'ޕެރިސް އެކޯޑް' އިން އެމެރިކާ ވަކިވާން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރައްވައިފާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފްރާންސްގެ ރައީސް އިމެނުއަލް މެކްރޯން ވިދާޅުވެއްޖެއެވެ.
ޕެރިސް އެކޯޑަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރެވޭތޯ މަސައްކަތް ކުރުމަށް ދުނިޔޭގެ ގައުމުތަކުން ސޮއިކޮށްފައިވާ މުއާހަދާއެކެވެ.
މެކްރޯން މިމޭރުމުން ވާހަކަފުޅު ދެއްކެވީ ޓްރަމްޕް ފްރާންސަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވި ފަހުން ލެ ޖާނަލް ޑޫ ޑިމޭންޗީ (ޖޭޑީޑީ) އަށް ދެއްވި އިންޓަވިއުއެއްގައި ކަމަށް ރޮއިޓާސް ބުންޏެވެ.
"(ޓްރަމްޕް) އަޅުގަނޑު ގާތު ވިދާޅުވީ ހައްލެއް ހޯއްދަވަން ކުރިއަށް އޮތް މަސްތަކުގައި މަސައްކަތް ކުރައްވާނެ ކަމަށް. އޭނާއަށް ޕެރިސް އެކޯޑަށް އަނބުރައި ވަަޑައިގެންނެވޭނެ ކަންތައްތަކާ މެދު އަޅުގަނޑުމެން ތަފުސީލުކޮށް ވާހަކަ ދެއްކިން،" ޖޭޑީޑީ އަށް ދެއްވި އިންޓަވިއުގައި މެކްރޯން ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.
ޕެރިސް އެކޯޑުން އެމެރިކާ ވަކިވާން ނިންމެވިކަން އިއުލާން ކުރެއްވުމަށް ފަހު ޓްރަމްޕް އޭރު ވިދާޅުވެފައި ވަނީ އެ މުއާހަދާއަކީ ދުނިޔެ ތަޣައްޔަރު ކުރުމުގައި އެންމެ ކުރީގައި އުޅޭ ޗައިނާ ފަދަ ގައުމުތަކަށް މާ ފަސޭހަކޮށް އޮތް މުއާހަދާއެއް ކަަމަށެވެ. އެ މުއާހަދާއިން އެމެރިކާގެ ސިނާއަތްތައް ނުރައްކަލަށް ހުށަހެޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕެރިސް އެކޯޑްގައި 2015 ވަނަ އަހަރާ ހަމައަށް 200 ގައުމަކުން ސޮއިކޮށްފައި ވެއެވެ. އެމުއާހަދާގެ އަމާޒަކީ ދުނިޔެ ހޫނުވަމުން އަންނަ މިންވަރުން ދެ ޑިގްރީ ނުވަތަ އެއަށް ވުރެވެސް ބޮޑަށް މަދު ކުރެވޭތޯ މަސައްކަތް ކުރުމެވެ. އެގޮތުން ދުނިޔެ ހޫނުވުމަށް މެދުވެރިވާ ކާބަން ޑައިއޮކްސައިޑާއި އެނޫން ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރަން މުއާހަދާގައި ބައިވެރިވި ގައުމުތަކުން ވަނީ އެއްބަސްވެފައެވެ. އެމެރިކާއަކީ ދުނިޔޭގެ ޖައްވަށް އެންމެ ގިނައިން ވިހަ ގޭސްތައް ބޭރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.