ދުނިޔެ

އަޤްޞާ މިސްކިތުގެ ބޭރުގައި ނަމާދުކުރަން ތިބި ބަޔަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ގުދުސްގެ ޙަރަމުއް ޝަރީފުގައި ހުންނަ އަލް އަޤުސާ މިސްކިތުގެ ބޭރުގައި ރޭ އިޝާނަމާދު ކުރަން ތިބި ބަޔަކަށް އިޒްރޭލު ފުލުހުން ހަމަލާދީ ޒަހަމްްކޮށްލައިފިއެވެ.

ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ނަމާދުކުރަން ތިބި މީހުންނަށް އިޒްރޭލު ފުލުހުން ދިން ހަމަލާގައި ނުވަ މީހަކު ޒަހަމްވި ކަމަށެވެ. ޒަހަމްވީ މީހުންގެ ތެރެއިން މީހެއްގެ ހާލަތު ނާޒުކު ކަމެއް ނުވަތަ ނޫންކަމެއް އެނޫހަކުން ނުބުނެއެވެ. ފަލަސްތީނުގެ ރެޑްކްރެސެންޓާ ހަވާލާދީ ނޫހުން ބުނީ އިޝާ ވަގުތު ޒަހަމްކޮށްލި ނުވަ މީހުންނާއި އެކު މިސްކިތް ކައިރީ އިއްޔެ ޒަހަމްކޮށްލި މީހުންގެ އަދަދު 17 އަށް އަރާ ކަަމަށެވެ.

އަޤުޞާ މިސްކިތުގެ އަލް އަސްބާތު ނަމަކަށް ކިޔާ ދޮރާށީގެ ކައިރީގައި ނަމާދަށް ތިބި މީހުންނަށް އިޒްރޭލު ފުލުހުން ހަމަލާ ދިނީ މިސްކިތުގެ ދޮރާށިތަކުގައި ހަރުކުރި މެޓަލް ޑިޓެކްޓަރުތަކުގެ ތެރެއިން ލާފައި މިސްކިތަށް ވަނުމަށް ފަލަސްތީނު މީހުން ދެކޮޅުހަދާގައި ވަނިކޮށެވެ.

އަޤުޞާ މިސްކިތުގެ ދޮރާށިތަކުގައި އިޒްރޭލުން މެޓަލް ޑިޓެކްޓަރު ހަރުކުރީ އެމިސްކިތުގެ ކައިރީގައި ހުކުރު ދުވަހު ހެނދުނު އިޒްރޭލުގެ ދެ ފުލުހަކަށް ބަޑިން ހަމަލާދީ މަރައިލުމުންނެވެ. އިޒްރޭލުގެ ރަށްވެހިކަން އޮންނަ އަރަބީންގެ ދެމީހަކު ދިން އެހަމަލާއާ ގުޅިގެން ހުކުރު ދުވަހު އިޒްރޭލުން އެމިސްކިތް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ އިއްޔެ މެންދުރުއެވެ. ހަމަލާދިން ދެމީހުންނަށް އިޒްރޭލު ފުލުހުން އެވަގުތު ހަމަލާދީ އެ ދެމީހުން ވަނީ މަރާލާފައެވެ.