ދުނިޔެ

ގެރިޔާ ހެދި މީހުން މެރުން ހުއްޓުވަން މޯދީ މަސައްކަތް ފަށައިފި

Jul 17, 2017
3

ހިންދޫން އަޅުކަން ކުރާ ޖަނަވާރެއް ކަމަށްވާ ގެރި ކަތިލުމާއި ގެރިމަސް ކެއުން ހުއްޓުވަން ކަމަށް ބުނެ މުސްލިމުންނާއި ހިންދޫއިންގެ ދެރަމީހުން ( އިންޑިއާގައި ދެރަ ކަމަށް ބަލާ ގަބީލާ ތަކުގެ މީހުން) މެރުން އާއްމު ވުމުން އެކަން ހުއްޓުވަން އެގައުމުގެ ރައީސް ނަރެންދުރާ މޯދީ މަސައްކަތް ފަށްޓަވައިފިއެވެ.

މޯދީ އެމަސައްކަތް ފެށްޓެވީ ގެރިއާ ހެދި މީހުން މެރި ގިނަ މައްސަލަތަކެއްގައި ބަސްފުޅެއް ވިދާޅުނުވުމުން ފާޑުކިއުންތައް އަމާޒުވެފައިވާތާ ދުވަސްތަކެއްވީ ފަހުންނެވެ. އިންޑިއާ ޕާލަމެންޓްގެ ޖަލްސާތައް މާދަމާ އަލުން ފަށާތީ އެގައުމުގެ ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި މޯދީ ސްޓޭޓްތަކުގެ ވެރިންނަށް ގޮވައިލެއްވީ ގެރިއާ ހެދި މީހުން މަރާ މީހުންނާ ދެކޮޅަށް މިހާރަށް ވުރެ ހަރުކަށި ފިޔަވަޅުތައް އެޅުމަށެވެ.

" މުޖުތަމައާ ދެކޮޅު މިކަހަލަ ފަރާތްތަކާ ދެކޮޅަށް ސްޓޭޓްތަކުގެ ( ސަރަހައްދީ) ސަރުކާރުތަކުން ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ،" މޯދީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މޯދީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ގެރިމަސް ކާތީ ކަމަށް ބުނެ ހިންދޫންގެ މީހުން ވަަރަށް އަނިޔާވެރި ގޮތަކަށް މުސްލިމް ފިރިހެން ކުއްޖަކު މަރައިލި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑެތި ރަށްތަކުގައި މުޒާހަރާކޮށްފައި ވަނިކޮށެވެ. އުމުރުން 16 އަހަރުގެ އެކުއްޖާއާ އެކު ފާއިތުވި 10 އަހަރުގެ ތެރޭގައި އެގޮތަށް މަރައިލި މީހުންގެ އަދަދު 28 އަށް އަރައެވެ. އޭގެ ތެރެއިން ގިނަ މީހުން މަރާލީ މޯދީ ނިސްބަތްވެވަޑައިގަންނަވާ ހަރުކަށި ހިންދޫ ނެޝަނަލިސްޓް ޕާޓީ، ' ބާރަތިޔާ ޖަނަތާ ޕާޓީ( ބީޖޭޕީ) ވެރިކަަމަށް އައި ފަހުންނެވެ.