އިންޓަނެޓްގެ އެންމެ ބޮޑު ސާޗް އިންޖީން ކަމަށްވާ ގޫގުލްގައި "ޗީފް އެގްޒެކެޓިވް އޮފިސާ" ނުވަތަ "ސީއީއޯ" މިހެން ޖަހާފައި "އިމޭޖަސް" އިން ފޮޓޯތައް ބަލައިލުމުން، އަންހެން ސީއީއޯއަކަށް ފުރަތަމަ ވެސް ފެންނަނީ ސީއީއޯއެއްހެން ހެދުން ލައްވާފައިވާ ބާބީ ބުދެއް ކަމަށް ވާތީ ގޫގުލްއަށް ފާޑުކިޔުންތައް އަމާޒު ވާން ފަށައިފިއެވެ.
އެމެރިކާގެ ވޮޝިންޓަން ޔުނިވާސިޓީން ކުރި ދިރާސާއެއްގައި ބުނެފައިވަނީ އެންމެ މަތިން ފެންނަނީ ހުސް ދޮން ފިރިހެން ސީއީއޯއިންގެ ފޮޓޯތައް ކަމަށާއި މިއީ ވެސް ޖަރީމާއެއް ކަމަށާއި ސަބަބަކީ މީގެ ސަބަބުން އެތައް ބިލިއަން ބަޔަކަށް ހީވެގެންދާނީ އަންހެނުންނަކީ މަސައްކަތެއް ނުކޮށް، އަތް އުރާލައިގެން ގޭގައި ތިބޭ ބައެއް ކަމަށެވެ.
"ނަމަވެސް މިއަށް ވުރެ ވެސް އެންމެ ކަންބޮޑު ވަނީ ދެން އެންމެ ފުރަތަމަ ފެންނަ 'އަންހެން ސީއީއޯ' ފޮޓޯގައި މި ބާބީ ބުދު ފެންނާތީ،" އެ ޔުނިވާސިޓީން ބުންޏެވެ.
މި ބާބީގެ ފޮޓޯގެ ހަގީގަތް ހޯދިއިރު މިއީ 2005 ވަނަ އަހަރު "ސެޓަޔާ" ނުވަތަ "ޖޯކު ހަބަރު" ހަދާ ވެބްސައިޓެއް ކަމަށްވާ "ދި އަނިއަން"ގެ "ފޭކް" ނުވަތަ މަޖަލަށް ހަދާފައިވާ ދޮގު ހަބަރެއްގައި ހިމެނޭ ފޮޓޯއެކެވެ. މި ހަބަރުގެ ސުރުހީގައި ލިޔެފައިވަނީ "ހަގީގަތެއް ނެތް ވަޒީފާތައް ޕްރޮމޯޓު ކުރާ ކަމަށް ސީއީއޯ ބާބީ އަށް ތުހުމަތު ކޮށްފި" އެވެ. އަދި ހަބަރުގެ މައިގަނޑުގައި ލިޔެފައިވާ ޖުމްލަތަކުގެ ތެރޭގައި "އަންހެނުން ކުންފުންޏެއް ނުހިންގާނެ" އަދި "އާއްމު ގޮތެއްގައި ޓެލެންޓާއި ޝަހުސިއްޔަތާއި ނަސީބު ހުންނަ އަންހެނުންނަކީ ފިރިހެނުންގެ އަމާޒުތައް ހާސިލު ކޮށްދޭން ތިބޭ ބައެއް" ކަމަށެވެ.
ޔުނިވާސިޓީން ބުނީ މި ކަމެއް މިހެން މި ދިމާވީ ގޫގްލް އިން ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާއި ނަމަވެސް ގޫގްލް ސާޗްގެ އަލްގޯރިތަމް ނުވަތަ ސޮފްޓްވެއާގައި ހުރި މައްސަލައަކުން ކަމަށެވެ. އެ ގޮތުން ގޫގްލްގެ އިމޭޖް ސާޗްގައި ލަފުޒެއް ޖަހާލުމުން ދައްކަނީ އެންމެ "ރެލެވެންޓް" ނުވަތަ އެކަށީގެންވާ ފޮޓޯ ކަމަށްވާތީ، ގޫގުލް ސާޗްގެ އަލްގޯރިދަމް އަލުން ބަދަލު ކުރުމަށް ޔުނިވާސިޓީން ގޮވާލިއެވެ.