ބޮލީވުޑް

އުފަންދުވަހަށް ޕްރިޔަންކާ އާއިލާ އާއެކު ރާއްޖެ އަށް

Jul 16, 2017
3

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ހޮލީވުޑްގައި ވެސް ފިޔަ ޖަހަން ފަށާފައިވާ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްޅާ އާއިލާ އާއެކު އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސްފި އެވެ.

މި މަހުގެ 18 ވަނަ ދުވަހު އުފަންދުވަސް ފާހަގަކުރާ ޕްރިޔަންކާ ރާއްޖެ އައިކަން އޭނާ އިންސްޓަގްރާމަށް ލާފައިވާ ސްޓޯރީތަކުން ވަނީ ޔަގީންވެފަ އެވެ. ބައެއް ބޮލީވުޑްގެ ނޫސްތަކުން ވެސް ވަނީ އޭނާ ޗުއްޓީ ހޭދަކުރަން އައީ ރާއްޖެ ކަމަށް ވެސް ބުނެފަ އެވެ.

މަންމަ ،މަދޫ ޗޯޕްޅާ އާއި ކޮއްކޮ ސިދާތް ޗޯޕްޅާ އާއެކު ޕްރިޔަންކާ ރާއްޖެ އައިސްފައިވަނީ މިއަދުގެ ހެނދުގެ ވަގުތެއްގަ އެވެ. އެއާ ޓެކްސީގައި ޗުއްޓީ ހޭދަކުރާ ރިސޯޓަށް ދަނިކޮށް ވެސް ނަގާފައިވާ ވީޑިއޯތައް ލާފައިވާއިރު، ސުވިމިން ޕޫލަކާއި ފެހި ގަސްތައް ފެންނަން ހުންނަ ފޮޓޯއެއް ވެސް ޝެއާކޮށްފަ އެވެ.

ދެވަނަ ހޮލީވުޑް ފިލްމު "އަ ކިޑް ލައިކް ޖޭކް" ގެ ޝޫޓން ފެށިތާ ގިނަ ދުވަހެއް ނުވަނީސް ބްރޭކެއް ނަގައި ޗުއްޓީ އަށް ރާއްޖެ އައުމުގެ ކުރިން ވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ޕާޕްލް ފެބަލްސްއިން އުފެއްދި ދެވަނަ މަރާޓީ ފިލްމުގެ ޕްރިމިއާގައި ބައިވެރިވެފަ އެވެ. ދެތިން ދުވަހު އިންޑިއާގައި ހުރުމަށްފަހު ރާއްޖެ ޗުއްޓީ އަކަށް އައި ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓެއް ހާމަކޮށްފައެއްނުވެ އެވެ.

ރޭ ނިއުޔޯކްގައި ބޭއްވި އިންޑިއަން އިންޓަނޭޝަނަލް ފިލްމު އެވޯޑްސް (އައިފާ) ހަފްލާގައި ޕްރިޔަންކާ ބައިވެރިވެފައެއްނުވެ އެވެ. އޭނާ ވަނީ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި ދެވަނަ ފިލްމުގެ ޕްރިމިއާގައި ބައިވެރިވާން ބޭނުންވާތީ އާއި އައިފާ ބޭއްވުނު ހަފްތާ އަކީ އޭނާ އުފަންދުވަސް ވެސް އަންނަ ހަފްތާ އަށް ވުމުން އާއިލާ އަކު އުފަންދުވަސް ފާހަގަކުރަން ބޭނުންވުމުން އައިފާ ހަފްލާގައި މި އަހަރު ބައިވެރިނުވީ ކަމަށް ބުނެފަ އެވެ.

"އުޅެން ޖެހޭލެއް ބުރަކަމުން އާއިލާ އާއެކު މާގިނަ ވަގުތު ހޭދަކުރާކަށް ނުލިބޭ. މިއަހަރު އުފަންދުވަސް ފާހަގަކުރަން ބޭނުންވަނީ އާއިލާ އާއެކު ފަސް ވަރަކަށް ދުވަހުގެ ޗުއްޓީއެއް ނަގައިގެން،" ޕްރިޔަންކާ ބުނެފައިވެ އެވެ.

ޕްރިޔަންކާ ވަނީ 2015 ވަނަ އަހަރުގެ އާ އަހަރު ފާހަގަކުރުމަށް ބޭއްވި މިއުޒިކް ޝޯގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.

މިފަހަކަށް އައިސް ރާއްޖެ ވަނީ ބޮލީވުޑްގެ ތަރިންގެ އެންމެ ފެވަރިޓް ހޮލިޑޭ ޑެސްޓިނޭޝަނަށް ވެފަ އެވެ.

މިފަހުން މަޝްހޫރު ދެތަރިން ކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖޮލް ވެސް ވަނީ އާއިލާ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.