ހަބަރު

ގާސިމްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި މިރޭ ފަރުވާދޭން ފަށައިފި އެވެ. އޭނާ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން މިރޭ އެއާޕޯޓަށް ދިޔުމުން އޭނާ ޕާސްޕޯޓް ހިފަހައްޓައި ފުރުމަށް ވަނީ ހުރަސް އަޅައިފަ އެވެ.

އެއާ އެކު ގާސިމް ސީދާ އެއާޕޯޓުން މާލެ ގެނެސް، އޭޑީކޭގައި ވަނީ ފަރުވާދޭން ފަށައިފަ އެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ އޮބްޒަވޭޝަންގަ އެވެ. އެހެން ނަމަވެސް ހާލަތު ނާޒުގުވާން ފެށުމުން އައިސީޔޫއަށް ބަދަލުކޮށް މިހާރު އަންނަނީ ފަރުވާ ދެމުން އެވެ.

ގާސިމްގެ ޝަރީއަތެއް މިއަދު މެންދުރު 2:00 އަށް ތާވަލްކޮށްފައި ވަނިކޮށް ބޮލަށް އެނބުރުން އަރައި ހޮޑުލަވާ ގޮތް ވާތީ ގާސިމް ވަނީ މެޑިކާހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފަ އެވެ. އެއާ އެކު އޭނާގެ ޝަރީއަތް ވެސް ކޯޓުން ކެންސަލްކުރި އެވެ. އަދި ކޯޓުން ހުއްދަ ދީގެން ގާސިމް ރާއްޖެއިން ބޭރަށް ބޭހަށް ފުރުމަށް އެއާޕޯޓަށް ދިޔުމުން އަނެއްކާ ވެސް ވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.