ކުޅިވަރު

މެލޭޝިއާ ޗެމްޕިއަންޝިޕްގެ އެއް ވަނަ ސާއިދު ހޯދައިފި

Jul 17, 2017
3

މެލޭޝިއާގައި ކުރިއަށްދާ، މޭލޭޝިއަން އޯޕަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުން، އެއް ވަނަ ހަސަން ސާއިދު ހޯދައިފި އެވެ.

ސާއިދު އެއް ވަނަ ހޯދީ، 10.48 ސިކުންތުން ރޭސް ނިންމައިގެން ނެވެ. މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި، ސާއިދު ރާއްޖެއަށް ހޯދައިދިން ދެ ވަނަ ރަން މެޑަލް އެވެ. އޭނާ އެންމެ ފުރަތަމަ ރަން މެޑަލް ހޯދީ، ރީޔޫނިއަންގައި 2015 ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު އިވެންޓުން ނެވެ.

ސާއިދު އެއް ވަނަ ހޯދީ، ތައިލެންޑާއި ފިލިޕީންސްގެ އެއް ވަނަ ދުވުންތެރިންނާ ވާދަ ކޮށެވެ. މުބާރާތުގެ ކުރިން، މެލޭޝިއާގެ އެތުލެޓިކްސް ފެޑްރޭޝަންގެ ރައީސް ދާތުކް ކާރިމް ވަނީ، ސާއިދުގެ ނަން ފާހަގަ ކޮށްފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ، ހުރިހާ ގައުމަކުންވެސް މެލޭޝިއަން އޯޕަން އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ފޮނުވާފައި ވަނީ އެ ގައުމު ތަކުގެ އެންމެ މޮޅު އެތުލީޓުން ކަމަށާއި ހާއްސަކޮށް ރާއްޖެ އާއި ތައިލެންޑާއި ފިލިޕީންސްގެ އެތުލީޓުން ފާހަގަ ކުރެވޭ ކަމަށެވެ. އެވެ.

ސާއިދު ވަނީ މިމަހު އިންޑިއާގައި ނިމިންގެން ދިޔަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު އިވެންޓްގެ ފައިނަލުގައި ހަތަރު ވަނަ ހޯދާފަ އެވެ. އެ މުބާރާޓުގެ ފައިނަލުގައި ސާއިދު ދުވީވެސް އަނިޔާގައި ހުރެގެން ނެވެ.