ހަބަރު

ހުޅުމާލޭގައި ފްލެޓް އަޅަން 159 މިލިއަން ޑޮލަރުގެ ލޯނު

Jul 16, 2017
5

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ ހައުސިން މަޝްރޫއަށް ޗައިނާ ޑިވަލޮޕްމަންޓް ބޭންކް، ސީޑީބީ އިން ރާއްޖެއަށް 159 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި އެވެ.

ހުޅުމާލޭގެ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރުމަށް ހުޅުމާލޭގައި މިއަދު ބޭއްވި ޓްއާއަށް ފަހު، ހުޅުމާލޭ ބަލަހައްޓާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ، ސީޑީބީ އިން ދޭ 159 މިލިއަން ޑޮލަރުގެ ލޯނުން ހިންގުމަށް ހަމަޖެހިފައި ވަނީ ދެވަނަ ފިޔަވަހީގައި 1530 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ކުޑަ އިޓަރެސްޓް ރޭޓެއްގައި 12 އަހަރުން ދުވަހުން ދައްކައި ހަލާސްކުރާ ގޮތަށް ހަމަޖައްސައިދިން ލޯނެއް ކަމަށެވެ.

"މި ލޯން މި ހަމަޖެހުނީ އިއްޔެ. މި ލޯނުގެ ދަށުން މި އަޅާ ފްލެޓްތައް ވެސް 2018 އަށް ނިންމާލެވޭނެ،" ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން އެންމެ ފުރަތަމަ ތަރައްގީ ކުރަނީ 7،120 ހައުސިން ޔުނިޓެވެ. އަދި މެދު ފަންތީގެ ހައުސިން ޔުނިޓްގެ ގޮތުގައި 3،000 ހައުސިން ޔުނިޓް އިމާރާތްކުރާނެ އެވެ. އެ މަޝްރޫއުގެ ދަށުން އަޅާ އާދައިގެ ހައުސިން ޔުނިޓެއްގެ ބޮޑުމިނަކީ 57-85 އަކަމީޓަރެވެ. މެދު ފަންތީގެ ހައުސިން ޔުނިޓެއްގެ ބޮޑު މިނަކީ 80-90 އަކަމީޓަރެވެ.

ސައިމަން ވިދާޅުވީ ބޭރުގެ ބޮޑެތި މާލީ އިދާރާތަކުން ހުޅުމާލޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ކަމަށެވެ. އަދި ހުޅުމާލެއަށް މި އޮންނަ ޝައުގުވެރިކަން އިހުނަށް ވުރެ އިތުރުވަމުން އަންަކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.