ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފި އެވެ. ފާރިސްގެ މައްޗައް ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ހިލާފަށް ބޭނުންކުރި ކަމަށް ބުނެ، ޝަހުސު އޮޅުވާލުމުގެ ދައުވާ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ފާރިސްގެ މައްޗައް ކުރާ ދައުވާ އަށް އޭނާ އިންކާރުކޮށްފައިވާ އިރު އެކަމާ ބެހޭ އިތުރު ތަފްސީލަކަށް ނުދެ އެވެ. ނަމަވެސް އޭގެ ކުރިން ދައުލަތުން ވަނީ އެ ދައުވާ ފާރިސަށް ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބާއި އެއްބަސްވެއްޖެ ނަމަ ލިބޭނެ ލުއި އަދަބު ބަޔާންކޮށްދީފަ އެވެ.
ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ މި ޝަރީއަތުގައި ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވެފައި ވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ދައުލަތުން ފާރިސްއަށް ފޯރުކޮށްދޭން ޖެހޭ ހެކިތައް ނުލިބޭ ކަމަށެވެ. ފާރިސްގެ ފަރާތުން އެދުނު ހެކިތަކުގެ ތެރެއިން ހެކިވެރިން ލިސްޓު ދޭން ދައުލަތުން ވަނީ ދެކޮޅު ހަދާފަ އެވެ. އެއީ އޭގެ ތެރޭގައއި ސިއްރު ދެ ހެކިވެރިން ހިމެނޭތީ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ އެ މައްސަލަގައި އަޑު އެހުމެއް ދެން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގައި ކަމަށެވެ.
ޝަހުސު އޮޅުވާލުމުގެ ދައުވާ ފާރިސްއަށްކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް ރިޝްވަތު ދެއްވުމުގައި ފާރިސް އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކޮށް އެމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.