ބޭރު ކުޅިވަރު

އަބްދުލްހަކް ނޫރީ: އުންމީދީ ކުޅުންތެރިޔާގެ ކެރިއަރު ނިމުނީ ހީވެސް ނުކުރާ ގޮތަކަށް

Jul 16, 2017

ނެދަލޭންޑްސްގެ އެންމެ މަޝްހޫރު އެއް ކްލަބު ކަމަށްވާ އަޔަކްސް އެމްސްޓްރަޑަމް އަށް ކުޅެމުންދިޔަ ނެދަލޭންޑްސްގެ ޒުވާން މިޑްފީލްޑަރު އަބްދެލްހަކް ނޫރީއާ މެދު އެ ކްލަބުން ފޮނި އުންމީދުތަކެއް ކުރި އެވެ. އުމުރުން އެންމެ 20 އަހަރު ނޫރީ އަކީ ހުނަރުވެރި ކުޅުންތެރިޔެކެވެ. އަޔަކްސް އާއި ނެދަލޭންޑްސްގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށްވުމުގެ ހުނަރު އޭނާ ކިބައިން ފެނެ އެވެ. އެކަމަކު އަޔަކްސްގެ ޕްރީ ސީޒަންގެ މެޗެއްގެ ތެރެއިން ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން، ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ނޫރީ ކުރި ކުރަމުންދިޔަ އުންމީދުތައް ވަނީ ހީނުކުރާ ގޮތަކަށް ފެނަށް ގޮސްފަ އެވެ. ނޫރީ އަށް ދިމާވި ހިތުގެ މައްސަލަތަކާ ގުޅިގެން، އޭނާ އަށް އަލުން ކުޅެވޭނެ ކަމުގެ އެއްވެސް އުންމީދެއް މިހާރު ނެތެވެ.

ކުރިއަށް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ދާދި ފަހުން ޖަރުމަންގެ ވާޑާ ބްރޭމަންއާ ދެކޮޅަށް އަޔަކްސްގެ ކުޅުނު މެޗުގައި ކުޅެން ކުޅެން އަރައި ހުއްޓައި، ނޫރީ ވަނީ ދަނޑު މައްޗަށް ވެއްޓިފަ އެވެ. ދަނޑުމަތީގައި ނޫރީ އަށް އެމަޖެންސީ ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް އޭނާ ވަނީ ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އަޔަކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޫރީ އަށް ދިމާވި ހިތުގެ މައްސަލައަކާ ގުޅިގެން އޭނާ ފަރުވާ ހޯދަމުންދިޔަ ނަމަވެސް، އޭނާ އަށް އަލުން ކުޅެން ނުކުމެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. އަދި ހިތަށް ދިމާވި މައްސަލައިގެ ސަބަބުން، ނޫރީގެ ސިކުނޑި އަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި އޭނާ މުޅިން ރަނގަޅުވުމަކީ ނާދިރު ކަމެއް ކަމަށެވެ.

އަޔަކްސްގެ ސަޕޯޓަރުން ވަނީ ނޫރީ އާއި އޭނާގެ އާއިލާ އަށް ސަޕޯޓަރުންގެ ސަޕޯޓާއި ހަމްދަރުދީ އޮތްކަން ދެއްކުމުގެ ގޮތުން ނޫރީގެ އާއިލާ ދިރިއުޅޭ ގޭގެ ބޭރުގައި އެއްވުމެއް ބާއްވައިފަ އެވެ. މި އެއްވުމުގައި އަޔަކްސްގެ އެތައް ސަތޭކަ ސަޕޯޓަރުން ބައިވެރިވި އެވެ.

މިދިޔަ ސީޒަންގައި އަޔަކްސްގެ ސީނިއާ ޓީމަށް ކުޅެން ފެށި ނޫރީ ވަނީ އެ ކްލަބަށް 15 މެޗު ކުޅެ، އެއް ލަނޑު ޖަހައިފަ އެވެ. ނޫރީ ވަނީ ނެދަލޭންޑްސްގެ ޖޫނިއާ ޓީމުތަކަށް ވެސް ކުޅެފަ އެވެ.

އަޔަކްސްގެ ސީއީއޯ އެޑްވިން ވެންޑަސާ ބުނީ ނޫރީ އަށް ދިމާވި ހާދިސާ އަކީ އެ ކްލަބަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.

"ނޫރީ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. އެކަމަކު އެ ހުނަރުން އޭނާ އަށް ފުޓްބޯޅަ އޮތް މުސްތަގްބަލެއް ދެން އަހަރެމެންނަށް ނުފެންނާނެ،" ކުރިން ޔުވެންޓަސް އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އަޔަކްސްގެ ގޯލު ބެލެހެއްޓި ވެންޑަސާ ބުންޏެވެ. "މިއީ މި ކްލަބަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. ނޫރީގެ އާއިލާ އާއި ރައްޓެހިންނަށް މި ކްލަބުގެ ހަމްދަރުދީ އެބައޮތް."

ނޫރީ އަށް ދިމާވި ހާދިސާއާ ގުޅިގެން ފުޓްބޯޅައިގެ ދުނިޔޭގެ ހަމްދަރުދީ ވަނީ އޭނާ އަށް ލިބިފަ އެވެ. އަދި މި ހިތާމަވެރި ހާދިސާގައި ޔޫރަޕްގެ ކްލަބުތަކުންނާއި ކުޅުންތެރިން ވަނީ އޭނާ އަށް ހަމްދަރުދީގެ ގިނަ މެެސެޖްތަކެއް ފޮނުވައިފަ އެވެ.