ޗެލްސީގައޮ ބޭނުން ކުރާނީ ޗެލްސީގެ ފަސްޓް ޓީމް ސްކޮޑްގައި ހުހަށް އޮތް 14 ނަމްބަރު ޖޯޒީ އެވެ.
"އަހަރެން މިހުރީ މި ކްލަބަށް ބަދަލުވެވުމުން ވަރަށް އުފާވެފައި. އަހަރެން ބޮޑުވީވެސް މި ކްލަބްގެ މެޗުތައް ބެލުމުގައި، މި ކުލަބަށް ބަދަލުވުމުން ވަރަށް އުފާވޭ މިއީ ކުޑައިރުއްސުރެ އަހަރެން ވަރަށް ލޯބި ކުރާ ކްލަބެއް،" ސޮއި ކުރުމަށް ފަހު ބަކަޔޯކޯ ބުންޏެވެ. "މިހާރު މިހުރީ ކްލަބުގެ އާ ރަހުމަތްތެރި ކުޅުންތެރިންނާއި މޮޅު ކޯޗާއެކު ކުރިޔަށް ދާން ތައްޔާރުވެގެން،"
ޗެލްސީގެ ޓެކްނިކަލް ޑައިރެކްޓަރު މައިކަލް އެމެނާލޯ ވިދާޅުވީ ފްރާންސްގެ ބަކަޔޯކޯ އަކީ ޔޫރަޕްގައި މިވަގުތު ހުރި އެންމެ ފުރިހަމަ އެއް ކުޅުންތެރިޔާ ކަމަށާއި އޭނާ ޗެލްސީއާ ގުޅުމުން މަރުހަބާ ކިޔާ ކަމަށެވެ. މިއީ ފެނާންޑޯ ޓޯރޭސް އަށް ފަހު ޗެލްސީއަށް އެންމެ ބޮޑު އަގެއްގައި ގެންދިޔަ ކުޅުންތެރިޔާ އެވެ.
ބަކަޔޯޯކޯގެ ސޮއި ޗެލްސީން ހޯދި އިރު އާ ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ މަސައްކަތުގައި އެންޓޯނިއޯ ކޮންޓޭން ވަނީ ރޯމާއަށް ކުޅެމުން އައި ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ އާއި މެންޗެސްޓާ ސިޓީގެ ކީޕަރު ވެސް ޗެލްސީއަށް ގެންގޮސްފަ އެވެ. ޗެލްސީން މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ ޓީމްގެ ފޯވަޑުލައިނަށް ވަރުގަދަ ކުޅުންތެރިޔަކު ހޯދުމަށެވެ. އަދި ބަކަޔޯކޯ ޓީމާ ގުޅުމުން ނެމެންޔާ މަޓިޗް ދޫކޮށްލުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.