ރިޕޯޓް

ޕީޕީއެމްއިން ވަކިވާން އެދުނު މެންބަރުންގެ ގޮނޑި ނުގެއްލޭނެ؟!

Jul 16, 2017
14
  • މާޒީވި ކަމަކަށް ހުކުމް ނުހިނގާނެ
  • އަސާސީ ގަވާއިދުގައިވާ އުސޫލުތަކަށް އަމަލުކުރެވޭނެ
  • މާޒީވި ކަމަކާ ގުޅިގެން އަޅާ ފިޔަވަޅަކަށް ހުކުމް ނުހިނގާނެ

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރެއްވުމަށް ފަހު ޕީޕީއެމް އިން ވަކިވުމަށް އެ ޕާޓީގެ 10 މެންބަރަކު ވަނީ ސިޓީ ހުށަހަޅާފަ އެވެ. ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން، މެންބަރުން އިންތިހާބު ކުރާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ވަނީ އެ 10 މެންބަރުންގެ ގޮނޑި ގެއްލޭނެތޯ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.

ނަމަވެސް އެ ހުކުމާ ގުޅުވައިގެން ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރެއްގައި ބުނެފައި ވަނީ ދުސްތޫރީ މައްސަލާގައި އެ ކޯޓުން ކުރި ހުކުމުގެ ކުރިން ހިނގާފައިވާ އެއްވެސް ކަމެއްގެ މައްޗައް އެ ހުކުމްގެ ބާރު ނުހިނގާނެ ކަމަށާއި އެކަން ވަރަށް ސާފުކޮށް އެ ހުކުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"ހުކުމުގައި ބަޔާންކޮށްފައިވާ ތިން ހާލަތް [ޕާޓީ ބަދަލުކުރުން، ޕާޓީން ވަކިކުރުން، ޕާޓީގެ އުސޫލުތަކާ ހިލާފުވުން] އަކީ އެ ހުކުމް ހުރި ތާރީހުގެ ކުރީގައި ވުޖޫދުވެފައި ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއަތެއް މައްޗައް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ ހާލަތެއް މައްޗައް ނުވަތަ އެފަދަ ހާލަތަކާ ގުޅިގެން އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗައް ގަޒިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަންފީޒު ކުރުން ހުއްދަ ކުރެވިފައި ނުވާ ކަން އެ ހުކުމުން ސާފުކޮށް އެނެން އޮވޭ،" ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމުގައި ބުނެފައިވެ އެވެ.

އެ އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުން ދުސްތޫރީ މައްސަލާގައި ކުރި ހުކުމަށް ފަހު ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީގެ ގާނޫނާއި އެ ޕާޓީއެއްގެ އަސާސީ ގަވައިދުގައި ކަނޑައަޅާފައިވާ އިޖުރާއަތަށް ތަބާވުން އިސްތިސްނާ ކުރެވިފައި ނުވާ ކަމަށް ވެސް އެ ގަޒިއްޔާއިން ކަނޑައެޅިގެން އެނގެން އޮންނަ ކަމަށެވެ.

"އަވަސް"އާ ވާހަކަދެއްކެވި ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި އެގޮތަށް ހުކުމުގައި އޮވެއްޖެ ނަމަ ޕީޕީއެމް އިން ވަކިކުވުމަށް ސިޓީ ހުށަހެޅި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެ އެވެ. ސަބަބަކަށް ވަނީ އެ މެންބަރުން ޕާޓީ އިން ވަކިވުމަށް ހުށަހެޅީ ހުކުމުގެ ކުރިން އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވެސް އަދި ޕާޓީތަކުގެ ހިންގާ ގަވާއިދުގައި ވެސް މެންބަރަކު ޕާޓީއިން ވަކިވާން ސިޓީ ލުމުން އެ މެންބަރަކު އެ ޕާޓީ އިން ވަކިވީ ކަމަށް ބަޔާންކޮށްފައި ވާތީ، ހުކުމް އައިއރުވެސް އެ މެންބަރުން ތިބީ ޕީޕީއެމް އިން ވަކިވެފައި ކަމަށް ގާނޫނީ ވަކީލުން ވިދާޅުވި އެވެ. އަދި އިލެކްޝަން ކޮމިޝަނުން އެ ގޮތަށް އެނގުމުން ނޫނީ ވަކި ނުވާނެ ވާހަކައަކީ އެއީ ހުކުމުގައި ބުނެފައިވާ ގޮތް ކަމަށާއި އެގޮތް ހިނގާނީ ހުކުމަށް ފަހު ޕާޓީ ބަދަލު ކުރުމަށް އެދޭ މެންބަރުންނަށް ކަމަށް ވަކީލުން ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގެ 20 ވަނަ މާއްދާގެ ހ. ގެ ދޭއްގައި ބުނެފައި ވަނީ ޕާޓީގެ މެންބަރު ކަމުން ވަކިވާން އެދޭ ހިސާބުން އެ މެންބަރަކު އެ ޕާޓީން ވަކިވާނެ ކަމަށެވެ. އަދި ސުލޫކް ކޮމިޓީއަށް ހުށަހަޅާ ބަލަން ޖެހޭނީ އެ ޕާޓީގެ އުސޫލުތަކާ ހިލާފުވެގެން ވަކިކުރާ މެންބަރުންގެ މައްސަލަތައް ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ޕީޕީއެމް އިން ވަކިވުމަށް މެންބަރުން ސިޓީ ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލާ މިހާރު ވަނީ އެ ޕާޓީގެ ސުލޫކް ކޮމިޓީން ބަލަމުންނެވެ. އަދި ބެލުމަށް ފަހު ވަކިގޮތެއް އަންގާނެ ކަމަށާއި އިލެކްޝަން ކޮމިޝަނަށް އެއްވެސް މެންބަރަކު ވަކިކުރުމަށް އެދި ހުށަހަޅާފައި ނުވާ ކަމަށް އެ ޕާޓީން ބުނެ އެވެ. އަދި ވަކިވީ 10 މެންބަރުން އަދިވެސް ވިދާޅުވަމުން ގެންދަވަނީ ޕީޕީއެމްއާ ގުޅެން ބޭނުން ނުވާ ކަމަށެވެ.