ހަބަރު

އަހަރެއް ވީއިރު ވެސް އެންއައިސީއަށް ހުށަހެޅި މައްސަލަތައް ނުނިމޭ

ފުލުހުން ގާނޫނާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް މައްސަލަތަކެއް ހުށަހެޅިތާ އަހަރެއްހާ ދުވަސްވީއިރު ވެސް އެކަމުގެ ތަހުގީގުތައް ނުނިމޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އެންއައިސީއަށް ހުށަހެޅީ މިދިޔަ އަހަރުގެ ޖުލައި 10 ވަނަ ދުވަހުގަ އެވެ. އަދި އެ މައްސަލަ ހުށަހެޅި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްއާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިއަދު ވަނީ އެ މައްސަލައާ ކުރިޔަށް ދިޔަ ހިސާބެއް ބެލުމަށް އެ ކޮމިޝަނަށް ގޮސް އޮޅުން ފިލުވާފަ އެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން މަހުލޫފް ވިދާޅުވީ ފުލުހުން ހިންގާ ގައިރު ގާނޫނީ އަމަލުތަކުގެ ވީޑިއޯއާ ހެކިތައް ހިމެނޭ ގޮތަށް އެ ކޮމިޝަނަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ މައްސަލާގެ ތަހުގީގު ނުނިމޭ ކަމަށެވެ. އަދި އަހަރު ދުވަސްވާއިރު މިފަދަ މައްސަލަތައް ނުނިމި ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އޭގެ ސަބަބުން އެފަދަ އަމަލުތައް ހިންގާ ފުލުހުންނަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށެވެ.

"އެންއައިސީއިން ބުނީ ހުށަހެޅި މައްސަލަތަކުގައި ހިމެނޭ ފަރާތްތައް ދެނެގަނެވިދައި ނުވާ ކަމަށް. އަދިވެސް މައްސަލަ ނުނިމޭ ކަމަށް. އަޅުގަނޑުމެންނަށް އެ މައުލޫމާތު ދެއްވީ އިންވެސްޓިގޭޝަންގަ މަސައްކަތް ކުރާ ބޭފުޅުން. ކޮމިޝަންގެ އެއްވެސް މެންބަރަކާ ބައްދަލެއް ނުކުރެވޭ،" މަހުލޫފް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އެންއައިސީއަށް ހުށަހެޅި މައްސަލަތަކު ތެރޭގައި ހިމެނެނީ އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަށް ފުރުސަތު ފުލުހުން ނުދޭ މައްސަލައާ، ގަވައިދާ ހިލާފަށް ޕެޕާ ސްޕްރޭ ބޭނުންކުރާ މައްސަލަ އަދި ސްލާމީ މަރުކަޒު ކައިރީގައި ސަރުކާރާ ދެކޮޅަށް ދުއާ ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެކަން ހުއްޓުވާ މައްސަލަ ހިމެނެ އެވެ.

"އަޅުގަނޑުމެނެއް ކޮންމެހެން ބޭނުމެއް ނޫން ވަކިވަކި ފުލުހެއްގެ ނަން ހުށަހަޅާކަށް. އަޅުގަނޑުމެންގެ ވާހަކައަކީ މިނިވަން މުއައްސަސާތައް މިއަށް ވުރެއް ހަރުދަނާ ވާން ޖެހޭކަން މިފަދަ މަައްސަލަތައް ހުށަހަޅާފައިވާތާ އަހަރެއް ނިމިގެން ދާއިރު ވެސް އަދިވެސް އެއްވެސް މައްސަލައެއް ނުބެލޭ،" ނޫސްވެރިންނާ ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވި އެވެ.