ހޮލީވުޑް

ރެކޯޑްތައް މުގުރަމުން "ފިއުރަސް 7" ގެ މިސްރާބު އެއް ބިލިއަން ޑޮލަރާ ދިމާއަށް

Apr 14, 2015

"ދަ ފާސްޓް އެންޑް ދަ ފިއުރަސް" ގެ 7 ވަނަ ބައި ކަމަށްވާ "ފިއުރަސް 7" ދުނިޔޭގެ ބޮކްސް އޮފީސް ރެކޯޑްތައް މުގުރަން ފަށައިފިއެވެ.

މިހާތަނަށް އެކި ގައުމުތަކުގެ ސިނަމާތަކުގައި ދައްކައިގެން މިވީ އެންމެ 2 ހަފުތާއެއްހާ ދުވަސް ތެރޭގައި މި ފިލްމަށް 800 މިލިއަން ޑޮލަރަށް ވުރެ ގިނައިން ފައިސާ ލިބިފައިވުމުން، ފިލްމަށް ފާޑުކިޔާ މީހުން ބުނަނީ "ފިއުރަސް 7" އަށް އެއް ބިލިއަން ޑޮލަރު ލިބުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

މަޝްހޫރު އެކްޝަން ތަރި ވިން ޑީސަލް އަނެއްކާވެސް މުހިންމު ބައެއް އަދާކޮށްފައިވާ މި ފިލްމަށް މި ރެކޯޑު ގާއިމު ކުރެވިއްޖެ ނަމަ ވާނީ ދުނިޔޭގައި އެއް ބިލިއަން ޑޮލަރުގެ މަރުހަލާ ހުރަސް ކުރެވުނު މަދު ފިލްމްތަކުގެ ތެރެއިން އެއް ފިލްމަށެވެ.

 

"އެވެޓާ"

"ޓައިޓޭނިކް"

"ދި އެވެންޖާސް"

"ހެރީ ޕޮޓާ އެންޑް ދަ ޑެތްލީ ހެލޯސް – ޕާޓް 2"

"ފްރޯޒަން"

"އަޔަން މޭން 3"

"ޓްރާންސްފޯމާސް: ޑާކް އޮފް ދަ މޫން"

"ދަ ލޯޑް އޮފް ދަ ރިންގްސް: ދަ ރިޓާން އޮފް ދަ ކިންގް"

"ސްކައިފޯލް"

"ޓްރާންސްފޯމާސް: އޭޖް އޮފް އެކްސްޓިންކްޝަން"

"ދަ ޑާކް ނައިޓް ރައިސަސް"

"ޕައިރޭޓްސް އޮފް ދަ ކެރިބިއަން: ޑެޑް މޭންސް ޗެސްޓް"

"ޓޯއި ސްޓޯރީ 3"

"ޕައިރެޓްސް އޮފް ދަ ކެރިބިއަން: އޮން ސްޓްރޭންޖާ ޓައިޑްސް"

"ޖުރަސިކް ޕާކް"

"ސްޓާ ވޯސް އެޕިސޯޑް 1: ދަ ފެންޓަމް މެނެސް"

"އެލިސް އިން ވޮންޑަލޭންޑް"

"ދަ ހޮބިޓް: އޭން އަންއެކްސްޕެކްޓެޑް ޖޯނީ"

"ދަ ޑާކް ނައިޓް"

ޗައިނާގައި މި ހަފުތާގައި "ފިއުރަސް 7" ރިލީޒް ކުރި ދުވަހު އެކަނިވެސް ވަނީ 68 މިލިއަން ޑޮލަރު ހޯދާފައިވެއެވެ.

މި ވޭތުވެދިޔަ 14 އަހަރު ދުވަހުގެ ދިގު މުއްދަތުގައި ނެރުނު މި ފިލްމްތަކުގެ ތެރެއިން އެންމެ ފަހު ފިލްމަށް މިހާ ބޮޑު ކާމިޔާބެއް ލިބުމުގައި މި ފިލްމްގެ ދެވަނައަށް އެންމެ މުހިންމު ބަތަލު ކަމަށްވާ ޕޯލް ވޯކާ މިދިޔަ އަހަރު ކާރު އެކްސިޑެންޓެއްގައި މަރުވުން ހިމެނޭ ކަމަށް ބެލެވެއެވެ.

އުމުރުން އެންމެ 40 އަހަރުގައި ޕޯލް މަރުވެފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެއިރު އޭނާ ވަނީ މި ފިލްމްގެ ގިނަ މަންޒަރުތަކެއް ވެސް ޝޫޓް ކޮށްފައެވެ. އެހެންކަމުން ފިލްމް ނިންމައިދިނީ ޕޯލްގެ ބައި ސްޕެޝަލް އެފެކްޓްސް ހަދައިގެން އޭނާގެ ރޯލު އޭނާގެ ދެބެން ލައްވާ ކުޅުވައިގެންނެވެ.

"ފިއުރަސް 7" ވެގެންދާނީ 1993 ގައި ސްޓީވަން ސްޕީލްބާގް ޑައިރެކްޓް ކުރި "ޖުރަސިކް ޕާކް" އަށް ފަހު ޔުނިވާސަލް ސްޓޫޑިއޯ އަށް 1 ބިލިއަން ޑޮލަރު ލިބޭނެ ދެވަނަ ފިލްމަށެވެ.

ޔުނިވާސަލްއިން ބުނި ގޮތުގައި ޗައިނާ އާއި ރަޝިޔާގެ އިތުރުން "ފިއުރަސް 7" ރިލީޒް ކުރި 66 ގައުމުގައި ވެސް މި ވަގުތު ބޮކްސް އޮފީހުގެ އެއް ވަނާގައި ވަނީ މި ފިލްމެވެ.