ހަބަރު

މަސީހުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކުރާ ދުވަހެއް އަދިވެސް ނޭނގޭ

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކުރާ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ. ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅީ މި މަހު ތިން ވަނަ ދުވަހުގަ އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލައާ ގުޅިގެން "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުން މަޖިލީހުގެ އަމީންއާމް އަހުމަދު މުހައްމަދު ވިދާޅުވީ މަސީހުގެ އިތުބާރު ނެތް މައްސަލާގައި މެންބަރުންނަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެޖެންޑާ ކުރާ ދުވަހެއް އަދި ނާނގާ ކަމަށް އަމީން އާންމު ވިދާޅުވި އެވެ.

"މި މަހު 24 ވަނަ ދުވަހަށް ވެސް އެޖެންޑާ ކުރުން އެކަށީގެންވޭ. އެކަމަކު ވަކި ދުވަހެއް އަދި ނާންގަން. އެޖެންޑާ ކުރާނެ ދުވަހެއް އަދި ނޭނގޭ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލައާ ގުޅިގެން މަޖިލީހަށް ވެއްދި ޕެޓިޝަނުގައި އިދިކޮޅު ފަރާތްތަކާއެކު ޕީޕީއެމްގެ 10 މެންބަރުން ވަނީ ސޮއިކޮށްފަ އެވެ. އެ މެންބަރުންނަކީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެއާ އެކުު އެ 10 މެންބަރުން ވަނީ ޕީޕީއެމްއިން ވަކިވުމަށް ސިޓީ ހުށަހަޅާފަ އެވެ. ނަމަވެސް އެ މެންބަރުން ވަކިކުރުމާ މެދު ގޮތެއް ނުނިންމާ އޮއްވާ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ އިންތިހާބު ކުރާ ސިޔާސީ ޕާޓީއަކުން މަޖިލީސް މެންބަރުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ ހުކުމްކޮށްފަ އެވެ.