ހަބަރު

މަސީހު ޖަވާބު ދާރީވުމަށް ވަގުތު ކަނޑައެޅުން ބުރާސްފަތި ދުވަހު

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލާގައި އެމަނިކުފާނަށް ޖަވާބު ދާރީވުމަށް ލިބޭ ވަގުތު ކަނޑައެޅުމަށް އަންނަ ބުރާސްފަތި ދުވަހު އާންމު ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ އާންމު ކޮމިޓީ ޝެޑިއުލްކޮށްފައި ވަނީ، އަންނަ ބުރާސްފަތި ދުވަހު މެންދުރު 2:00 ހާއިރަށް އެޖެންޑާ ކުރެވިފައި ވަނީ މަސީހުގެ އިތުބާރު ނެތް މައްސަލާގައި ބަހުސްއަށް ވަގުތު ކަނޑައެޅުމެވެ. އެ ބައްދަލުވުމުގައި މެންބަރުންނަށް ބަހުސް ކުރަން ދޭނެ ވަގުތާއި އެކަންކަމަށް މަސީހަށް ޖަވާބު ދާރީވާން ލިބޭނެ ވަގުތުތައް ވެސް ކަނޑައަޅާނެ އެވެ.

ވަގުތު ކަނޑައެޅުން އަންނަ ބުރާސްފަތި ދުވަހަށް އެޖެންޑާކޮށްފައިވާ އިރު އިތުބާރު ނެތް މައްސަލާގެ ޖަލްސާ އޮންނާނެ ދުވަހެއް އަދިވެސް މެންބަރުންނަކަށް ނާނގަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ މި މަހު 24 ގައި އެ މައްސަލަަ ތާވަލު ކުރަން ޖެހޭނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނީ ޕީޕީއެމްގެ 10 މެންބަރުން ހިމެނޭ ގޮތަށް މުޅިއަކު 45 މެންބަރުންް ޕެޓިޝަނުގައި ސޮއި ކުރުމަށް ފަހުގަ އެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މި ދަނޑިވަޅުގައި ޕީޕީއެމްގެ ފަރާތުން މަސީހުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރި މެންބަރުން ވަނީ އެ ޕާޓީން ވަކިވުމަށް ސިޓީ ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަތައް ވަނީ ޕީޕީއެމްގެ ސުލޫކް ކޮމިޓީގަ އެވެ.