ހަބަރު

ގޮނޑި ގެއްލުނަސް މެންބަރުން ތިބީ ގޮތްދޫކުރާކަށް ނޫން

Jul 16, 2017
7

ޕީޕިއެމްގެ ވިޕްލައިނާ ހިލާފުވެގެން ނޫނީ އެ ޕާޓީއިން އަމިއްލައަށް ވަކިވެގެން ގޮނޑި ގެއްލުނު ނަމަވެސް މަސީހާ ދެކޮޅަށް ވޯޓު ދެއްވައި ސަރުކާރު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ދާދި ފަހުން ޕީޕީއެމް އިން ވަކިވުމަށް ސިޓީ ހުށަހެޅުއްވި އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ 10 މެންބަރުން ވިދާޅުވެއްޖެ އެވެ.

އެ 10 މެންބަރުން ޕާޓީ އިން ވަކިވުމަށް އެދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށާއި އިލެކްޝަން ކޮމިޝަނަށް ސިޓީ ފޮނުވި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރި އިރުވެސް ޕީޕީއެމްއިން ވަނީ އެ މެންބަރުންގެ ސުލޫކީ މައްސަލައެއް ބަލާ ކަމަށް ބުނެ އެ މެންބަރުން ޕާޓީ އިން ވަކިކޮށް ދިނުމަށް ދެކޮޅު ހަދައިފަ އެވެ.

އެ މެންބަރުންނަށް ޕީޕީއެމްއާ އަލުން ގުޅުމުގެ ދައުވަތު އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ދެއްވި ނަމަވެސް މެންބަރުން ވިދާޅުވަނީ ދެން އަނބުރާ ޕީޕީއެމްއަށް ނުދާނެ ކަމަށާއި މަސީހާ ދެކޮޅަށް ދޭނެ ވޯޓެއް ނޯންނާނެ ކަމަށެވެ.

ޕީޕީއެމްއިން ވަކިވުމަށް ހުށަހަޅުއްވާފައިވާ، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ވިދާޅުވީ ސަރުކާރުން ކުރާ ކަމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކުކޮށްލުން ކަމަށާއި ސުޕްރީމް ކޯޓްގެ ހުކުމަކީ ވެސް އެ ސިލްސިލާގެ ބޮޅެއް ކަމަށެވެ. އަދި މަޖިލީހިގެ ރައީސް މަސީހާ ދެކޮޅަށް ވޯޓު ދީގެން ގޮނޑި ގެއްލުނު ނަމަވެސް، އެކަމާ ފަރުވާލެއް ނެތް ކަމަށާއި މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ. އަދި އެއްވެސް ގޮތަކަށް އިސްލާހުގެ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވިދާޅުވީ ގޮނޑި ގެއްލިދާނެ ކަމުގެ ބިރެއް އޭނާގެ ނެތް ކަމަށާއި އިސްލާހީ މަސައްކަތުގައި ނިކުންނެވީ އެއްވެސް ގޮތަކަށް ފަހަތަށް ބެލުމެއް ނެތި ކުރިއަށް ވަޑައިގަތުމުގެ އަޒުމުގައި ކަމަށެވެ. އެހެން ކަމުން ގޮނޑި ގެއްލުމުގެ ބިރަށް އޭނާ ފަހަތަށް ނުޖެހޭނެ ކަމަށާއި އޭނާ ވެސް މަސީހާ އެއްކޮޅެއް ދެން ދޭނެ ވޯޓެއް ނެތް ކަމަށް ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވިދާޅުވާ ގޮތުގައި ޕީޕީއެމްއަކީ މިހާރު އޭނާގެ މާޒީ އެވެ. އަދި މަސީހާ އެއްކޮޅަށް އޭނާ ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެހެން ކަމުން އޭނާ މަސީހާ އެއްކޮޅަށް ވޯޓު ދީގެން ހިމާޔަތް ކުރަން ޖެހޭ ގޮނޑިއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަހުދީ ވިދާޅުވީ ގޮނޑި ދޫކޮށްލާފައި އެނބުރި ވަޒަނަށް ދާން ޖެހުނު ނަމަވެސް އޭނ ހިތާމައެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި އޭނާ އުފާވަނީ އިސްލާހީ މަސައްކަތުގައި އުޅެވޭތީ އެވެ.

މީގެ އިތުރަށް އިހަވަންދޫ ދާއިރާގެ މެންބަރު، މުހައްމަދު އަބްދުﷲ (މުހައްމާ) އާއި މަހިބަދޫ ދާރާއިދާގެ މެމްބަރު އަހުމަދު ތޯރިގް އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވެސް މީގެ ކުރިން ވަނީ ގޮނޑި ގެއްލުނަސް މަސީހާ ދެކޮޅަށް ހިތްވަރާ އެކު ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސުޕްރީމް ކޯޓްގެ ހުކުމުން ލިބުނީ އާ ހިތަވަރެއް ކަމަށާއި ސްޓޭންޑް ބަދަލު ނުކޮށް އެގޮތުގައި ދެމި ހުންނަވާނެ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓްގެ ހުކުމުގެ ސަބަބުން ގިނޑި ގެއްލޭ މެންބަރުން އަލުން އެ ދާއިރާތަކަށް ހޮވައިދިނުމަށް، ގުޅިފައިވާ އިއްތިހާދުގެ ލީޑަރުން އެއްބަސްވެ އެކަމަށް މަސައްކަތް ކުރުމަށް ވަނީ ބައިއަތު ހިފައިފަ އެވެ.