(13 ޖުލައި 2017 އާ ގުޅޭ) -- "އަހަރެން ބޭރުގައި މަޑުކޮށްލައިގެން މިއިނީ" ލޫކަން މިހެން ބުނެ ބޭރަށް ހިނގައިގަތެވެ. އެވަގުތު އޭނާގެ ދެ އަތުގައި ދެ ކޮތަޅު އޮތްކަން އައިރާއަށް ފާހަގަވިއެވެ. ބުރުގާ ހޯދަން ނޫޅެ އައިރާ އަވަސްވެލީ ލޫކަން ނުކުތުމުން ކޮޓަރީގެ ދޮރު ލެއްޕުމަށެވެ.
ބޮޑުގަސް ދޮށުގައި ހުރި މޭޒުގެ މަތީ ކޮތަޅުތައް ބަހައްޓާފައި ގޮނޑީގައި ލޫކަން އިށީނެވެ. މޫނުގައި ނިކަން އަވަސް ގޮތަކަށް ދެއަތްތިލަ ހާކާލުމާއެކު ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ. ބޮލުގެ ފުއްކިބައިގައި އިނގިލިތައް މަހާލެވިފައިވާ ދެއަތްތިލަ އަޅުވާލިއެވެ. އެހެން އިން އިރު ލޫކަންގެ ތުންފަތުން ހިނިތުންވުމެއް ފާޅުވާން އުޅޭ ކަހަލަ އަސަރުތަކެއް ދޭތެރެއަކުން ފާޅުވެއެވެ. އޭނާގެ ސިކުނޑީގައި އޭރު ހިނގަމުން އައީ އައިރާގެ ޚިޔާލުތަކެވެ. އަމިއްލަ އިޚްތިޔާރުން ބޭރުގައި ލޫކަންއަށް ހިނިތުންވެވޭ ސަބަބުކަމުގައި އައިރާ ވެއެވެ. ތިރިކޮށްލި އެސްފިޔަތަކާއެކު ލޫކަން ދެ ލޯ މަރާލިއެވެ. އެހިނދު އޭނާގެ ކުރިމަތިން އައިރާ ސިފަވެގެންދިޔައެވެ. އައިރާގެ ބޮލާއެކު މުޅި އިސްތަށިގަނޑު ތުވާލީގެ ތެރޭ ފޮރުވިފައި އޮތުމުން އެ ރީތި އިސްތަށިގަނޑު ފެނުމުގެ ނަސީބު ވެސް ލޫކަންއަށް ގެއްލުނީއެވެ. ހުއްޓިލައިގެން ހުރި ގޮތުން ތުވާލީގެ ސަބަބުން އެ ރީތި ކަނދުރާ ވެސް އޮތީ ފޮރުވިއެވެ. އެހެންނަމަވެސް ލޫކަންގެ ހިތަށް ހަމަޖެހުން ގެނައީ އައިރާގެ އަތުގައި އޮތް ކަރުދާހުން ހަދާފައިވާ ދޫނި ފެނިފައެވެ. އޭނާ މިހާރު އެ އިނީ އައިރާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.
އިރުކޮޅަކު ޚިޔާލުތަކުގެ ފޮނިކަމުގެ ތެރެއަށް ގެއްލި އިނދެފައި ލޫކަން ލޯ ހުޅުވާލިއެވެ. އެހިނދު ހައިރާންކަން ލިބިގެންދިޔައީ މޭޒުދޮށުގައި ދެން ހުރި ގޮނޑީގައި އައިރާ އިންތަން ފެނިފައެވެ. ކަޅުރަތް ކުލައިގެ ޝޯލްގެ ތެރެއިން އައިރާގެ މޫނު ވަކިން ދިއްލިފައިވާ ފަދައެވެ. އަވަސްއަވަހަށް ހަށިގަނޑު ތެދުކޮށްލާ ގޮނޑީގައި ލޫކަން އިށީނެވެ.
"ތީ އައިރާތަ؟ އަސްލު ވެސް ހަމަ މިތަނުގައި އިނީތަ؟" ފާޑަކަށް ބަލާލަމުން ލޫކަން އޭނާގެ ޝަހާދަތް އިނގިލި އައިރާގެ ކޯތާފަތުގައި ޖައްސާލަން އުޅުނެވެ. އެވަގުތު އައިރާ އެއްފަރާތަށް ޖެހިލީ ލޫކަން އެ ހަރަކާތުން ރެކިލުމަށެވެ.
"ހޫމް!... އައިރާމީ... ކިހިނެއްވީ؟ އިތުރު މީހަކު ލޫކަންއަށް ފެންނަނީތަ؟" އައިރާ މިހެން ބުނެލުމާއެކު ލޫކަން ލުއިގޮތަކަށް ހީނލިއެވެ.
"މިތަނަށް އައިސް އިށީންކަން ނޭނގުނީމަ. ހީކުރީ އަހަރެންގެ ލޮލަށް ފެނުނު ގޮތެއްކަމަށް" ހިނިއައިސްފައި އިނދެ ލޫކަން ބުންޏެވެ.
"ކިހިނެއްތަ؟ އައިރާ އެއްވެސް އެއްޗެއް ބޭނުންތަ؟ މިވަގުތު އެންމެ އުފާވާނީ ކޮންއެއްޗެއް ލިބުނިއްޔާ؟" ލޫކަން އައިރާއަށް ބަލަން އިން ގޮތުން އޭނާ އިސްޖަހާލިއެވެ. އެއާއެކު އަނެއްކާ ވެސް ވާހަކަދައްކަން ފެށީ ލޫކަންއެވެ.
"އެއްވެސް އެއްޗެއް ބޭނުމެއްނޫން... މިހާރު ވެސް ލޫކަންކޮށްދޭން ނުވާވަރަށް އަހަންނަށް ކަންކަން ކޮށްދީފީމު"
"ބުނަން! ބޮޑު ތަޤުރީރެއް ނުފަށާތި... އަހަރެންކޮށްދޭ ހިތުން ހުރިހާ ކަމެއް އައިރާއަށް މި ކޮށްދެނީ. މިއިން އެއްވެސް ކަމަކަށް ފަހުން އަގު ހޯދާކަށްނޫން. އަން! މީ އަހަރެން އައިރާއަށް ގެނައި ހަދިޔާއެއް. ފުރަތަމަ މި ކޮތަޅު... މި ހަދިޔާ ހޯދަން އެންމެ އުނދަގޫވީ. ތެދަށް ބުނަންޏާ އަހަންނެއްނޫން މި ހަދިޔާ ކަނޑައެޅީ.... ޒޭންގެ ވައިފް ޔާނާގެ ހޮވުމެއްތީ... ދެން ނީނދެ ބަލާބަލަ... ބުނަން! ކަމުނުދަންޏާ ބުނާތި... އަހަންނަށް އެނގޭ އައިރާ. އަހަރެންގެ ހިތްހަމަޖައްސާލަދޭން ބުނެދާނެ ރަނގަޅޭ. އެހެންނުހަދާތި. ރީތީއާ ބުނާނީ ރީއްޗޭ. އައިރާއަށް ކަމުދެއޭ" އައިރާގެ ކައިރިއަށް ޖައްސާލި ކޮތަޅުގައިވާ އެއްޗެއް އައިރާ ބަލާފައި އޭނާ ބުނާނޭ އެއްޗެއް އަޑު އަހާ ހިތުން ލޫކަން އިނީ ކެތްމަދުވެފައެވެ.
"ރީތި..." ކޮތަޅުގައި އޮތް ހުދާއިރަތް ކުލަ އެކުލެވޭ ކުރުތާއާއި މާބަނޑު އަންހެނުން ލާއުޅޭ ފަދަ ޖީންސަށް ބަލާލަމުން އައިރާ ބުނެލިއެވެ.
"ތި ނިމުނީ... ރީތި... ނަގާފަ ބަލާ ވެސް ނުލާ ހަމަ އެ ބުނެލީ... ޔާނާ ބުނީ އޭނާއަށް ވަރަށް ބޮޑަށް ހީވެޔޭ އައިރާއަށް ހެޔޮވަރުވާނެހެން. އަހަރެން ވެސް ބޭނުން އައިރާއަށް ހެޔޮވަރު ތޯ ބަލާލަން... ޕްލީޒް... ތި ހެދުން ލައިގެން އަންނަންވީނު. އޭރުން ދޯ އެނގޭނީ އައިރާއާ ގުޅެންޏާ ވެސް" ހަމަޖެހިލާފައި ވާހަކަދައްކަމުން ދިޔަ ލޫކަންއަށް އައިރާ ބަލަން އިންއިރު އޭނާގެ ހިތަށް ބަޔާންކުރާން ދަތި އިހުސާސްތަކެއް ކުރެވެމުންދިޔައެވެ. ބަސް ހުއްޓިފައި އިން މީހަކު ފަދައިން އިންނަން ފެށުމުން ލޫކަން ގޮވާލިއެވެ. އެއާއެކު މަޑުމަޑުން އައިރާ ތެދުވެގެން ކޮތަޅު ހިފައިގެން އެތެރެއަށް ދިއުމަށް ހިނގައިގަތެވެ.
އަލަމާރީގައި ހުރި ލޯގަނޑު ކުރިމަތީ އައިރާ އަމިއްލަ ސޫރައަށް ބަލަން ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ މިންތައް ނޭނގި އެހާ ފުރިހަމަ ހޮވުމެއް ޔާނާ ހޮވިގޮތަކާމެދު އައިރާ ސުވާލު އުފެދުނެވެ. ޚާއްޞަކޮށް އޭނާ މިހާރު އެ ހުރީ ވިހަން ކައިރިވެ ބޮޑު ބަނޑެއް ވެސް ލާފައެވެ. މަޑުމަޑުން ލައިގެން ހުރި ހެދުމުގައި އައިރާ އަތް ހާކާލިއެވެ. އެ ކުރުތާއާއި ޖީންސު އައިރާއަށް ވަރަށް ރީތިވިއެވެ. އެހެންނަމަވެސް ހިތަށް ފާޑެއްގެ އުނދަގޫތަކެއް ވެގެންދިޔައެވެ.
"ނިޔާނު..." އައިރާގެ ހިތަށް ތަދުވިއެވެ. އޭނާ ކުރުތާ ލާން ފެށީ ނިޔާނަށް ކަމުދާތީއެވެ. ނިޔާނާއި އިނދެގެން މާލެ އައުމާއެކު އައިރާގެ ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުކޮށްލި މީހަކީ އެއީ އެވެ. އެހެންނަމަވެސް މިއަދު އައިރާ ފުރަތަމަ ފަހަރަށް ހިލޭ ފިރިހެނަކު ކުރި ހަދިޔާއެއް ޤަބޫލުކުރާން ޖެހުނީއެވެ. މިއަދު އޭނާއަށް އެފަދަ ޚަރަދެއްކޮށް ހަދިޔާ ގެނެސްދޭނޭ ފަރާތެއް ނެތެވެ. އައިރާ ބިރުގަންނަނީ ލޫކަންގެ ހިތުގައިވާ އެއްޗެއް އޭނާއަށް ލަފާކުރެވޭތީއެވެ. އިންތިހާއަށް ޖެހިލުންވަނީ ލޫކަންގެ އޯގާތެރިކަމަށް އޭނާ ބޭނުންވެދާނޭތީއެވެ. އަމިއްލަ ނަފްސު ނުހިފެއްޓިދާނޭ ދުވަހެއް އަތުވެދާނޭތީއެވެ. އެ ޚިޔާލުތަކުން އައިރާގެ ދެ ލޯ ފެންކަޅިވެގެން ދިޔައެވެ. ބަނޑުގައި ދެއަތުން ހިފަހައްޓާލެވުމާއެކު އައިރާއަށް އަނެއްކާ ވެސް ނިޔާނުގެ ނަން ކިޔާލެވުނެވެ.
"ތީ އަހަރެންގެ ލޯތްބަކީ... އަހަރެންގެ ހިތުގެ ފިނިކަމަކީ... މިއަނިޔާވެރި ދުނިޔެއިން އަހަރެން ގެންދޭ. ނިޔާނު، އަހަރެން ވެސް ގެންދޭ ނިޔާނާއެކު... އާދޭ އަހަރެން ބަލާ" ކުއްލިއަކަށް އައިރާގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އެއާއެކު ދެން އިވުނީ ލޫކަންގެ އަޑެވެ.
"އައިރާ! އަހަރެން މި ހުރީ އިންތިޒާރުގައޭ... ހާދަ ގިނައިރެއް ތިވަނީ" ލޫކަން އަޑު އިވިފައި އައިރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. މިފަހަކަށް އައިސް އައިރާގެ ހިތުގައި ސުވާލެއް އުފެދޭއިރަށް އެ ސުވާލަށް ޖަވާބުދޭ މީހާ ކަމުގައި ލޫކަން ވެއްޖެއެވެ. އެހެންވާންވީ ކީއްވެ ހެއްޔެވެ. ނިޔާނާ ކުރާ ކޮންމެ ޝަކުވާއަކަށް ޖަވާބު އަންނަނީ ލޫކަންގެ ދުލުންނެވެ. އައިރާ ވިސްނައިގަންނަން އުނދަގޫކަމަކަށް އެކަން ވެއެވެ. އެއްވެސް ޖަވާބެއްނެތް ސުވާލެކެވެ. ލޫކަން ދެވަނަ ފަހަރަށް އެއްޗެއް ބުނުމުގެ ކުރީން އައިރާ ދެއަތުން ދެ ލޮލާއި މޫނު ފުހެލާފައި އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
އައިރާ ފެނުމުން ލޫކަންއަށް ބަލަން ހުރެވުނީއެވެ. އަދި މަޑުމަޑުން ބޯޖަހާލިއެވެ. ހިނިތުންވެލީ އެއަށްފަހުއެވެ. އަދި ބޮޑުވައި އިނގިލި ދައްކާލަމުން ބަރާބަރު ކަމުގައި އިޝާރާތުން އަންގާލިއެވެ.
"ވަރަށް ރީތި... ރަތްކުލައާ އައިރާއާ ވަރަށް ގުޅޭ... ޔާނާ ވަރަށް މޮޅު. އެނގޭތަ! ޔާނާ ބުނި ހެދުން ހެޔޮވަރު ވެއްޖެއްޔާ އައިރާ ގޮވައިގެން އެގެއަށް އަންނާންވާނެއޯ. އަހަރެން މި އައީ އެކަމަށް އެއްބަސްވެފައި" ކަނދުރާގައި އެއްއަތުން ފިރުމާލަމުން ލޫކަން ބުނެލިއެވެ. އައިރާ ގާތުގައި ނުބުނެ އޭނާ މިފަހަރު ވެސް ކަމެއް ރޭވީއެވެ. އެހެންވެ އައިރާ ނުރުހިދާނެތީ ހިސާބަކަށް ޖެހިލުންވީއެވެ.
"އަހަރެން ދެން މި ހެދުން ބަދަލުކޮށްލަންތަ؟" ލޫކަންގެ ވާހަކައަށް އިޖާބަ ދިނުމުގެ ބަދަލުގައި އައިރާ ބުނެލިއެވެ.
"ތި ޝޯލް އެހާ ނުގުޅޭ. ޔާނާ އުޅުނު ޝޯލެއް ގަނެދޭން. އެކަމަކު އަހަރެންގެ އެދުމަށް އޭނާ ނުގަތީ. އެއީ ކީއްވެކަން ބުނާންތަ؟... އަސްލު... އަހަރެން ބޭނުންވީ އައިރާ ގޮވައިގެން ޝޯލް ގަންނަން ދާން. އެކަމަކު ފަހުން ހިތައް އެރީ އައިރާ ނުދާނެއޭ އަހަންނާއެކު ބާޒާރުކުރާކަށް. ރަނގަޅަށްތަ މި ހީވީ" ނޫންގޮތަކަށް ލޫކަން އަހާލިއެވެ.
"އާން!..." މަޑުމަޑުން އައިރާ ބުނެލިއެވެ.
"އާނއެކޭ... އައިރާ ހަމަ ނުދާނަންތަ އަހަންނާއެކު... ކީއްވެ؟" ދެ ލޯ ބޮޑުކޮށްލަމުން ލޫކަން އަހާލިއެވެ. ހީވީ އައިރާގެ ފަރާތުން އޭނާ އުންމީދު ނުކުރާވަރުގެ ޖަވާބެއް އައީ ހެންނެވެ.
"އަހަރެން ހެދުން ބަދަލުކޮށްގެން އެބަ ނުކުންނަން" ލޫކަން އެއްޗެއް ބުނާންދެން އައިރާ މަޑެއް ނުކުރިއެވެ. ދޮރުލައްޕާލުމާއެކު ލޫކަން ފަހަތަށް ޖެހިލިއެވެ. އަދި އައިރާ ނުކުނާންދެން އެ ކޮޓަރި ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ތުނބުން ރީތި ރާގެއް އޭނާ ކުޅެމުންދިޔައެވެ.
"އަހަރެން ވަނަސް އޯކޭތަ؟" އައިރާ ހެދުން ބަދަލުކޮށްގެން ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އަވަހަށް ލޫކަން އަހާލިއެވެ.
"ބޭރުގަ ތިބެގެން ވާހަކަނުދެއްކޭނެތަ؟"
"ގަސްދޮށަކުނޫން... މިތާ ބަދިގެ ކޮބާ؟ އެތާ އަހަރުމެންނަށް މަޑުކޮށްލެވިދާނެއެއްނު... އެހެންނޫނަށް އައިރާގެ ކޮޓަރީގައި އަހަރުމެން މަޑުކޮށްލިޔަސް މީހަކު އެއްޗެކޭ ނުބުނާނެ"
"ބަދިގެ އޯކޭ..." ލޫކަން ގިނަ ވާހަކަތަކެއް ދައްކަފާނެތީ އައިރާ ބުނެލިއެވެ.
"އައިރާ ލެޕްޓޮޕެއް ގެންގުޅޭންތަ؟" ލޫކަން ކޮށްލި ސުވާލުން އައިރާ ބަލާލީ ހައިރާންވެފައެވެ.
"އަހަރެން ނޫޅެމޭ އަތުލާކަށް. އޮތިއްޔާ ބުނެބަލަ" އައިރާ ބަލާލި ގޮތުން ލޫކަން ބުނެލިއެވެ. ލޫކަންއަށް ވީގޮތް ފެނުމުން އައިރާގެ ގާތަށް ހިނި ވެސް އައެވެ. އެހެންނަމަވެސް އޭނާ އެ ހިނިތުންވުން ހިންދާލީއެވެ. މޫނުމަތިން އެއްވެސް ކަމެއް ލޫކަންއަށް ފާޅުވެދާނޭތީއެވެ.
"އޭގެ ބޭނުމެއްނުކުރެވޭ" އައިރާ ބުނެލިއެވެ.
"އޭތި ގެނެސްބަލަ... އައިރާ ބޭނުންތަ އެ ބޭނުންކުރެވޭ ގޮތްވާން" މިފަހަރު ލޫކަންއަށް އައިރާ ބަލާލީ ތަފާތު ނަޒަރަކުންނެވެ. އެ ދެލޮލުން ލޫކަންއަށް ޖަވާބު ދެމުން ދިޔަ ނަމަވެސް އައިރާގެ ދޫ ހަރަކާތެއް ނުކުރިއެވެ.
"ލެޕްޓޮޕް ހިފައިގެން އާދެބަލަ. އޭރުން އަހަންނަށް އެހީއެއްވެވޭނީ" ބަދިގެ ތެރެއަށް ވަންނަމުން ލޫކަން ބުނެލިއެވެ. އައިރާ އެއްވެސް އެއްޗެއް ނުބުނެ ފަސްއެނބުރި ހިނގައިގަތެވެ. ހަލުވިކޮށް އޭނާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. އެމަންޒަރު ބަލަން ހުރި ލޫކަންގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.
ޚާދިމުންގެ ބަދިގެއަށް ލޫކަން ވަން ފުރަތަމަ ފަހަރެވެ. އޭނާ ކައިބޮއެ ހަދާ ބަދިގެއާއި ކާގެއަށްވުރެ އެތައް ގޮތަކުން އެ ބަދިގެ ކުޑައެވެ. ސާމާނު ވެސް މަދެއެވެ. އެހެންނަމަވެސް ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. އެއްފަރާތުގައި ހުރި ހަތަރެސްކަން ދިގު މޭޒު ދޮށުން ގޮނޑިއެއް ދަމާލާފައި ލޫކަން އިށީނެވެ. އައިރާގެ އާދައިގެ ދިރިއުޅުމަށް ލޫކަންގެ ހިތްޖެހިފައި ވެއެވެ. އޭނާ އެކި ދިމާއަށް ބަލަން އިންދާ އައިރާ އައިސް ބަދިގެއަށް ވަނެވެ. ދެއަތުން މޭގައި ޖައްސާލާފައި އޮތް ލެޕްޓޮޕު ހިފަހައްޓާލައިގެން ލޫކަންގެ ކުރިމަތީ ހުއްޓުނެވެ. އަދި ދެއަތުން ލެޕްޓޮޕް ދިއްކޮށްލިއެވެ. އަތުގައި އޮތް އެންމެ އަގުބޮޑު އެތި އެހެންމީހަކަށް ދިނުމަށް ޓަކައި ދިއްކޮށްލާ ފަދައަކުންނެވެ.
ލެޕްޓޮޕް މޭޒުމަތީ ބެހެއްޓުމާއެކު ލޫކަން ބަލާލީ ކަރަންޓު ސޮކެޓެއް ބަދިގޭގައި ހުރި ދިމާއެކެވެ. ނަސީބަކުން މޭޒުދަށުގައި ދެ ސޮކެޓު ހުއްޓެވެ. އެތަނުން އެއް ސޮކެޓަށް ހުރީ އައިސްއަލަމާރި ގުޅާފައެވެ. ދެން ހުރި ސޮކެޓު ހުސްކޮށް ހުރުމުން ލޫކަން އޭނާގެ މަސައްކަތް ފެށިއެވެ. މޭޒުމަތީ ބަހައްޓާލި ކޮތަޅުގެ ތެރެއިން ލެޕްޓޮޕް ވާގަނޑު ނަގާ ސޮކެޓަށް އެއްކޮޅު، އަނެއްކޮޅު ލެޕްޓޮޕަށް ގުޅާލިއެވެ. ލެޕްޓޮޕްގެ ބެޓެރީގެ ބޮކި ދިއްލުނު ވަގުތު އެއަށް ދިރުން އައި ފަދައިން ލޫކަންގެ ގާތުގައި ހުރި އައިރާގެ އަނގައިން އިވިގެން ދިޔަ ސިހުމުގެ އަޑުން އޭނާއަށް ދިރުން ލިބުނު ފަދައެވެ. ލޫކަން ހިނިތުންވެލާފައި އައިރާއަށް ބަލާލުމާއެކު މިފަހަރު އައިރާ ވެސް އޭނާއަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި އަވަސް އަވަހަށް ލޫކަންގެ ގާތުގައި ހުރި ގޮނޑި ދަމާލާފައި އައިރާ އިށީނެވެ.
"ކިހިނެއް ލޫކަންއަށް ހުރިހާ ކަމެއް އެނގެނީ... ކާކު ބުނީ؟ ކޭޓްތަ؟ އޭނާ ނޫން މީހަކަށް ނޭނގޭނެ އަހަރެންގެ އަތުގައި މި ލެޕްޓޮޕް އަދިވެސް އޮތްކަމެއް"
"އެއްވެސް މީހެއް ނުބުނޭ. ހެނދުނު ޑިއުޓީއަށް ދިއުމުގެ ކުރީން އައިރާ ދުށުމަށް އަހަރެން އައީ. ކޮޓަރީގެ ދޮރު އަބަދުވެސް ހުޅުވާފައި ހުންނާތީ އަހަންނަށް މި ލެޕްޓޮޕް ފެނުމުގެ ނަސީބު ލިބުނީ. ކޭޓްއާއި އައިރާ މި ލެޕްޓޮޕާ މެދު ވާހަކަދެއްކިއިރު އަހަރެން ދޮރު ކައިރީ ހުރީ... މީ އައިރާއަށް ވަރަށް މުހިންމު އެއްޗެއްކަން އަހަންނަށް އެނގޭ. ބޭނުންނުކުރެވިފައި އޮތީ ވެސް ކީއްވެކަން އެނގޭ... ހިނގާ ހުޅުވޭތޯ ބަލާލަމާ" ކެތްތެރިކަން ކުޑަވެފައި އިން ފަދައަކުން އައިރާ ނިކަން އަވަސް އަވަހަށް ބޯޖަހާލިއެވެ.
ހުޅުވާލި ލެޕްޓޮޕުގެ އިސްކުރީނު ދިއްލެން އިރުކޮޅެއް ނެގިއެވެ. ނަމަވެސް ލެޕްޓޮޕް ރަނގަޅަށް ހުޅުވުމާއެކު އޭގެ އިސްކުރީނުގައިވާ ފޮޓޯއިން ލޫކަންގެ ބަސްހުއްޓުނެވެ. ފިރިހެނެއްގެ އަތުގެ ތެރޭގައި އައިރާ އިންއިރު އެ ޒުވާނާގެ ތުންފަތްވަނީ އައިރާގެ ކޯތާފަތުގައި ޖައްސާލެވިފައެވެ. އައިރާގެ ދެލޮލުގައިވާ އާދަޔާ ޚިލާފު ވިދުމާއި ފުޅާ ހިނިތުންވުން އޭނާގެ އުފާވެރިކަން ދައްކުވައިދެއެވެ. ހުއްޓިފައިވާ މަންޒަރެއްކަމުގައި ވިޔަސް އެ ފޮޓޯއަށް ދިރުން ލިބިފައިވާހެން ލޫކަންއަށް ހީވިއެވެ. އައިރާގެ ހުނުމުގެ އަޑު އޭނާގެ ދެކަންފަތުގައި ގުގުމާލި ކަހަލައެވެ. އައިރާ މަޑުމަޑުން ލެޕްޓޮޕް އޭނާއާ ދިމާއަށް އަނބުރާލުމާއެކު ލޫކަންގެ ލޯ ކުރިމަތިން އެ މަންޒަރު ގެއްލުނެވެ.
"އެއީ... އެއީތަ ފިރިމީހާ" އައިރާއަށް ބަލާލަމުން ލޫކަން އަހާލިއެވެ. މިފަހަރު އޭނާގެ އަޑުގައި ޖޯޝެއް ނެތެވެ. އައިރާ ހިނިތުންވެލުމާއެކު ބޯޖަހާލިއެވެ.
"ނިޔާނު! އެއީ އަހަރުމެން ދެމީހުން އެކުގައި ނެގި ފުރަތަމަ ފޮޓޯ. ނިޔާނުގެ ފޯނުން ނެގީ" އެއްވެސް ޖެހިލުމެއްނެތި އައިރާ ވާހަކަދައްކަން ފެށިއިރު އާދަޔާ ޚިލާފު ދިރުމެއް އޭނާއަށް ލިބިފައި ވާކަހަލައެވެ. ނިޔާނުގެ ނަން ކިޔާލާއިރު އައިރާގެ ދެ ލޮލުން އުފާވެރިކަމާއި ހިތްހަމަޖެހުން ފާޅުވެއެވެ.
"އަހަރެން އައިކަންތައްވެއްޖެ. ދެން ދާންވީހެން ހީވަނީ" އައިރާއަށް އިރުކޮޅަކު ބަލަން އިނދެފައި ލޫކަން ބުނެލިއެވެ.
"ޝުކުރިއްޔާ! ޝުކުރިއްޔާ!... ޝުކުރިއްޔާއަކަށްވުރެ ބޮޑުކަމެއް ލޫކަން ތިކޮށްދިނީ. ކީއްވެތަ ލޫކަން ތިހާ ރަނގަޅީ" އުފާވެފައި އިން އައިރާ ހިނިތުންވެލިއެވެ. ލޫކަންއަށް އެވަގުތު ބުނާނޭ އެއްޗެއް ނޭނގުނެވެ. މަޑުމަޑުން އިންތަނުން އޭނާ ތެދުވީ އައިރާއަށް ހިނިތުންވުމެއް ދީފައެވެ. އެހެންނަމަވެސް އޭނާ އެނބުރި އައިރާއަށް ފުރަގަސް ދިނުމާއެކު އެ ހިނިތުންވުން ގެއްލިއްޖެއެވެ. ބަދިގެއިން ނުކުތުމުގެ ކުރީން ލޫކަންގެ ފިޔަވަޅު ހުއްޓުމަކަށް އައެވެ. އައިރާ އޭނާއަށް ގޮވާލާ މަޑުކޮށްލުމަށް ބުނާން ލޫކަން ބޭނުންވިއެވެ. ނަމަވެސް އައިރާގެ އަޑެއް އޭނާގެ ކަންފަތާ ހަމައަށް ނައެވެ. މަޑުމަޑުން ލައިގެން ހުރި ޖީންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލުމާއެކު ނުކުމެގެން ދިއުމަށް ހިނގައިގަތެވެ.
* * * *
ދެ ދުވަސް ހޭދަވެގެން ދިޔައިރު އައިރާ ދުށުމަށް ލޫކަން ނާދެއެވެ. އައިރާއަށް ލެޕްޓޮޕް ބޭނުންކުރެވޭނޭ ގޮތް ހަދައިދިނުން އެއީ ހެދުނު ގޯހެއް ކަމުގައި ބައެއްފަހަރަށް ލޫކަންއަށް ހީވަނީއެވެ. ނިޔާނުދެކެ އައިރާ ލޯބިވާވަރު ފެނުމުން ލޫކަންގެ ނަފްސު ބަލިކަށިވީއެވެ. އުންމީދު ގެއްލޭގޮތްވީއެވެ. އޭނާ ބޭނުންވީ އައިރާގެ ފަރާތުން ޚުދު އޭނާއަށް ޓަކައި އެފަދަ ލޯތްބެއް ދުށުމަށެވެ. ހިތްވަރު އެލުނު ވަގުތު ލޫކަންއަށް އަލުން ހިތްވަރު ދިނީ ޒޭންއެވެ.
"ލޫކް ހީކުރީ އައިރާގެ ލޯތްބަކީ އެހާ ފަސޭހަ ލިބިދާނެ އެއްޗެއްކަމަށްތަ؟ އައިރާ ކިތަންމެ ލޯބިވިޔަސް އޭނާއަށް އެ ލޯބީގެ ބަދަލުދޭން އައިރާގެ ފިރިމީހާއެއް ނާންނާނެ. އައިރާ ނިކަމެތިވެގެންދާ ވަގުތު އޭނާއަށް އެހީތެރިވެދޭން މިއަދު އެ ފިރިމީހާއެއްނެތް. ދުނިޔޭގައި ވެސް ނެތް މީހަކާ ހެދި ލޫކް ތި ޖެލަސްވަނީ... އާން! ތީ ހަމަ ޖެލަސްވުން. އައިރާ އެހެންމީހަކުދެކެ ލޯބިވާން ލޫކް ބޭނުންނުވަނީ. ލޫކް! އައިރާ އެހެންމީހަކުދެކެ ލޯބިވާކަން އެނގިހުރެ އޭނާދެކެ ލޯތްބެއް ނުވެވޭނެތަ؟ އޭނާ ދުވަހަކު ވެސް ލޫކްދެކެ ލޯބި ނުވިޔަސް އޭނާދެކެ ލޫކްއަށް ލޯތްބެއް ނުވެވޭނެތަ؟ ލޯބިވުމަކީ ބަދަލުގައި ލޯބި ލިބުމެއްނޫން ކަންނޭނގެ. އައިރާ އެއްފަހަރު ވެސް ނުބުނޭ ލޫކް ގާތުގައި އޭނާދެކެ ލޯބިވާށޭ. ވީއިރު ލޫކް ކީއްވެ ތި އެދެނީ ލޫކް ލޯބިވާވަރަށް އައިރާ ވެސް ލޯބިވާން ޖެހޭނެއޭ. އަހަރެންގެ ބައްޕަ އަހަރެންގެ މަންމަދެކެ ވީ އެފަދަ ލޯތްބެއް. އެހެންމީހަކު ދެކެ ލޯބިވާކަން އެނގުނެއްކަމަކު އަމިއްލަ ލޯބީގެ މައްޗަށް އޮތް އިތުބާރެއް ގެއްލުވާނުލާ. ލޯބީގާ ކުނިޖެހުނު... އެހެންނަމަވެސް އެއްފަހަރު ވެސް ޝަރުތެއްނުކުރޭ ބައްޕަ ލޯބިވާވަރަށް މަންމަ، ބައްޕަދެކެ ލޯބިވާން ޖެހޭނެއެކޭ. ބައެއްފަހަރު ތިމާ އެންމެ ލޯބިވާ މީހާގެ ރުޅިއާއި ނަފުރަތު ވެސް ތަޙައްމަލުކުރާންޖެހިދާނެ. ހަޔާތުގެ އެތައް އަހަރެއް ލޯބި ހޯދުމުގައި ހޭދަވެގެން ހިނގައިދާނެ. އަހަރެންގެ ވާހަކައަކީ... ބައެއްފަހަރު ލޯބިވުމަށް ތިމާ ވަރަށް ހިތްވަރުގަދަ މީހަކަށްވާންޖެހޭ. އެތައް ގުރުބާނީތަކެއްވާން ތައްޔާރަށް ހުރި މީހަކަށް ވާންޖެހޭ. އެ ލޯތްބަށް ޓަކައި ތިމާގެ ހަޔާތުން އެތައް އަހަރެއް ވޭދުކުރާން ޖެހުނު ކަމުގައި ވިޔަސް އެކަން ވެސް ކުރާން ތައްޔާރަށް ހުރި މީހަކަށް ވާންޖެހޭ. ލޫކް ބޭނުންވިޔަސް އައިރާ ފަދަ އަންހެންކުއްޖެއްގެ ލޯތްބަކީ ފަސޭހައިން ހޯދޭން ލޯތްބެއްނޫން. އޭނާއަށް ދެވަނަ ފަހަރަށް ލޯބިވާން ލޫކް ޖެހޭނީ ދަސްކޮށްދޭން. މި ދުނިޔެއަށް އޭނާ އަލުން އުފަންކުރާން ލޫކްއަށް ޖެހޭނީ. ވަކިވެ ގޮސްފައިވާ ފިރިމީހާގެ ހަނދާންތަކާއެކު އެއީ މާޒީކަން އައިރާއަށް ވިސްނައިދޭން ޖެހޭނީ. އެއީ އެންމެ ދުވަހަކުން ވާނޭ ކަންތައްތަކެއްނޫން. ލޯތްބަކީ ވަރަށް ފަސޭހައިން ވެވިދާނޭ އެއްޗެއް. އެކަމަކު އެ ލޯބީގައި ބަދަލުނުވެ ދެމި ހުރުމަކީ މަދު މީހަކަށް ނޫނީ ނުކުރެވޭ ކަމެއް" ކޮފީ މޭޒު ދޮށުގައި ލޫކަންއާއެކު އިން ޒޭން ބުންޏެވެ.
* * * *
އާދަޔާ ޚިލާފު ރަންކުލައިގެ ވިދުން ހުރި ކަރުދާހަކުން ހަދާފައިވާ ދޫންޏެއް ކުޑަދޮރުގެ ތަންޑުގައި ހަރުކޮށްފައި އިނުމުން އައިރާ އަވަހަށް އައިސް އެ ނެގިއެވެ. އަދި އޭގައިވާ ނޯޓުކޮޅު ކިޔަން އަވަސްވެގަތެވެ.
"ރަންދޫންޏެއް ފެނި އަހަރެންގެ މަޅީގައި ޖެހޭތޯ މަޅިފަތި ޖަހައިގެން އުޅޭތާ ވަރަށް ދުވަސްވެއްޖެ. އަހަރެންގެ މަޤްޞަދަކީ އެ ދޫނި ޤައިދުކުރުމެއްނޫން. އެކަމަކު އަހަރެންގެ ހިމާޔަތުގެ ދަށުގައި ބޭންދުން. އެހެންމީހަކު އެ ދޫނީގެ ފިޔަކޮށާލައި އަނިޔާވެރިވުމުގެ އިޒުނަ ނުދިނުން. އަހަންނަށް އެ ރަންދޫނި ވަރަށް ކަމުގޮސްފި. އަހަރެންގެ މަޅިފަތީގައި ޖެހޭނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން. އެ އިންތިޒާރުގައި އަހަރެންގެ މުޅި އުމުރު ހޭދަވީ ނަމަވެސް. ބައެއްފަހަރަށް ހަޔާތަށް ދެވަނަ ފުރުޞަތެއް އަންނަނީ ތިމާ އެކަމަށް ތައްޔާރުނުވަނީސް. އެކަމަކު އަހަރެން އެ ދުވަހަށް އިންތިޒާރު ކުރާނަން. އަހަންނަކީ ކާކުކަން އައިރާއަށް އެނގޭނެ... އަހަރެންގެ ދޫނިތަކަށް އައިރާ އިންތިޒާރު ކުރޭ. އެކަމަކު އެއީ ކީއްވެކަން ދެނެގަންނަން މަސައްކަތްކުރޭ. އަމިއްލަ ހިތާ ސުވާލުކުރޭ. މާޒީއާއެކު ހިނގުން ދޫކޮށްލާފައި މިއަދުގެ ހާލަތާ މެދު ވިސްނާ. އަންނަން އޮތް މުސްތަޤުބަލުގެ އުފާވެރިކަމާމެދު ވިސްނާ. އެއްވެސް އިންސާނަކު މުޅި އުމުރު އެކަނިވެރިކަމުގައި ހޭދަކުރާކަށް ނުޖެހޭނެ. އެ އެކަނިވެރިކަން ޚިޔާރުކުރަނީ ތިމާ އަމިއްލައަށް. އަހަރެން ބުނާން މިއުޅޭ ވާހަކަ އައިރާއަށް ވިސްނޭނެކަން އެނގޭ. ޖަވާބު ދޭން ބޭނުންވި ދުވަހަކުން އަހަންނަށް ޖަވާބު ދީ" ލަފުޒުގެ އެތުރުން ތަފާތެއްނޫނެވެ. އެއީ މީގެ ކުރީން ވެސް ދޫނިތަކާއެކު މެސެޖު ފޮނުވާ ފަރާތުން ލިޔެފައި އޮތް މެސެޖެކެވެ. މިފަހަރު އޭނާ އެވަނީ ސީދާ އައިރާއަށް މުޚާތިބުކޮށްފައެވެ. މުޅި މީހާ ފިނިވިއެވެ. ފުރަތަމަ ވެސް ދުލަށް އައީ ނަމަކީ ލޫކަންއެވެ. (ނުނިމޭ)