ބޮލީވުޑް

ސާރާގެ ރީތިކަމާއި ހުނަރުވެރިކަމުން ބޮލީވުޑް ފަތަހުކުރާނެ: ކަަރީނާ

Jul 17, 2017

މަޝްހޫރު ތަރިންގެ ދަރިން ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުން އަންނައިރު އެމީހުންގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވެ އެވެ. އެގޮތުން ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން އަކީ ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުން އަންނަ ސްޓާ ކިޑުންގެ ތެރެއިން އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ ފަރާތެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުންނާއި ޕްެރޮޑަކްޝަން ކުންފުނިން އުފައްދާ ފިލްމުތަކުން ސާރާ ބޮލީވުޑަށް ނިކުންނާނެ ކަމަށް އަޑުތައް އެރި ނަމަވެސް ފުރަތަމަ ފިލްމަކަށް ސާރާ ކުޅެން ނިންމާފައިވާ ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ "ކެދާނަތް" އެވެ.

ސަރާ ބޮލީވުޑަށް ނިކުންނަން ބައްޕަ ސައިފް އެހާ ގަބޫލެއް ނޫނެވެ. ސަބަބަކީ ފިލްމު ކުޅުމަކީ އެހާ ސްޓޭބަލް ޕްރޮފެޝަނަކަށް ނުވުމެވެ. ނަމަވެސް ސައިފްގެ ކުރީގެ އަންހެނުން އަދި ސާރާގެ މަންމަ އަމްރިތާ ވަނީ ސާރާ ބޮލީވުޑަށް ނިކުންނަން އޭނާ އާއި ސައިފް ވެސް ގަބޫލުކަމަށް ބުނެފަ އެވެ.

މަންމަ އާއި ބައްޕްގެ އިތުރުން ސާރާ އަށް އެންމެ ބޮޑު ސަޕޯޓެއް ލިބެމުން އަންނަނީ ދޮން މަންމަ އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ފަރާތުންނެވެ. ކަރީނާ އާއި އުމުރުން 23 އަހަރުގެ ސާރާ އާއި ދެމެދު އޮންނަނީ ވަރަށް ގާތް ދެ އެކުވެރިންގެ ދެމެދުގައި އޮންނަ ކަހަލަ ބަދަހި ގުޅުމެކެވެ.

ސާރާ ބޮލީވުޑަށް ނިކުތުމާ ގުޅޭގޮތުން ވާހަކަދައްކަމުން ކަރީނާ ވަނީ ސާރާގެ ހުނަރުވެރިކަމާ މެދު އޭނާ އެއްވެސް ޝައްކެއްނުކުރާ ކަމަށާއި އޭނާގެ ފިލްމީ ދާއިރާ ވަރަށް އުޖާލާވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ސާރާގެ ދެ ފަރާތުގެ އާއިލާ އަކީ ވެސް ފިލްމީ އާއިލާ އަކަށް ވުމުން އޭނާ ކުޅަދާނެ އެކްޓަރަކަށް ވުމާ މެދު ޝައްކެވެސް ނުއުފެދޭ. ސާރާގެ ރީތިކަމާއި ހުނަރުވެރިކަމުން އޭނާ ބޮލީވުޑް ފަތަހަކުރާނެ، ދޮން ދަރިފުޅު ސާރާ ފިލްމީ ދައިރާ އަށް ނިކުތުމާ ގުޅޭގޮތުން ކަރީނާ ބުނެފައިވެ އެވެ.

ސާރާގެ ފުރަތަމަ ފިލްމުގައި އޭނާ ފެނިގެންދާނީ ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތާ އެކު އެވެ. އެކްތާ ކަޕޫރުގެ ބަލާޖީ މޯޝަން ޕިކްޗާސްއިން އުފައްދާ މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރު އަބީޝެކް މީގެ ދުވަސްކޮޅެއް ކުރިން ބުނެފައިވަނީ ސާރާގެ ރީތިކަމާއި އޭނާގެ ހުނަރުގެ ސަބަބުން އޭނާ އަކީ ވިދާލާނެ ބަތާލާއެއް ކަމަށް ބުނެފަ އެވެ.