ވިޔަފާރި

ޖުމެއިރާއިން މައްކާގައި ހޮޓަލެއް ހުޅުވަނީ

ރާއްޖޭގައި ރިސޯޓު ހިންގާ ޖުމެއިރާ ގްރޫޕުން މައްކާގައި ހޮޓަލެއް ހުޅުވަން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް ބްރޭންޑް ކަމަށްވާ ޖުމެއިރާ ގްރޫޕުން މައްކާގައި ހުޅުވާ "ޖަބަލް އުމަރު ޖުމެއިރިއާ މައްކާ ހޮޓެލް" ހުޅުވާނީ 2019 ވަނަ އަހަރު އެވެ.

"އަރަބިއްޔާ" ނޫހުގައިވާ ގޮތުން މި ރިސޯޓު ތަރައްގީކުރަނީ މައްކާގެ ހަރަމް ފުޅުން ހިނގާލާފައި ދެވޭހާ ކައިރި ހިސާބެއްގަ އެވެ. މި ހޮޓެލުގައި 1،033 ކޮޓަރީގެ އިތުރުން 93 ވިލާ ހުންނާނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން އެކި ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ ހޯލްތަކާއި ރެސްޓޯރެންޓުތަކެއްވެސް މިތަނުގައި ހުންނާނެ ކަމަށް އެ ނޫހުގައިވެ އެވެ.

މި ހޮޓަލާ ބެހޭ ގޮތުން ޖަބަލް އުމަރު ޑިވްލޮޕްމަންޓް ކޮމްޕެނީގެ ސީއީއޯ ޔާސިރު އަލް އަޝަރީފު ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ މާތްވެގެންވާ ހަރަމްފުޅަށް ޒިޔާރަތްކުރާ މެހުމާނުންނަށް ފެންވަރު ރަނގަޅު ހިދުމަތް ދިނުން ކަމަށެވެ.

ޖުމެއިރާ ގްރޫޕުން 22 ލަގްޒަރީ ހޮޓެލް ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގަ އެވެ. މި ކުންފުނިން ރާއްޖޭގައި ހިންގަނީ ޖުމެއިރާ ވިތަލެވި އާއި ޖުމެއިރާ ދެވަންފުއްޓެވެ. މި ދެ ރިސޯޓަކީ ވެސް ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ ތަންތަނެވެ.