ހަބަރު

ނަޝީދަށް ކުރި ހުކުމް ލިޔުނީ ފަނޑިޔާރެއް ނޫން: އަދީބު

Jul 16, 2017
16

އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި ހުކުމް ލިޔުއްވީ ފަނޑިޔާރެއް ނޫން ކަމަށާއި އެ ހުކުމް ލިޔުން މީހާ އެނގިވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް ކުރި އިރު އަދީބުު ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގަ އެވެ.

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބު މިއަދު ނެރުން ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗައް ދައުވާ ކުރީ އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ނަޝީދު ސިޔާސީ މަސައްކަތްތައް ފެއްޓުމާ ގުޅިގެން ކަމަށާއި އެކަން ހުއްޓުމަކަށް ގެނައުމަށް ކަމަށެވެ. އެގޮތުން ނަޝީދުގެ މައްޗައް ކުރި ހުކުމަކީ ޝަރުއީ ކޯޓެއްގައި ފަނޑިޔާރަކު ލިޔުނު ހުކުމެއް ނޫން ކަމަށާއި އެ ހުކުމް ތައްޔާރު ކުރި ފަރާތްވެސް އެނގޭ ކަމަށް އަދީބު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"...އެ މައްސަލާގައި ފުރަތަމަ ޑްރާފްޓު ކުރެވުނު ހުކުމުގައި އޮތީ މުހައްމަދު ނަޝީދުގެ މައްޗައް 10 އަހަރުގެ ޖަލު ހުކުމެއްކޮށް އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަސް ކުރަން. ނަމަވެސް 13 އަހަރު ޖަލަށްލުމަށް ހުކުމް ކުރާ ގޮތަށް އެ ހުކުމަށް ބަދަލު ކުރީ ކޮން ފަރާތެއް އަމުރުކޮށްގެން ކަން ވެސް އަޅުގަނޑަށް އެނގޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަޝީދުގެ މައްޗައް ކޮށްފައިވާ ހުކުމަކީ ފަނޑިޔާރުުންނަށާއި އަދުލުއިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުކޮށްގެން ކޮށްފައިވާ ހުކުމެއް ކަން ސާބިތުވާ ވަރަށް މައުލޫމާތު ހުރި ކަމަށާއި އެ މައުލޫމާތު ސުޕްރީމް ކޯޓުގައި ހާމަ ކުރުމަށް ފުރުސަތު ދެއްވައިފި ނަމަ ސާބިތުވާނެ މިންވަރަށް މައުލޫމާތު ދޭން ތައްޔާރަށް ހުރި ކަމަށް ބަޔާނުގައި އަދީބު ވިދާޅުވެފައިވެ އެވެ. އަދީބު އިތުރަށް ވިދާޅުވެފައި ވަނީ އެއްވެސް މީހެއްގެ މައްޗައް ހުކުމްކޮށްފައިވަނީ ގާނޫނާ ހިލާފަށް ޝަރިއްޔަތަށް ނުފޫޒު ފޯރުވައިގެން ކަން އެ މަައްސަލަގެ މަރުހަލާތައް ނިިމޭ ފަހުން ވެސް ސަބިތުވެއްޖެ ނަމަ ސުޕްރީމް ކޯޓުން އެކަން ބަލަން ޖެހޭނެ ކަން ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބަލާ ޝަރިއްޔަތަށް އަދީބު ހާޒިރު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.