- އެމްޑީޕީން އަދީބަށް ކުރި ތުހުމަތުތައް ފަނޑުވެއްޖެ
- ނަޝީދު، ލުތުފީ ފިލުވި ފަދައުން އަދީބަށް ފުރުސަތު ދެނީ
- އަދީބުގެ ވާހަކަ ކިޔައިދިނުމަކީ ނަޝީދަށް ހޯދާ ފުރުސަތެއް
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށިގެން އައިސް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމަޔަށް އައިއިރު އަހުމަދު އަދީބަކީ ސަރުކާރުގެ "ފްރަންޓް މޭން" އެވެ. ސުމަކުން ފައްޓަވައި ވަރަށް ވިސްނުން ތޫނު ކަމާއެކު ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ދަރަޖައަކަށް ވަޑައިގެންނެވި އިރު ސިޔާސީ ގޮތުންނާއި ޒުވާނުންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ވެސް އަދީބު ހޯއްދެވި އެވެ. މިހާރު އަދީބުގެ މައްޗައް ކުރެވޭ ތުހުމަތުތަކާއި ސާބިތުވެ ހުކުމް އިއްވުނު ކަންކަމަށް ބަލާއިރު އޭނައަކީ ފަހުގެ ތާރީހުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި އުފެދުން އެންމެ ނުރައްކާތެރި ޕޮލިޓީޝަނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް، ކައިރި ކައިރީގައި ބޮޑެތި ބަދަލުތަކެއް އަންނަމުން ދާ މި ދަނޑިވަޅުގައި އަނެއްކާވެސް އަދީބުގެ ފަރާތުން ފެނިގެން މިދަނީ އޭނާ ކުރައްވާނެ ކަމަށް ކުރިން ހީވެސް ނުކުރެވޭ ފަދަ އަމަލުތަކެކެވެ. ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މަގާމުތަކުގައި އަދީބު ހުންނެވި އިރު ސަރުކާރުން ހިންގާފައިވާ ޖަރީމަތަކެއް އެނގޭ ކަމަށް ވިދާޅުވެ ސިޓީތަކާއި ބަޔާންތައް އާންމު ކުރައްވަނީ އެވެ. އެ ސިޓީތަކުގެ މައްސަލަ ފުރޮޅިގެން ދާ ގޮތުން އެއީ 33 އަހަރުގެ ހުކުމެއް އައިސް، ޖަލުގެ ތޭރިތަކުގެ ފަހަތުގައި އޮވެގެން ވެސް އަދީބަށް ސަރުކާރާ ދިމާލަށް ފޮނުވާލެވޭ ހަމަލާތަކަކަށް ވަނީވެފަ އެވެ.
ސަރުކާރަށް ތުހުމަތު ކުރާ ކަންކަން ފަޅާ އަރުވަން ކަމަށް ބުނެ އަދީބު ކުޅުއްވަން ފެށި ކާޑާއި އެކަން ޕްރޮމޯޓު ކުރުމުގައި އެމްޑީޕީން މިހާރު ކުޅެމުން އަންނަ ރޯލަށް ބަލާއިރު ގިނަ ސުވާލުތަކެއް އުފެދިގެން ދެ އެވެ. އެންމެ ބޮޑު ސުވާލަކީ މި ހުރިހާ ކަމަކުން އަދީބު ހާސިލް ކުރައްވަން ބޭނުންވާ އަލްޓިމޭޓް ގޯލް އަކީ ކޮބައި ހެއްޔެވެ؟ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކުރިމަތީ އޮތް މީހަކަށް ސަރުކާރަށް ޖެއްސުންކޮށްގެން ވާނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ ދެވަނަ ކަމަކަށް އަދީބު ސަރުކާރުގެ ތެރޭގައި ހުންނެވި އިރު އޭނާއަށް އިދިކޮޅު އެމްޑީޕީން ކުރި ތުހުމަތުތައް މިހާރު ކޮބައި ހެއްޔެވެ؟ އެ ތުހުމަތުތަކުގެ އަޑު މަޑުވެފައި ވަނީ ކީއްވެ ހެއްޔެވެ؟
މި ސުވާލުތަކުގެ ޖަވާބު ހޯދަން އަދީބުގެ އަތުގައި ބާރުތައް އޮތް އިރު ހިނގި ކަންކަމާއި މިހާރު އަދީބު ހިމަނައިގެން ސިޔާސި މަސްރަހުގައި ހިނގާ ކަންކަމުގެ ތެރެއަށް ފީނާލަން ޖެހެ އެވެ. އަދި ބައެއް ކަންކަން އަލުން ހަނދާނަށް ގެނައުން ވެސް މުހިންމެވެ.
ހާލަތާ އެއްގޮތަށް އަދީބުގެ ބަސްމަގު ބަދަލުވުން
"ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރީ ނަޝީދުގެ އޯޑަރަށް އެތައް ބައެއްގެ ކުރިމަތީގައި. އެއަށް ފަހު ފަނޑިޔާރުގެއާ 100 ފޫޓަށް ވެސް އަބްދުﷲ ގާޒީއަށް ކައިރި ނުވެވޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވާ އޯޑިއޯތައް އެބަހުރި. ނަޝީދުގެ މައްޗައް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ނޫން. ނަޝީދަށް ދައުވާކޮށްފައި ވަނީ ޕީޖީން އެ މައްސަލަ ރަނގަޅަށް ބަލާ ދިރާސާ ކުރުމަށްފަހު،"
މިއީ ފެބްރުއަރީ 23، 2015 ގައި ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް އަދީބު ދެއްވި އިންޓަވިއުއެއްގައި އޭނާއަށް ސަރުކާރުގެ ތެރޭގައި ލިބިފައި އޮތް ބާރާ ޔަގީން ކަންމަތީ ދެއްކެވި ވާހަކަފުޅެކެވެ. ނަމަވެސް މި ވާހަކަތަކާ އަދީބު އެންމެ ފަހުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވާ ކަންކަމަށް ފުށުއަރަ އެވެ.
އެ ސިޓީގައިވާ ގޮތުން ރައީސް ނަޝީދުގެ މައްޗައް ދައުވާ ކުރީ ކާނަލް މުހައްމަދު ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ރައީސް ނަޝީދު ސިޔާސީ މަސައްކަތްތައް ފެށުމުން އެކަން ހުއްޓުމަކަށް ގެނައުމުގެ ގޮތުންނެވެ. އަދި ނަޝީދުގެ މައްޗައް ހުކުމް ކުރީ ފަނޑިޔާރުންނާއި އަދުލުއިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކަމަށް އަދީބު ތުހުމަތު ކުރައްވަ އެވެ.
މިއީ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި ކުރި ހުކުމާ ގުޅޭ ގޮތުން އަދީބުގެ ފަރާތުން ނެރުނު "ސިއްސައިގެން" ދާ ސިޓީއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަ ކުރެ އެވެ. ނަމަވެސް މި ސިޓީއާ ގުޅިގެން އިދިކޮޅު ފަރާތްތައް ސިހެންވީ ސަބަބެއް ނުފެނެ އެވެ. މިއީ ރައީސް ނަޝީދުގެ މައްޗައް ދައުވާ ކުރި ހިސާބުން ފެށިގެން އެމްޑީޕީ އިން ހުއްޓުމެއް ނެތި ގޮވަމުން އައި ވާހަކަ އެވެ. އާ ކަމަކީ މި ވާހަކަތައް އަދީބުގެ ފަރާތުން ލިބުމެވެ.
ކޮންމެއަކަސް އަދީބު އޭރު ހުންނެވި މަގާމުން މިހާރު ހުރި ހާލަތަށް ދިޔުމުން އޭނާގެ ބަސްމަގު ބައްދަލުވެއްޖެ އެވެ. އެހެންކަމުން މިހާރު ދައްކާ ވާހަކަތަކުގައި ކިހާ ބުރަދަނެއް ހުންނާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެ ވާހަކަތައް ހާމަކޮށްލުމުގެ ބޭނުމަކަށް ވާނީ ކޮންކަމެއް ހެއްޔެވެ.
"އަދީބަކީ އަޅުގަނޑާ ވަރަށް ގާތްކޮށް އެއްކޮ އުޅުއްވި ބޭފުޅެއް. ނަމަވެސް އަޅުގަނޑުވެސް މަރާލަން އުޅުއްވު ބޭފުޅެއްވީމަ މި ވާހަކަ ދައްކަން ތަންކޮޅެއް އުނދަގޫވޭ. އެކަމަކު މި ދަންނަވަނީ މިއަދު އަދީބުގެ ދައްކާ ވާހަކަ ގަބޫލު ކުރާނީ ކާކުތޯ. މި ހުރިހާ ދުވަހު އެ ވާހަކަ ނުދައްކާ މިއަދު އޮތް ހާލަތަށް ދިޔައީމަ އެ ވާހަކަ ދައްކައިގެން ކާކުތޯ ގަބޫލު ކުރާނީ. 33 އަހަރުގެ ހުކުމެއް އައިސްފައި ހުރި ބޭފުޅަކު އެތަނުން ސަލާމަތްވާން ވެގެން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކާފާނެ. އެއީ އެއްވެސް އަސްލެއް ހުރި ވާހަކައެއް ކަމެއް ގަބޫލެއް ނުކުރެވޭ،" ސިޔާސީ ގޮތުން ސަރުކާރަށް އަންނަ ގޮންޖެހުންތަކަށް ޖަވާބު ދިނުމުގައި އެންމެ ކުރީގައި މިހާރު ހުންނަވާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި އަދީބު ދައްކަވަނީ ބުރަދަނެއް ނެތް އަދި ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އަދި އެކަން ކުރަނީ ޖަލުން "ދެމިގަނެވޭނެ" އިތުރު ގޮތެއް ނެތުމުންނެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނާއި އަދިވެސް ބައެއް ވަކީލުން ވެސް އިއްތިފާގުވާ ގޮތުން ނަމަ ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަދީބު އަތުގައި ހެކި ހުރެ ޝަރުއީ ކޯޓެއްގައި އެކަން ހާމަ ކުރަން ބޭނުން ނަމަ އެ ފުރުސަތު ލިބިދޭން ޖެހޭނެ އެވެ. ކުރިން އަދީބު ހުންނެވި މަގާމުގެ ގޮތުން ގިނަ ކަންކަން އަދީބަށް އެނގި ވަޑައިގަތުން އެކަށީގެންވެ އެވެ. އެހެންކަމުން އަދީބު އެދި ވަޑައިގަންނަވާ ގޮތަށް ކޯޓުގައި އަދީބު ބޭނުންފުޅުވާ ކަންކަން ހާމަ ކުރުމުގެ ފުރުސަތު ދޭން ޖެހެ އެވެ. އެކަމަކު އެއީ އެހެންވާ ކަމެއް ހެއްޔެވެ؟
އެމްޑީޕީން މާޒީ ހަނދާން ނައްތާލައިގެން ކުރިޔަށް
ރައީސް ނަޝީދުގެ ޝަރީއަތާއި ސިޓީގެ އިތުރުން، ފިސްތޯލަ އާއި ތިން ވަޒަން ނާޒިމްގެ އެޕާޓްމަންޓުން ފެންނަން ޖެހުނު ގޮތް ނާޒިމަށް އެނގިވަޑައިގެންފައި ނުވާނެ ކަމަށް ބުނެ ވެސް އަދީބު ސިޓީއެއް ލިޔުއްވާފަ އެވެ. އަދި އެ ސިޓީ ނެރުނު ދުވަސް ނޫން އަނެއް ދުވަހު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅޭ ގޮތުން މައުލޫމާތުތައް ހާމަ ކޮށްދޭން އެދޭ ކަމަށް ބުނެ ރިލްވާންގެ އާއިލާއިން ވެސް އަދީބަށް ސިޓީއެއް ފޮނުވި އެވެ.
މި ދެ ކަންތަކުގެ ސަބަބުން ވެސް ޕްރެޝަރުތަކާއި ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރަމުން އަންނަނީ ސަރުކާރަށެވެ. އަދި އެކަމުގައި ގޯސް ވަނީ ވެސް ހަމަ ސަރުކާރެވެ. ނަމަވެސް ނާޒިމްގެ ގެއިން ފެނުން ފިސްތޯލުން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަން އިދިކޮޅު ފަރާތްތަކުން ހަނދާން ނައްތާލީތޯ ސުވާލު އުފެދެ އެވެ. ޑީއެންއޭ ފެނިފައި ވަނިކޮށް އަދީބުގެ މިފަދަ ސިޓީއަކުން މައްސަލާގެ ކުށްވެރިއަކަށް ބޮޑަށް ތުހުމަތު ކުރެވެނީ ކާކުކަމާ މެދުވެސް ވިސްނާލަން ޖެހެ އެވެ.
އޭގެ އިތުރުން ރިލްވާން ގެއްލިގެން އުޅުން ދުވަސްކޮޅު ހުއްޓުމެއް ނެތި ސީދާ އަދީބު ބޮލުގައި އެކަން އިދިކޮޅު ފަރާތްތަކުން އަޅުވަމުން ގޮސް މިހާރު ކުއްލިއަކަށް ހުއްޓެންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ އެމްޑީޕީން އަދީބާ ގުޅުވައިގެން ދެއްކި ވާހަކަތަކުން ހަނދާނުން ކައްސާލާފައި ވަނީ ހަމައެކަނި އެ ދެ ވާހަކައެއް ނޫނެވެ. ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލައާ ގުޅިގެން އަދީބަށް ކުރި ތުހުމަތުތައް ކޮބާ ހެއްޔެވެ؟ މަޖީދީ މަގުގައި ހުރި ރުށް ކެނޑި ވާހަކަ ކޮބާ ހެއްޔެވެ؟ ބޮޑެތި ކޮރޮޕްޝަންގެ ތުހުމަތުތަކުގައި "މަތިއެޅިގެން" މިދިޔައީ ކީއްވެ ހެއްޔެވެ؟
"އެމްޑީޕީގެ ހިޕޮކްރިޓްކަން ބައްލަވާ. މިއަދަކު ނުދައްކާ އަދީބު ކުރި އެއްވެސް ކުށެއްގެ ވާހަކައެއް. އެމްޑީޕީއަކީ އުސޫލަކާއި ހަމައެއް ގަބޫލު ނުކުރާ ޕާޓީއެކޭ އަޅުގަނޑު ބުނަނީ އެހެންވެ. މިސާލަކަށް އަދީބަކީ ރިޝްވަތުގެ ފައިސާ ނަގާ ރިޝްވަތު ބަހާ، ވައްކަން ކުރާ މީހެއް ކަމަށް އޭނަ މިނިސްޓަރަކަށް ހުންނަވައިގެން އެކަން ކުރައްވާ ކަމަށް އެންމެ ބާރަށް ގޮވި މީހުންނަކީ އެމްޑީޕީ މީހުން. ފަހުން 35 އަހަރުގެ ގާނޫނަށް ގެނައި އިސްލާހާއި އަދީބު ނައިބު ރައީސްކަމަށް ގެންނަން ވޯޓު ދޭން ހިފީ ވެސް ހަމަ އަދީބު ދިން ރިޝްވަތުގެ ފައިސާގައި. މިއީ އެމްޑީޕީގެ ދެ ކޮޅު ނުޖެހޭކަން،" ސިޔާސީ މަސައްކަތްތަކާ ފާޑަކަށް ދުރަށް ޖެހިވަޑައިގެން މިހާރު ހުންނެވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.
އަދީބަކީ "އޭޓީއެމް މެޝިނެ" އް ގޮތަަށް ސިފަ ކުރައްވަމުން އުމަރު ވިދާޅުވި ގޮތުގައި އޭޓީއެމް މެޝީން ސަރުކާރުގައި ހަރުކޮށްފައި ހުރުން ވަނީ ގޯހެވެ. ނަމަވެސް ހަމަ އެ މެޝިން އެމްޑީޕީ އަތްޖެހޭ ހިސާބުގައި ހަރު ކުރީމާ މައްސަލައެއް ނޯވެ އެވެ. އުމަރު އަދި ވިދާޅުވާ ގޮތުގައި ރައީސް ނަޝީދާއެކު ޑީލު ހަދައިގެން އަދީބު ކުރައްވާ މަސައްކަތަކީ ރައްޔިތުންގެ ރުހުން ހޯދުމެވެ. ބޮޑެތި މައްސަލަތަކުގެ ހަގީގަތް ކަމަށް ބުނެ ވާހަކަ ކިޔައިދީގެން ހީރޯއަކަށް ވެވަޑައިގަތުމެވެ. އަދި އެއަށް ފަހު ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމުން ބޭސްފަރުވާއަށް ކަމަށް ބުނެ ފުރާގެން ދިޔުމުގެ ވިސްނުން އަދީބު ގެންގުޅުއްވާނެ އެވެ.
"އަދީބު އެހުރީ އެމްޑީޕީން ތާއީދު ކުރާ މީހަކަށްވެފައި. މިއީ އެމްޑީޕީ ސަޕޯޓަރުންގެ ރުހުން ހޯދަން ކުރާ މަސައްކަތްތައް. އަދި އޭނާ ދައްކާ ވާހަކަތަކުގައި ތެދެއް އޮތުން ވެސް އެކަށީގެންވޭ. އެއީ އަދީބަކީ ސަރުކާރުގެ ވަރަށް އެތެރޭގައި މަސައްކަތްކުރެއްވި ބޭފުޅެއް. އަދި މި ސަރުކާރަށް ލިބުނު ހުރިހާ ހަޑިއެއްގެ އެއް އަސްލަކީ ވެސް އަދީބު. އަދި އަދީބަކީ ހީރޯ އެއް ކަމަށް ބައެއް މީހުން ދެކުން ނަމަވެސް ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުރެގެން އުމަރަށް މި ގައުމަށް ކޮށްދެވުނު އެންމެ ބޮޑު ހިދުމަތަކީ އަދީބު ހިފާ ހައްޔަރު ކުރުން،" އުމަރު ވިދާޅުވި އެވެ.
އުމުރު ދުވަހުގެ ބަންދުން އަދީބަށް ރެކިވިދާނެތަ؟
ޖަލު ހުކުމްތަކަށް ފަހު އަދީބުގެ އަމަލުތައް ބައްޓަން ކޮށްފައިވާ ގޮތުން ސިޔާސީ ބޮޑެތި ފަރާތްތަކުން ދެކޭ ގޮތުގައި އޭނާގެ މޯޓިވްއަކީ 33 އަހަރުގެ ހުކުމުން "ޝޯޓްކަޓެއް" ނެގުމަށެވެ. އަދި އޭގެ އިތުރުން އަލުން ސިޔާސީ މަސަައްކަތަށް ނުކުތުމުގެ ވިސްނުން އަދީބު ގެންގުޅުއްވާ ކަމަށް އެ ފަރާތްތަކުން ދެކެ އެވެ.
އަދީބުގެ "ސިއްހީ ހާލަތު" ކޮންމެ ގޮތަކަށް ހުރި ނަމަވެސް ރާއްޖެއިން ބޭރަށް ފުރުވާލަން ސަރުކާރުން ދެކޮޅު ހަދަނީ ވެސް އެހެންވެ އެވެ.
އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވި ގޮތުގައި ބޭސްފަރުވާއަށް އަދީބު ފުރުވާލައިފި ނަމަ ފިއްލެވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން ސަރުކާރު އޮތީ ބޭރުން މީހުން ގެނެސްގެން ވެސް އަދީބަށް އެންމެ އެކަށީގެންވާ ބޭސްފަރުވާ ދޭން ތައްޔާރަށެވެ. ފަރުވާއަށް ބޭރަށް ފޮނުވުމުގެ ވިސްނުމެއް ނެތެވެ.
އެމްޑީޕީން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދައެވެ. ރައީސް ނަޝީދު ފުރުވާލި ގޮތަށް އަދީބުގެ ވާހަކަ ބޭރު ގައުމުތަކުގައި ދައްކައިގެން
ސަރުކާރަށް ޕްރެޝަރު ކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ނަމަވެސް ރާއްޖޭގެ ތާރީހުގައި ވެސް ސިޔާސީ މިފަދަ ފަރާތްތައް ބޭސް ފަރުވާއަށް ގޮސް "ގެއްލޭ" ކަން އެންމެނަށް ވެސް އެނގެ އެވެ. ރައީސް ނަޝީދާއި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ދިއްްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އޭގެތެރޭގައި ހިމެނެ އެވެ. އަދި ތަމަޅައިން ގޮވައިގެން ރާއްޖެ އަރާ އެތައް ބަޔަކު މަރާލި އަބްދުﷲ ލުތުފީ ވެސް ފިލީ އެވެ.
ކަން މިހެން އޮތް އިރު އަދީބު ފުރުވަން އެމްޑީޕީން ނުކުތުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަދި އަދީބު މިނިވަން ވެދާނެ ހެއްޔެވެ؟
"ބޭސްފަރުވާއަށް ދާން އަދީބަށް ފުރުސަތު ދިނުމަކީ ފިލަން ޖަގަ ދިނުން. އެއީ ދިވެއްސަކު ގޮވައިގެން ފުލުހުން ދިޔަ ނަމަވެސް ނޯންނާނެ ބޭރު ގައުމެއްގައި އޭނަ ހުއްޓުވާ ހިފެހެއްޓޭނެ އެއްވެސް ގޮތެއް ވެސް. އެހެންވެ އޭނަ ހަމަ ފިއްލަވާނެ. އެއްވެސް ހާލެއްގައި އަދީބު ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުސަތު ދިނުމަކީ ވަރަށް ބޮޑަށް ގައުމީ ސަލާމަތައް ނުރައްކާ ވާނެ ކަމެއް. ލުތުފީއަކީ ވެސް އެފަދަ ހާލެއްގާ ހުރި މީހެއް. އަދި އަދީބަކީ ވެސް ހަމަ އެ މަގުން ވަޑައިގެންފާނެ ބޭފުޅެއް. ބޭހުގެ ނަމުގައި އެއްވެސް މީހަކު އަދީބު ދޫކޮށްލައިފި ނަމަ އެ މީހާ ޒިންމާވާން ޖެހޭނެ ފަހުން އަދީބު ހިންގަވަފާނެ އަމަލުތަކަށް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ދިވެހިންތަކެއް މަރާ، ރާއްޖޭގެ މިނިވަންކަން ގެއްލުވާލި ލުތުފީ މިނިވަންކަމާއެކު މިހާރު އުޅެނީ އެއީ ރައީސް ނަޝީދު ގަސްތުގައި އޭނާ ދޫކޮށްލެއްވުމުންނެވެ. އަދި އެފަދައިން އަލުން ނަޝީދަށް ވެރިކަން ލިބި ވަޑައިގަންނަޗާ ހިސާބުން ބޭސް ފަރުވާގެ ނަމުގައި އަދީބު ވެސް މިނިވަން ކުރައްވާފާނެ އެވެ.
ނަޝީދު މިނިވަން ކުރުމަށާއި ނާޒިމްގެ މައްސަލައިގެ ތުހުމަތުތައް ސަރުކާރާ ދެކޮޅަށް ދުއްވާލަން އަދީބު މަސައްކަތް ކުރައްވަނީ ވެސް މިހެންވެ ކަމަށް ވެދާނެ އެވެ. އަދި އެ ޕްރެޝަރުގައި ސަރުކާރު ވެއްޓިއްޖެ ހާލަތެއްގައި ވެސް ދެން އަންނަ ވެރިކަމެއްގައި މިނިވަންވުމުގެ ފުރުސަތު ހޯއްދެވުމަށް ކަމަށް ވެދާނެ އެވެ.