ދުނިޔެ

ހަރަމުއް ޝަރީފު މިއަދު ހުޅުވާނެ ކަމަށް އިޒްރޭލުން ބުނެފި

މާތްވެގެންވާ ގުދުސްގައިވާ މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ އަލް އަގުސާ މިސްކިތް އެތަނެއްގައިވާ ހަރަމުއް ޝަރީފު ހުކުރު ދުވަހުއް ސުރެ ބަންދުކޮށްފައި ބެހެއްޓުމަށް ފަހު މިއަދު ހުޅުވާނެ ކަމަށް އިޒްރޭލުން ބުނެފިއެވެ.

އަލް އަގުސާ މިސްކިތް އިޒްރޭލުން ބަންދު ކުރީ އެސަރަހައްދުގައި އިޒްރޭލުގެ ދެ ފުލުހަކަށް ބަޔަކު ބަޑިން ހަމަލާދީ މަރައިލުމުންނެވެ. އެހަަމަލާ ދިން ދެމީހުން އިޒްރޭލު ފުލުހުން ދިން ބަޑީގެ ހަމަލާގައި ވަނީ މަރުވެފައެވެ. އެހަމަލާ ދިނީ އިޒްރޭލުގެ ރަށްވެހިކަން އޮންނަ، އަރަބީންގެ ދެމީހުންނެވެ.

ހާދިސާއާ ގުޅިގެން ސަރަހައްދުގެ ސަލާމަތަށް ޓަކައި ކަމަށް ބުނެ އިޒްރޭލުން ވަނީ މުޅި ސަރަހައްދު ބަންދުކޮށްފައެވެ. އެކަމާ ދެކޮޅު ހަދައި އަގުސާ މިސްކިތުގައި ހުކުރު ކުރައްވަން ގުދުސްގެ މުފްތީ އާއި އަގުސާ މިސްކިތުގެ ކަންކަމުގައި އިސްކޮށް އުޅުއްވާ އެހެން ބޭފުޅުން ވަޑައިގެންނެވުމުން އިޒްރޭލުން ވަނީ އެބޭފުޅުން ހައްޔަރުކޮށްފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މުސްލިމުން " ހަރަމުއް ޝަރީފު" ގެ ގޮތުގައި ބަލައިިގަންނަ އަދި ޔަހޫދީން " ޓެމްޕަލް މައުންޓް" ގެ ގޮތުގައި ބަަލައިގަންނަ ސަރަހައްދު އާދީއްތަ ދުވަހު މެންދު ހުޅުވާނެ ކަމަށެވެ. - ރޮއިޓާސް