ކުޅިވަރު

މެލޭޝިއާގެ މުބާރާތުގެ ފައިނަލަށް ސާއިދު ދަތުރު ކޮށްފި

Jul 17, 2017
2

މެލޭޝިއަން އެތުލެޓިކްސް އޯޕަން ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުން، ފައިނަލަށް، ސަރަހައްދުގެ އެއް ވަނަ ދުވުންތެރިޔާ ރާއްޖޭގެ ހަސަން ސާއިދު ދަތުރު ކޮށްފި އެވެ.

ސާއިދު ވާދަ ކުރާ ފައިނަލު އޮންނާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 5:20 ގަ އެވެ. ހީޓް ބުރު ކަޑަތު ކުރުމަށްފަހު ސާއިދު ދިޔައީ ސީދާ ފައިނަލަށެވެ. ސާއިދު ވަނީ މި މަހު އިންޑިއާގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރުގެ ފައިނަލުގައި ހަތަރު ވަނަ ހޯދާފަ އެވެ. އޭނާ ފައިނަލުގައި ދުވީ އަނިޔާގައި ހުރެގެން ނެވެ.

އަނިޔާގައި ހުރުމުން 200 މީޓަރު އިވެންޓްގައި ސާއިދު ދުވެފަ އެއް ނުވެ އެވެ. އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝޕްގެ ސެމީ ފައިނަލު ހީޓުން ކުރި ހޯދައިގެން، ފައިނަލަށް ދަތުރު ކުރި، ދެކުނު އޭޝިއާގެ ހަމައެކަނި އެތުލީޓަކީވެސް ސާއިދެވެ. އޭނާ ވަނީ ދުވި ހީޓުން ތިން ވަނަ ހޯދާފަ އެވެ.

އެ މުބާރާތުގެ ފައިނަލުގައި، ސާއިދު ވަނީ ގަތަރާއި ޗައިނާ އަދި މުޅި ސެމީ ފައިނަލު އިވެންޓުން އެއް ވަނަ ހޯދި މެލޭޝިއާގެ ހައިރުލް ހާފިޒް ފަހަތަށް ޖައްސާ ލުމަށްފަހު ހަތަރު ވަނަ ހޯދާފަ އެވެ.