ބޭރު ކުޅިވަރު

ޕޯޗުގަލް ބަލިކޮށް 19 އަހަރުން ދަށުގެ ޔޫރޯގެ ޗެމްޕިއަންކަން އިންގްލެންޑަށް

Jul 16, 2017

ޕޯޗުގަލް އަތުން 2-1 އިން މޮޅުވެ، 19 އަހަރުން ދަށުގެ ޔޫރޯގެ ޗެމްޕިއަންކަންކަން އިންގްލެންޑް އިން ރޭ ހޯދައިފި އެވެ.

ޖޯޖިއާގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި އިންގްލެންޑަށް ލީޑު ހޯދައިދިނީ އެސްޓަން ވިލާގެ ފޯވަޑް އީސާ ސިލިމާނެެވެ. ޗެލްސީގެ ޑުޖޯން ސްޓާލިން އަތުން ބައިކޮޅަށް ވަތް ލަނޑާއެކު މެޗު އެއްވަރުވި ނަމަވެސް، އިންގްލެންޑަށް އަލުން ކުރި ހޯދައިދިނީ މެންޗެސްޓާ ސިޓީގެ ފޯވަޑް ލޫކަސް އެންމެޗާ އެވެ.

ފުލަމްގެ ޓަޔޯ އެޑުން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން، އިންގްލެންޑްގެ ޓީމުން މެޗުގެ ފަހު ނުވަ މިނިޓު ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

މިއީ ދެ މަސް ދުވަހުގެ ތެރޭގައި އިންގްލެންޑްގެ ޒުވާން ޓީމަކަށް ލިބުނު ތިން ވަނަ ތައްޓެވެ. އިންގްލެންޑް އިން ވަނީ މި އަހަރު އޮތް 20 އަަހަރުން ދަށުގެ ވޯލްޑް ކަޕާއި 21 އަހަރުން ދަށުގެ ޓީމުތައް ވާދަކުރާ ޝަރަފުވެރި މުބާރާތެއް ކަމަށްވާ ތުލޫން ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

އިންގްލެންޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ގުރޫޕްގެ އެއްވަނަ ހޯދުމަށް ފަހު، ނޮކްއައުޓް ބުރުގައި ޗެކް ރިޕަބްލިކާއި ޖަރުމަން ބަލިކުރުމަށް ފަހު އެވެ.