ކުޅިވަރު

ކީޕަރު ރޮމޭރޯ ޔުނައިޓަޑްގެ އާ އެއްބަސްވުމުގައި ސޮއި ކޮށްފި

Jul 17, 2017

އާޖެންޓީނާގެ ގޯލް ކީޕަރު، ސާޖިއޯ ރޮމޭރޯ، 2021 ވަނަ އަހަރާ ހަމަޔަށް މެނެޗެސްޓާ ޔުނައިޓަޑްގައި މަޑު ކުރުމަށް، އެ ޓީމާއެކު އާ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު، ޔުނައިޓަޑާ ގުޅުނު ރޮމޭރޯ، އެ ޓީމުގައި އަދާ ކުރަނީ، ބަދަލު ކީޕަރެއްގެ ރޯލެވެ. ނަމަވެސް، އޭނާ އަކީ ޔޫރޮޕާ ލީގްގައި އެއް ވަނަ ކީޕަރެވެ. މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގް ޔުނައިޓަޑަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ރޮމޭރޯ އެވެ. އޭނާ ވަނީ މުހިންމު ދަނޑިވަޅުތަކުގައި ޔުނައިޓަޑް ސަލާމަތް ކޮށްދީފަ އެވެ.

"އާ އެއްބަސްވުމުގައި ސޮއި ކުރެވުމުން އަހަންނަށް ވަރަށް ބޮޑު އުފަލެއް ލިބިއްޖެ، ކާކުތޯ ބޭނުން ނުވާނީ ދުނިޔޭގެ އެންމެ ބޮޑު ކުލަބަށް ކުޅެން،" ރޮމޭރޯ ބުންޏެވެ. އޭނާގެ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވިޔަސް އިތުރު އެއްސީޒަނަށް، އޭނާ ޔުނައިޓަޑްގައި ބެހެއްޓުމުގެ އިހްތިޔާރު ޔުނައިޓަޑަށް ލިބިގެންދާނެ އެވެ.

"މިތަނުގައި (ޔުނައިޓަޑްގައި) މޮޅެތި ކީޕަރުން އެބަތިބި، އަހަރެމެން ދަނީ އެކަކު އަނެކަކުގެ ގާތުން ގިނަ ކަންކަމެއް ދަސް ކުރަމުން، ހަގީގަތުގައިވެސް އަހަންނަށް ވަރަށް ބޮޑު އުފަލެއް ލިބިއްޖެ، ޔޫރޮޕާ ލީގްގެ ފައިނަލަކީ އަހަންނާ އަހަރެންގެ އާއިލާއަށް ވަރަށް މުހިންމު ކާމިޔާބެއް، އަހަރެން މި ބަލަނީ އަންނަ ސީޒަންގައިވެސް، މިދިޔަ ސީޒަންގައި ހޯދި ކާމިޔާބު ތަކުރާރު ކުރުމަށް."

ޔޫރޮޕާ ލީގްގައި ދެއްކި މޮޅު ކުޅުމާއެކު، ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯގެ އިތުބަރު ރޮމޭރޯއާ މެދު ބޮޑުވެގެން ދިޔަ އެވެ. މޮރީނިއޯ ބުނެފައި ވަނީ، ކިތަންމެ ބޮޑު މެޗެއްގައިވެސް، ރޮމޭރޯއާ ގޯލް ހަވާލު ކުރަން ޖެހިލުން ނުވާ ކަމަށެވެ.

"އޭނާ [ރޮމޭރޯ] އަށް މިދިޔަ ސީޒަނަކީ ކާމިޔާބު ސީޒަނެއް އަދި އޭނާ ވަނީ ފަހަގަ ކުރެވޭ މޮޅު ކުޅުމެއް ދައްކާފަ، ހާއްސަކޮށް ޔޫރޮޕާ ލީގް ކާމިޔާބުގައި، ސާޖިއޯ [ރޮމޭރޯ] އާ އެއްބަސްވުމެއް ހައްގު، މެންޗެސްޓާ ޔުނައިޓަޑްގައި، ސާޖިއޯ [ރޮމޭރޯ] އަދި ޑެވިޑް [ޑެހެއާ] މުހިންމު ރޯލެއްގައި ހުރުމަކީ ވަރަށް ބޮޑު ކަމެއް"

އާޖެންޓީނާގައި، މީގެކުރިން ކީޕަރުންނަށް މާ ބޮޑު އިތުރުބާރެއް ނޯވެއެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް، އެއް ކީޕަރަކަށް މާގިނަ ދުވަސް ވަންދެން ފުރުސަތު ލިބިފަ އެއް ނުވެ އެވެ. ރޮމޭރޯ30 އަކީ އާޖެންޓީނާއަށް އެންމެ ގިނަ މެޗު ކުޅުނު ކީޕަރެވެ. އޭނާ ވަނީ ގައުމީ ޓީމަށް 88 މެޗު ކުޅެފަ އެވެ. ނަމަވެސް 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލު ކުޅުނު ކީޕަރަށް ކުލަބު ލެވަލްގައި ފުރތަމަ 11 ގައި ހިފެހެއްޓުމަކީ އުނދަގޫ ކެމެކެވެ. މީގެ ކުރިން އޭނަ ކުޅުނު ސަމްޕްޑޯރިއާ އާއި މޮނަކޯގައިވެސް އޭނަ އަށް ފުރަތަމަ 11 އިން ފުރުސަތު ގެއްލުނެވެ.

އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޔުނައިޓަޑަށް ޖާގަ ލިބިފައި ވުމައެކު، އޭނާ އަކީ ޗެމްޕިއަންސް ލީގް ސޮކޮޑްގައި މުހިންމު ތަރިއަކަށް ވާނެ ކަމަށް ބެލެވެއެވެ.