chattelegramwhatsappviber google-plus twitter facebook

ދުނިޔެ

ގަތަރުގެ ވެބްސައިޓްތައް ހެކްކޮށް، މައްސަލަގަނޑު ފެންމަތިކުރީ ޔޫއޭއީން

ގަތަރާއި އަރަބި ހަތަރު ގައުމަކާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރަން މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން ޖުލައި މަހުގެ 13 ވަނަ ދުވަހު ގަތަރު އަމީރާ ބައްދަލުކުރައްވަނީ. ފޮޓޯ: ވޮޝިންޓަން ޕޯސްޓް

ގަތަރު ސަރުކާރުގެ ނޫހާއި ސޯޝަލް މީޑިއާ ސައިޓްތައް ހެކްކޮށް، އެގައުމުގެ އަމީރު ވިދާޅުވި ކަމަށް ބުނެ ދޮގު ވާހަކަތަކެއް ޝާއިއުކުރުމުގެ ފަހަތުގައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) ކަމަށް އެމެރިކާގެ ޖާސޫސީ އޮފިޝަލުންނާ ހަވާލާދީ ވޮޝިންޓަން ނޫހުން ބުނެފިއެވެ.

ގަތަރާއި ގަލްފުގެ އެހެން ހަތަރު ގައުމަކާ ދެމެދު މިހާރު އުފެދިގެން އުޅޭ އަރައިރުމުގެ މައިގަނޑު ސަބަބަކީ ވެބްސައިޓްތައް ހެކްކޮށްގެން ގަތަރު އަމީރު ޝައިޚު ތަމީމް ބިން ހަމަދު އައް ސާނީއާ ހަވާލާދީ ޝާއިއުކުރި ވާހަކަތަކެވެ. އެވާހަކަތައް ޝާއިއު ކުރީ ބަޔަކް ވެބްސައިޓްތައް ހެކްކޮށްގެން ކަމަށާއި ގަތަރު އަމީރު އެވާހަކަތައް ވިދާޅު ނުވާ ކަމަށް ގަތަރު ސަރުކާރުން އޭރުވެސް ބުންޏެވެ. ނަމަވެސް ސައުދީ އަރަބިއްޔާއާއި ބަހުރައިނާއި މިސްރާއި ޔޫއޭއީން ގަތަރުގެ ވާހަކަ ގަބޫލުނުކޮށް، އެގައުމާ އެކު އޮތް ހުރިހާ ގުޅުމެއް ވަނީ ކަނޑާލާފައެވެ.

އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުނީ ގަތަރުގެ ވެބްސައިޓްތައް ހެކްކުރުމުގެ ޕްލޭނާ ބެހޭ ގޮތުން ޔޫއޭއީގެ އިސް ބޭފުޅުންތަކެއް މަޝްވަރާ ކުރެއްވިކަން އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ލިބުނު މައުލޫމާތުތަކުން ކަށަވަރު ކުރެވުނީ މޭމަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އެމައުލޫމާތުތަކުން އެކަން ކަށަވަރުވިކަން ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދެއްވި އޮފިޝަލުންނަށް އެނގިވަޑައިގަތީ މިދިޔަ ހަފްތާގައި ކަމަށް ވެސް އެނޫހުގެ ރިޕޯޓްގައި ވެއެވެ. ނަމަވެސް ހެކް ކުރުމުގެ ހަރަކާތް ހިންގީ ސީދާ ޔޫއޭއީގެ ބަޔަކު ކަން ނުވަތަ އެގައުމުން އެކަން ހަވާލުކުރި އެހެން އެހެން ބަޔަކު ކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ގަތަރުގެ ވެބްސައިޓްތައް ހެކްކޮށްގެން އެ ވެބްސައިޓްތަކުގައި އޭރު ޝާއިއުކުރި ލިއުންތަކުގައި ބުނެފައި ވަނީ އީރާނަކީ " އިސްލާމީ ބާރެއް" ކަމަށް ގަތަރު އަމީރު ވިދާޅުވި ކަމަށެވެ. އަދި ފަލަސްތީނުގެ ހަމާސް ޖަމާއަތަށް އޭނާ ތައުރީފު ކުރެއްވި ކަމަށް ވެސް ބުނެފައި ވެއެވެ. ގަތަރު ސަރުކާރުގެ ރަސްމީ ނޫސް އެޖެންސީގެ ވެބްސައިޓްގައި ހެކަރުން އެވާހަކަތައް ޝާއިރު މޭމަހުގެ 24 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ސައުދީ އަރަބިއްޔާގައި އަރަބި އިސްލާމީ ލީޑަރުންނާ އެކު ބޭއްވި ސަމިޓް ނިންމަވައިލެއްވިތަނާއެވެ. އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް އެކަން ހިނގަން އުޅޭކަން މޭމަހުގެ 23 ވަނަ ދުވަހު އެނގުނު ނަމަވެސް ޖެހިގެން އައި ދުވަހު އެކަން ހިނގުމުން އެމެރިކާއިން އެކަމާ އެއްޗެއް ނުބުނެއެވެ.

އަރަބި ހަތަރު ގައުމުން ގަތަރާ ގުޅުން ކަނޑާލައި އެއްގަމާއި ވައިގެ ސަރަހައްދު އެގައުމަށް ބަންދުކުރީ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. އެގޮތަށް ކަންތައް ކުރުމުން އެމެރިކާއިން އޭރު ބުނީ އިސްލާމިކް ސްޓޭޓް ( އައިއެސް) އާ ދެކޮޅަށް އެގައުމުން ކުރާ ހަނގުރާމައަށް އެކަމުގެ ސަބަބުން ހުރަސްތައް ކުރިމަތިވާ ކަމަށެވެ.

މެދު އިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު ވައިގެ މަރުކަޒު ހުންނަނީ ގަތަރުގައެވެ. އެ މަރުކަޒު ބަންދުކޮށްފި ނަމަ އެފަދަ މަރުކަޒުތައް އަމިއްލަ ހަރަދުގައި އަޅައިދޭން 10 ގައުމަކުން ހުށަހެޅި ކަމަށް ޓްރަމްޕް ވަނީ މިދާކަށް ދުވަހު ވިދާޅުވެފައެވެ. ނަމަވެސް ގަތަރުގައި ހުރި މަރުކަޒަށް ގޮތެއް ހަދަން އެމެރިކާއިން ނުވިސްނާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަހުގެ ޚަބަރު