ދުނިޔެ

ދެކުނުކޮރެއާ އިން އުތުރުކޮރެއާ މަޝްވަރާކުރަން ހުށަހަޅައިފި

ދެކޮރެއާގެ ދެމެދުގައި އުފެދިފައިވާ އަސްކަރީ ދުޝްމަނުކަން ކުޑަ ކުރުމަށް ޓަކައި މަޝްވަރާތަކެއް ބާއްވަން ދެކުނު ކޮރެއާއިން އުތުރުކޮރެއާއަށް ހުށަހަޅައިފިއެވެ.

"ޓޮންގިލްގަކްގައި ޖުލައިމަހުގެ 21 ވަނަ ދުވަހު އަސްކަރީ މަޝްވަރާތަކެއް ކުރަން އަހަރެމެން އެދެން، އެއީ އަސްކަރީ ހަރަކާތްތައް ހިގުން މަނާ ކުރާ ރޮނގުގެ ސަރަހައްދުގައި ދެކޮޅުވެރިކަމުގެ އަމަލުތައް ހުއްޓުވައި، ނުތަނަވަސްކަން ކުޑަ ކުރުމަށް،" ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރުގެ ނައިބު ސުހް ޗޫ ސޫކް ވިދާޅުވިކަމަށް އަލް ޖަޒީރާގެ ހަބަރުގައި ވެއެވެ.

ދެކުނު ކޮރެއާއިން ހުށަހަޅާފައި ވަނީ އުތުރާއި އެކު ވާހަކަތަކުގެ ދެ ބުރެއް ބޭއްވުމަށެވެ. އެކަމުން ދޭހަވަނީ އުތުރުކޮރެއާއިން އުތުރުން އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތައް ޓެސްޓް ކުރަމުން ދިޔަ ނަމަވެސް އެގައުމާ ގުޅުން ރަނގަޅު ކުރަން ދެކުނުގެ އާ ރައީސް މޫން ޖައި އިން ބޭނުންވެވަޑައިގަންނަވާ ކަމެވެ.

ޓޮންގިލްގަކް އަކީ ހަމަލާ ބަދަލުވުމުގެ މުހަދާއެއްގެ ދަށުން ދެގައުމުން ކޮންޓްރޯލް ކުރާ އަވަށެއްގައިވާ އުތުރުކޮރެއާގެ އިމާރާތެކެވެ. ދެގައުމުގެ ސަރުކާރުން އެންމެ ފަހުން މަޝްވަރާތަކެއް ބާއްވާފައި ވަނީ ވެސް އެތަނުގައެވެ. އެއީ 2015 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

ދެކޮރެއާ ދެމެދުގައި އޮންނަ، އަސްކަރީ ހަރަކާތްތައް ހިންގުން މަނާ ސަރަހައްދުގައި ދެކޮޅުވެރިކަމުގެ އަމަލުތައް ހިންގާ ކަމަށް ސޫކް ވިދާޅުވި ނަމަވެސް އެއީ ކޮން ކަހަލަ ހަރަކާތްތަކެއްގެ ވާހަކައެއް ކަމެއް އޭނާ ތަފުސީލުކޮށް ވިދާޅެއް ނުވެއެވެ. ލައުޑް ސްޕީކަރު ބޭނުންކޮށްގެން ދެކުނު ކޮރެއާއާ ދެކޮޅު ވާހަކަތައް ދެއްކުމަކީ ވެސް ދެކޮޅުވެރިކަމުގެ އަމަލުތަކެއް ކަމަށް ދެކުނު ކޮރެއާއިން ކުރިން މާނަކޮށްފައި ވެއެވެ.

ދެގައުމުގައި ތިބުމުގެ ސަބަބުން ވަކިވެފައިވާ އާއިލީ މެމްބަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ޓަކައި ވަކި މަޝްވަރާތަކެއް ކުރަން ދެކުނު ކޮރެއާގެ ރެޑްކްރޮސް އިން ވަނީ އެދިފައެވެ. އެޖަމާއަތުން އެދިފައި ވަނީ އެވާހަކަތައް އޮގަސްޓްމަހުގެ ފުރަތަމަ ދުވަހު ބޭއްވުމަށެވެ.

ކޮރެއާ ދެބައިވެ، ދެގައުމު އުފެދުމުން ވަކިވެފައިވާ އާއިލާތަކުގެ މެމްބަރުން ބައްދަލުވުމަށް ފުރުސަތު ދިނުން މިހާރު ވަނީ ވަރަށް ޚައްސާސް މައްސަލައަކަށް ވެފައެވެ. އެއީ ދެފަރާތުގައި ތިބި މީހުންގެ އުމުރުން ވެސް މިހާރު ދުވަސްވެފައިވާތީއެވެ.