ކުޅިވަރު

ކުލަބު ބަދަލު ކުރަން ބޭނުން، ގޮތް ނިންމާނީ އާސެނަލްއިން: ސަންޗޭޒް

Jul 17, 2017
1

ބޭނުން ވަނީ ޗެމްޕިއަންސް ލީގް ކުޅޭ ޓީމަކަށް ދިއުމަށް ކަމަށާއި، ނަމަވެސް އޭނާ އާސެނަލްއިން ދިއުމާ އަދި ދެމިހުރުންވެސް ނިންމާނީ އެ ކުލަބުން ކަމަށް، އާސެނަލްގެ އެލެކްސިސް ސަންޗޭޒް ބުނެފި އެވެ.

ސަންޗޭޒް ގެންދަން، މެންޗެސްޓާ ސިޓީން ދަނީ މަސައްކަތް ކުރަމުން ނެވެ. ނަމަވެސް އާސެނަލްއިން ދަނީ އޭނާ ޓީމުގައި ބަހައްޓަން މަސައްކަތް ކުރަމުން ނެވެ. އާސެނަލްއާ އެކު ސަންޗޭޒްގެ މިހާރުގެ އެއްބަސްވުމުގައި އޮތީ ބަކީ އެންމެ ސީޒަނެކެވެ. އޭނާ ބޭނުން ވަނީ އަންނަ ސީޒަނަށް ކުލަބު ބަދަލު ކުރާށެވެ. ނަމަވެސް ބުނެފައިވަނީ އެކަން އޮތީ އޭނާގެ އަތް މަތީގައި ނޫން ކަމަށެވެ.

"ހަގީގަތަކީ މިކަމުގައި ގޮތް ނިންމުން އޮތީ އަހަރެންގެ އަތަކު ނޫން،" އޭނަގެ އަމިއްލަ ގައުމު ޗިލީ ގައި ޗުއްޓީގެ ދުވަސްތައް ހޭދަ ކުރަމުން އަންނަ ސަންޗޭޒް ޗިލީގެ ކުޅިވަރު ރޭޑިއޯއަކާ ވާހަކަ ދައްކަމުން ބުންޏެވެ. "އަހަރެން ނިންމުން ނިންމައިފިން، އެކަމަކު އަހަރެމެން މި މަޑު ކުރަނީ އާސެނަލްއިން ނިންމާނެ ނިންމުމަކަށް، އެކަން އޮތީ އެ މީހުންގެ އަތުގައި، އަހަރެން ޖެހޭނީ ބަލަން އެމީހުން [އާސެނަލް] އިން ބޭނުން ވަނީ ކޮން ކަމެއްކަން."

އަންނަ ސީޒަންގެ، ޗެމްޕިއަންސް ލީގުން އާސެނަލްއަށް ފުރުސަތެއް ނުލިބެ އެވެ. އެ ޓީމުން ވާދަ ކުރާނީ ޔޫރޮޕާ ލީގްގައެވެ. ސަންޗޭޒް ބުނީ ޗެމްޕިއަންސް ލީގްގައި ވާދަކޮށް، އެ މުބަރާތް ކާމިޔާބު ކުރުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.

އާސެނަލްއިން ވަނީ ސަންޗޭޒް އެ ޓީމުގައި ބެހެއްޓުމަށް، ހަފުތާ އަކު 300000 ޕައުންޑް (ހަ މިލިއަން ދިވެހި ރުފިޔާގެ) މުސާރައެއް ހުށަހަޅާފަ އެވެ. ނަމަވެސް، އާސެނަލްގެ އާ ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ ވިސްނުމެއް ސަންޗޭޒްގެ ނެތެވެ. އާ އެއްބަސްވުމުގައި ސޮއި ނުކުރާނަމަ، އަންނަ ސީޒަން ނިމުމުން، ހިލޭ ޓްރާންސްފާގައި އޭނާ އަށް ކުލަބު ބަދަލު ކުރެވޭނެ އެވެ.

އޮސްޓްރޭލިއާގައި، ޕްރީ ސީޒަން ޓްއާ ކުރިއަށްގެންދާ އާސެނަލްގެ ކޯޗް، އާސެން ވެންގާ ބުނީ، ޗަންޗޭޒް އާސެނަލްގައި މަޑު ކުރާނެ ކަމަށެވެ. "ކުޅުންތެރިޔާއާ މެދު ހައްލު ކުރަން ޖެހޭ މަބޮޑު ކަމެއް ނެތް، އަހަރެން މެސްޖުގެ ޒަރިއްޔާއިން އޭނާއާ ވާހަކަ ދެއްކިން، އަހަރެން ދެކެނީ ވަރަށް ޕޮސެޓިވް ކަމަށް." ވެންގާ ބުންޏެވެ. އާސެނަލްއިން ވަނީ، އެޓީމުގެ ފޯވަޑް ލައިން ވަރުގަދަ ކުރުމަށް، ލިޔޯންގެ އެލެގްޒެންޑާ ލަކެޒެޓް އެޓީމަށް ގެނެސްފަ އެވެ.