ހަބަރު

ރާވައިގެން ހިންގާ ކުށްތައް މަދު ކުރުމުގައި ރާއްޖެ ފެއިލްވެއްޖެ

ގައުމުތަކުން ބަލައިގެންފައިވާ ސަަސްޓެއިނަލްބް ޑިވެލޮޕްމެންޓް ގޯލްސް 'އެސްޑީޖީ' ( ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް)ކުގެ ތެރެއިން އެއް ލަނޑު ދަނޑި ކަމަށްވާ ނަހަމަގޮތުގައި ފައިސާގެ މުއާމަލާތްތައް ކުރުން ހުއްޓުވުމާއި އެފަދަ ކަންކަމުގެ ސަބަބުން ގެއްލޭ މުދާ އަނބުރާ ހޯދުމާއި ރާވައިގެން ހިންގާ ހުރިހާ ބާވަތެއްގެ ކުށްތައް މަދު ކުރުމުގައި ރާއްޖޭން ނާކާމިޔާބު ވެފައިވާ ކަމަށް ޓްރާންސް ޕޭރެންސީ އިންޓަނޭޝަނަލް ( ޓީއައި) އިންބުނެފި އެވެ.

އެސްޑީޖީގެ 16 ވަނަ ނަމްބަރުގައި ހާސިލު ކުރަން ކަަނޑައަޅާފައިވާ ލަނޑު ދަނޑިއަކީ ފައިސާގެ މުއާމަލާތްތައް ކުރުމާއި މަދު ކުރުމާއި ގެއްލޭ މުދާ އަނބުރައި ހޯދުމާއި ރާވައިގެން ހިންގާ ހުރިހާ ބާވަތެއްގެ ކުށްތައް މަދުކުރުން ހިމެނެއެވެ. އަދި ރިޝްވަތު ދިނުމާއި ހިފުން ހުއްޓުވުމާއި ރައްޔިތުންނަށް ފަސޭހައިން މައުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ޓީއައިން އާއްމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އެސްޑީޖީގެ 16.4 ގައިވާ ނަހަމަ ގޮތުގައި ފައިސާގެ މުއާމަލާތްތައް ކުރުން ހުއްޓުވުމާއި ގެއްލޭ ފައިސާއާ މުދާ އަނބުރާ ހޯދުމާއި ރާވައިގެން ހިންގާ ކުށްތައް މަދުކުރުމުގައި ރާއްޖެއަށް ހާސިލު ކުރެވިފައި ވަނީ 41 ޕަސެންޓް ކަމަށެވެ. އަދި 16.5 ގައިވާ ހުރިހާ މާނައެއްގައި ރިޝްވަތު ދިނުމާއި ލިބިގަތުން ހުއްޓުވުމުގައި ރާއްޖެއަށް ހާސިލުވެފައި ވަނީ 33 ޕަސެންޓް ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުން 16 ވަނަ ލަނޑު ދަނޑީގައި ހާސިލު ކުރަން ބުނެފައިވާ ކަންތައްތަކުގެ ތެރެއިން ރާއްޖޭން އެންމެ ރަނގަޅަށް ސްކޯ ކޮށްފައި ވަނީ 16.10 އިންނެވެ. އެއީ ރައްޔިތުންނަށް ފަސޭހައިން މައުލޫމާތު ލިބިދިނުމުގެ ދާއިރާއިންނެވެ.