ދުނިޔެ

ލަންޑަނުގައި މިދިޔަ އަހަރު އެކަނި 450 އަށް ވުރެ ގިނަ އެސިޑް ހަމަލާ

އެސިޑުން ދޭ ހަމަލާތަކަކީ ވަރަށް އަނިޔާވެރި ހަމަލާތަކެކެވެ. އެފަދަ ހަމަލާއެއްގެ ޝިކާރައަކަށްވާ މީހާގެ ހަންގަނޑު ވިރި، މަސްގަނޑު އަނދައި، މޫނު ނުވަތަ ހަށިގަނޑުގެ ސިފަ ގެއްލޭތީއެވެ. އިންތިހާއަށް ރިހުން ގަދަ އެފަދަ ހަމަލާތަކުން ކޮންމެ ފަހަރަކު މީހާ މަރު ނުވިޔަސް، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހެއެވެ.

ދެކުނު އޭޝިއާގެ ބައެެއް ގައުމުތަކުގައި އެއީ އާއްމު ކަމެކެވެ. ނަމަވެސް މިހާރު އެކަން ބާރަށް އިތުރުވަމުން ދަނީ އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް ކިންގްޑަމް( ޔޫކޭީ)ގެ ވެރިރަށް ލަންޑަނުގައެވެ.

ސީއެންއެން ބުނީ ލަންޑަން ގައި މިދިޔަ 2016 ވަނަ އަހަރު އެކަނި ވެސް 450 އަށް ވުރެ ގިނަ އެސިޑް ހަމަލާ ދިން ކަމަށް މެޓްރޮޕޮލިޓޭން ޕޮލިސްގެ ތަފާސް ހިސާބުތަކުން ދައްކާ ކަަމަށެވެ. އެއީ 2015 ވަނަ އަހަރު ދިން އެފަދަ ހަމަލާތަކުގެ އަދަދާ އަޅައި ބަލާއިރު 173 ޕަސެންޓްގެ އިތުރުވުމެކެވެ. އެއަހަރު ދިން ކަމަށް ރެކޯޑް ކުރެވިފައި ވަނީ 261 ހަމަލާއެވެ. އަދި އެއީ 2012 ވަނަ އަހަރާ އަޅާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

ފާއިތުވި ހަ އަހަރު ތެރޭގައި ލަންޑަނުގައި ދިން އެފަދަ ހަމަލާތަކުގެ ޖުމްލަ އަދަދަކީ 1805 އެވެ. އަދި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދަކީ ތިނެކެވެ.

ކީއްވެ؟

އަނިޔާވެރި އެސިޑް ހަމަލާތައް އިތުރުވާ ސީދާ ސަބަބެއް ފުލުހުންނަކަށް ނޭނގެއެވެ. ނަމަވެސް އެކަމަށް މަގުފަހިވާ ބައެއް ސަބަބުން އެމީހުންނަށް އެނގެއެވެ. އެއް ސަބަބަކީ އެސިޑް ހަމަލާދޭން ބޭނުންވާ މާއްދާތައް ފިހާރަތަކުން ފަސޭހައިން ގަންނަން ލިބެން ހުރުމެވެ. އަދި އެފަދަ މާއްދާތައް ގަންނަ މީހުންނާ ފިހާރަތަކުގެ ސޭޓުން ސުވާލުކުރަން ނުޖެހުމެވެ.

ލަންޑަނުގެ ހެކްނީ ބޮރޯ ނަމަކަށް ކިޔާ ސަރަހައްދުގެ ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް ސިމޯން ލޯރެންސް ސީއެންއެންއަށް ވިދާޅުވެފައި ވަނީ ކެމިކަލްތައް ވިއްކުން ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

" އެއީ ޑްރެއިން ކްލީނާ، އޮވެން ކްލީނާ، އެމޯނިއާ، މިހިރީ ހަމަ ގަނެވިދާނެ ގެވެހި މާއްދާތައް. ވިއްކާ މީހުންނަށް އަހަރެން ގޮވައިލާނީ އިޖުތިމާއީ ޒިންމާ އަދާކުރާށޭ،" ލޯރެންސް ވިދާޅުވި ކަމަށް ސީއެންއެންގެ ހަބަރުގައި ވެއެވެ.