(16 ޖުލައި 2017 އާ ގުޅޭ) -- މީގެ ކުރީން ވެސް ދޫނިތަކާއެކު މެސެޖު ފޮނުވާ ފަރާތުން ލިޔެފައި އޮތް މެސެޖެކެވެ. މިފަހަރު އޭނާ އެވަނީ ސީދާ އައިރާއަށް މުޚާތިބުކޮށްފައެވެ. މުޅި މީހާ ފިނިވިއެވެ. ފުރަތަމަ ވެސް ދުލަށް އައީ ނަމަކީ ލޫކަންއެވެ.
އެ ކަރުދާސް ދޫނިތަކުގެ ފަހަތުގައި ހުރީ ލޫކަން ކަމުގައި ކުރީން ވެސް އައިރާއަށް ހީވިއެވެ. އެހެންނަމަވެސް ޔަގީން ނުކުރެވޭތީ ހަނދާނުން އެކަން އެއްފަރާތްވެލީއެވެ. އަތުގައި އޮތް ނޯޓުކޮޅާއެކު އައިރާއަށް އެނދުގައި އިށީނދެވުނެވެ.
"ކީއްވެ ލޫކަންއަށް އަހަރެން ކަމުދާންވީ. އަހަންނަށްވުރެ ލޫކަންއާ މާއެކަށޭނޭ ކުދީން ތިބޭނެ. އަހަރެންގެ އަތުގައި ލޫކަންއަށް ދޭނޭ އެއްވެސް އެއްޗެއްނެތް. ލޯބި... އަހަރެންގެ ދިރިއުޅުމުގައި އެ ދެ އަކުރުގެ ލަފުޒަށް ޖާގަ ދޭނީ ކިހިނެއް؟ އަހަރެން... އަހަރެން އަދިވެސް ނިޔާނުދެކެ ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ" ސިކުނޑިއަށް ބަރުވާން ފެށުމާއެކު އައިރާއަށް ދެ ލޯ މަރާލެވުނެވެ. މިވީ ގޮތުން ލޫކަންގެ ކުރިމައްޗަށް އަރާކަށް އައިރާ އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. ނޭނގޭ ހާސްކަމެއް ނަފްސަށް ވެރިވެ ކުއްލި ވަރުބަލިކަމެއް އައިރާއަށް އިހުސާސް ކުރުވައިފިއެވެ. ބަނޑުގައި ދެފަހަރަކު ފިރުމާލުމާއެކު މަޑުމަޑުން އެނދުގައި އޮށޯވެ ހަށިގަނޑު ދަމާލިއެވެ. އެހެން އޮތްއިރު އޭނާގެ ހިތާއި ސިކުނޑިން ލޫކަންގެ ނަމާއި އޭނާގެ ޚިޔާލުތައް ދުރެއްނުވިއެވެ. ލޫކަންއަށް ޖަވާބެއްދޭން އައިރާ ފަސްޖެހޭއިރު އޭނާގެ ޟަމީރު ހަނދާންކޮށްދިނީ ލޫކަންގެ ރަނގަޅު އަޙުލާގެވެ. އޭނާ އައިރާއަށް ވަމުން އަންނަ އެހީތެރިކަމެވެ. ލޫކަން އަބަދުވެސް ބުނެއެވެ. އޭނާއަކީ އައިރާ އެންމެ ބޭނުންވި ދުވަހު އައިރާގެ ގާތަށް ފޮނުވި މަދަދުގާރެކެވެ. އައިރާއަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް މި ދުނިޔެއިން އޭނާއަށް ﷲ މިންވަރުކުރެއްވި ނިޢުމަތެކެވެ. އެ ޚީޔާލާއެކު އައިރާގެ ދެ ލޯ ފެންކަޅިވެއްޖެއެވެ.
* * * *
ފުން ވިސްނުމެއްގައި އޮތް ލޫކަންގެ ސަމާލުކަން އަތުލީ ދޮރުގައި މީހަކު ޓަކިޖަހާ އަޑަށެވެ. ނިތުގައި ބާއްވާލާފައި އޮތް ނަގަމުން އެނދުން ތެދުވިއެވެ. ދޮރުހުޅުވާލި އިރު ދޮރުމަތީ ހުރީ މައުރީނެވެ. ނިކަން ހިނިއައިސްފައެވެ.
"ކޮފީބޯން ހިނގާ" މައުރީން ހިފައިގެން ހުރި ދެ ކޮފީމަގުން އެއްމަގު ލޫކަންއަށް ދިއްކޮށްލިއެވެ.
"އަހަރެން ބުނިންތަ ކޮފީބޯނެ ވާހަކަ" މައުރީން ރަކިކޮށްލާ ފަދަ ގޮތަކަށް ބަލަން ހުރެ ލޫކަން އަހާލިއެވެ.
"ނޯ!... ދެން ހިނގާބާ ކޮފީބޯން. ނުބުންޏަސް ހިފައިގެން އައީމަ އެކްސެޕްޓް ކުރާންވާނެ" ތުއިވެލާފައި މައުރީން ބުންޏެވެ. ލޫކަން ވެސް ހުރީ އައިރާގެ ޚިޔާލުތަކުން އެއްފަރާތްވެލަން ބޭނުންވެފައެވެ. އެހެންވެ ނޫންކަމަށް ހެދިފައި ވެސް މައުރީންގެ އަތުން ކޮފީމަގެއް ނެގިއެވެ.
"ކޮޓަރިއަކަށް ނޫންތަ ކޮފީ ބޯން ވަންނަނީ؟" ލޫކަން ނުކުންނަން އުޅޭން ފެށުމުން މައުރީން އަހާލިއެވެ.
"ކޮޓަރިއަކީ ކައިބޮއެ ހަދާތަނެއްނޫން. ޓެރެސްއަށް އަހަރެން މި ދަނީ" ލޫކަން ކޮޓަރިން ނުކުމެ ދޮރުލައްޕާލި ގޮތަށް ހިނގައިގަތެވެ. އޭނާ މައުރީނަކަށް ނުބަލައެވެ. އެހެންނަމަވެސް އެކުއްޖާ މަޑަކުން ނުހުއްޓެވެ. ދުވެލާފައި އައިސް ލޫކަންގެ ކަނާއަތް ފަރާތުން އަރާ ހަމަކޮށްފިއެވެ. އޭނާ ކަމެއް ބޭނުންވެގެން އުޅޭހެން ލޫކަންއަށް ހީވިއެވެ.
"ލޫކް ހާދަ ފޮންޏޭ. މިހާރު ޖޮބަށްދާން ފެށީމަ މައުއާ ވާހަކައެއް ވެސް ނުދައްކާ. ވީކަންޑުގައި ހިނގާލަންދާން ވެސް ނުބުނޭ" ޝަކުވާ ކުރާ ފަދަ ގޮތަކަށް މައުރީން ބުންޏެވެ.
"ކުރީން އެއްވެސް ކަމެއްނެތިފައި ގޭގައި ހުންނާތީއެއްނު ބޭރަށް ނުކުންނަނީ. ޖޮބަށް ދާން ފެށީމަ އެންމެން ވެސް ބިޒީވާނެއެއްނު. މައުގެ ހުރިހާ ފިލާވަޅުތަކެއް ހަދާފަތަ ތިއުޅެނީ ނުކުމެ. ޓެސްޓަށް ދަސްކުރުމެއްނެތްތަ؟" ލޫކަން އައިސް ހާމަފެންޑާއަށް އަރަން ހުރި ސިޑިން މައްޗަށް އަރާން ފެށިއެވެ. އޭނާގެ ފަހަތުން މައުރީން އެރިއެވެ.
"ތަންކޮޅެއް ފަހުން ޓެސްޓު ދެން އޮތީ. މިހާރު މީ ބްރޭކް ދުވަސްކޮޅެއް. އެނގޭތަ! މައުގެ ބާތްޑޭ އަންނަނީނު. މަންމައާއި ބޭބެ އުޅެނީ މައުއަށް ސަޕްރައިޒެއް ދޭންވެގެން. ލޫކް ކޯއްޗެއް ދޭނީ؟"
"އަހަރެން އެއްޗެއް ދޭންޖެހޭތަ؟" ޒާތެއްގެ ހިންޏެއް އައިސްފައި ހުރެ ލޫކަން ބުންޏެވެ. ހާމަފެންޑާގައި ހުރި މޭޒުގެ ދޮށުގައި ލޫކަންއާއި އައިރާ އައިސް އިށީނެވެ. އެކަކު އަނެކަކަށް ކުރިމަތިވާނޭހެނެވެ.
"އެންމެން ވެސް ބާތްޑޭގައި ހަދިޔާ ދޭނެއެއްނު. ލޫކް ނުދޭނަންތަ އެއްވެސް އެއްޗެއް؟" މޫނަށް ދެރަވެފައި އިން ކަހަލަ ވައްތަރެއް ޖައްސަމުން މައުރީން ބުންޏެވެ.
"ދެން އުފަންދުވަސް އައީމަތާ އެނގޭނީ. އެހެންނޫނަސް މައު ތިވަރަށް ކިޔަންޏާ ދޭންވާނެއެއްނު" އެއްވެސް ޝައުގުވެރިކަމެއްނެތް ހެން ލޫކަން ބުނެލިއެވެ. އެއާއެކު މައުރީން ތުންކޮޅު އޫކޮށްލިއެވެ.
"މައު ވެސް ބޮޑުނަމައޭ ހިތަށް އަރާ" އިރުކޮޅަކު ހިމޭނުން އިނދެފައި މައުރީން ވާހަކަދެއްކިއެވެ.
"މައު ބޮޑެއްނުވޭތަ އަދިވެސް..." ޖެއްސުމުގެ ރާގެއްގައި ލޫކަން ބުނެލިއެވެ. އެކަން އެނގި ލޫކަންގެ ކޮނޑުގައި މައުރީން ޖެހިއެވެ.
"ދެން ލޫކް... އަބަދު ދިމާކުރާނެ... އަހަރެން ބޮޑުނަމަ ލޫކްއާ މެރީކުރެވޭނެއެއްނު... އަހަރެން ބޭނުންވަނީ ތިކަހަލަ ބޯއީފްރެންޑެއް. ޖަސްޓް ލައިކް ޔޫ... ހެ ހެ ހެ... އެކަމަކު ކީއްކުރާނީ ލޫކް ތިއުޅެނީ އެހެންކުއްޖަކާ މެރީ ކުރާކައްނު" ތުއިތުއިކޮށް މޫނަށް އެތައް ވައްތަރުތަކެއް ޖައްސަމުން މައުރީން ވާހަކަދެއްކިއެވެ.
"ތީ ކާކު ބުނި ވާހަކައެއް؟" ކުއްލިއަކަށް މައުރީންގެ ވާހަކައާ މެދު ލޫކަން ސީރިއަސްވެލިއެވެ.
"އެކަކު ވެސް ނުބުނޭ. މަންމަ އެ ވާހަކަ ދައްކަނިކޮށް މައުއަށް އަޑު އިވުނީ"
"އޯ! ކީކޭތަ މަންމަ ބުނީ" ލޫކަންއަށް ނޭނގި އޮތް ކަމެއް އިވުމުން އިތުރަށް އެކަން އޮޅުން ފިލުވަން އުޅުނެވެ.
"ވަރަށް އަވަހަށް ޕާޓީއެއް ބާއްވަން އުޅެނީ. ލޫކް ރާއްޖެއަށް އެއްކޮށް ބަދަލުވީމައާއި ޖޮބްލިބުމާ ގުޅިގެން ކަމަށް މަންމަ ބުނީ. ސަލްދައްތައާއި ހިދާ ދައްތަ ވެސް ހެލްޕްވާނެކަމަށް ބުނި. މޭބީ ނެކްސްޓްވީކް... މަންމަ އެ މީހުން ގާތުގައި ބުނި ލޫކް ވަރަށް އަވަހަށް މެރީ ކުރާނެ ވާހަކަ. ޕާޓީގައި ލޫކްއާއި ކޮންމެވެސް ގާލްއެއް މީޓުވާނެ ވާހަކަ... ހޭ ލޫކް! ނުބުނައްޗޭ މައު ކިޔައިދިންވާހަކަ. މަންމަ ރުޅި އަންނާނެ ސަލްދައްތަމެންނާއެކު މަންމަ ދައްކާ ވާހަކަ އަޑުއެހިކަން އެނގިއްޖެއްޔާ. ޕްލީޒް ނުބުނައްޗޭ. އެހެންނޫނީ ސަޕްރައިޒް ސްޕޮއިލްވެދާނެ"
"ޑޯންޓް ވޮރީ. އަހަރެން އެނގޭ ކަމަކަށް ނުހަދާނަން" ލޫކަންއަށް ލެއްވި ނަސީބާމެދު ހިނިތުންވެލިއެވެ. ރުބީނާގެ ކުރިއަށް އޮތް ރޭވުން އެނގުނީތީ ލޫކަން ހިތާހިތާ މައުރީނަށް ޝުކުރުވެރިވިއެވެ. އަނެއްކޮޅުން މައުރީނަކީ ހާދަ މޮޔަ ކުއްޖެކޭ އޭނާގެ ހިތަށް އެރިއެވެ.
"އެއީ ކޮންގާލްއެއްތަ؟ މައުއަށް ދައްކަބަލަ... މައުއަށް އެނގޭ ލޫކްގެ ފޯނުގައި ގާލްފްރެންޑުގެ ފޮޓޯ ހުންނާނެކަން" ލޫކަން ހިނިތުންވެލައިގެން އިންތަން ބަލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު މައުރީން އަހާލިއެވެ. މޭޒުމަތީ ކޮފީމަގު ބަހައްޓާލަމުން ދެއަތް މޭޒުގައި އަޅުވާލާ ލޫކަންއަށް ސަމާލުވެލިއެވެ.
"ފޯނަކު ނުހުންނާނެ އޭނާގެ ފޮޓޯއެއް. ދެން އެހެން ފަހަރަކުން މައުއަށް ދައްކާނަން އެކުއްޖާ. ފަހަރެއްގައި ދަންނަ ވައްތަރު ޖަހާފާނެ"
"ސީރިއަސްކޮށްތަ؟ އެކަމަކު ވަރަށް ސޭޑް ލޫކް މެރީކުރާތީ. ހުރިހާ ރީތި ކުދީން މެރީ ކުރަނީ" މައުރީން މާޔޫސްވިކަން ފެނުމާއެކު ލޫކަން ހިނިއައެވެ.
"ޑްރާމާ ކުއީން" ހިތާހިތުން ލޫކަން ބުނެލިއެވެ. އަދި އިންތަނުން އޭނާ ތެދުވިއެވެ.
"އިރުކޮޅަކުން ކާން ގޮވާނެ. މިގަޑީގައި ކޮފީބޯން ތިބިކަން އެނގި މައުގެ މަންމަ ހިތްހަމަނުޖެހިދާނެ. އަހަރެން ދެން ދަނީ. ކޮފީ ވެސް ހުސްވެއްޖެ" ލޫކަން ބުނެލިއެވެ.
"އަދި އަންނައްޗޭ އެހެންފަހަރަކުން ކޮފީބޯން. މައު އެކަނިވީމަ ވަރަށް ފޫހި" ފުޅާ ހިނިތުންވުމަކާއެކު މައުރީން ބުނެލިއެވެ. ލޫކަން ބޯޖަހާލާފައި ހިނގައިގަތެވެ.
ރޭގަނޑުގެ ކެއުމަށްފަހު ޤައިސްއާއި ރުބީނާ ތިބީ ބޮޑުކޮޓަރީގައެވެ. ޓީވީ އިން ދައްކަމުންދިޔަ ސިޔާސީ ޕްރޮގްރާމެއް ބަލަން ޤައިސް އިންއިރު ރުބީނާ ކުރިއަށް ރާވާފައި ހުރި ކަންކަމުގެ ވާހަކަ ޤައިސްއަށް ކިޔައިދެމުންދިޔައެވެ. ދޭތެރެއަކުން ޤައިސް ރުހުން ދިނުމުގެ ގޮތުން "ހޫން"އެއް ލައްވާލައެވެ.
"ޕާޓީގެ ޚިޔާލާ މެދު އަޅުގަނޑު ވެސް ވަރަށް ހިތްހަމަޖެހޭ. އަޅުގަނޑުގެ ރައްޓެހީންނާ ލޫކް ބައްދަލުކޮށްދޭން އެއީ ވަރަށް ރަނގަޅު ފުރުޞަތަކަށްވާނެ. އެކަމަކު ލޫކްއަށް ނޭނގި އެފަދަ ހަފްލާއެއް ބޭއްވުން ރަނގަޅު ކަމަކަށްނުވާނެ"
"އޭރުން ކިހިނެއް ސަޕްރައިޒަކަށްވާނީ" ރުބީނާގެ ރޭވުން ކުރީބައިގައި ފަޅާއަރާފާނޭތީ ކަންބޮޑުވިއެވެ.
"އޭނާ ގަޔާނުވާނެ ސަޕްރައިޒު ޕާޓީ ބާއްވާކަށް. ހިތްހަމަނުޖެހި މޫޑު ހަރާބުވުމަށްވުރެ ބުނެލާފައި ބޭއްވުން އެންމެ ބުއްދިވެރީ" ޤައިސް އޭނާގެ ދަރިފުޅުގެ ގޮތް ރުބީނާއަށް ބުނެދިނެވެ.
"އެންމެ ރަނގަޅު. އެކަމަކު ޕާޓީއަށް އަންނަ އަންހެންކުއްޖާގެ ވާހަކައެއް ނުބުނާނަން. ޕާޓީތެރެއިން ބައްދަލުކޮށްދޭނީ" ރުބީނާ ހިނިތުންވެލިއެވެ.
* * * *
އައިރާގެ ކޮޓަރީގެ ކުޑަދޮރާ ދިމާއަށް ބަލަހައްޓައިގެން ބެލްކަނީގައި ލޫކަން ހުއްޓެވެ. ހިތުގެ ހާލު އައިރާއަށް އޮޅުން ފިލުވައިދިނުމާއެކު ލޫކަންއާއި އައިރާގެ ދެމެދަށް ދުރުކަމެއް އަތުވެއްޖެއެވެ. އެހެންނަމަވެސް އައިރާގެ ހާލު ބަލާލަން ލޫކަން އައުން މަނައެއް އޭނާ ނުކުރެއެވެ. އެ އަންހެންކުއްޖާގެ ހިތުގައިވާ އެއްޗެއް ދެނެގަންނާކަށް އެއްގޮތަކަށް ލޫކަންއަށް ފަސޭހައެއްނުވިއެވެ. ދުވަސްތައް މާޒީގެ ބޮޅުތަކާއެކުވެ ގެތެމުންދިޔައެވެ. އެއްފަހަރު ވެސް އައިރާގެ ޖަވާބަކީ ކޮބާތޯ ލޫކަން ނާހައެވެ. އެ މައުޟުޢަށް ވާހަކަ ދައްކައެވެ. އައިރާއަށް އެކި ގޮތްގޮތުން އެހީތެރިވެއެވެ.
ލޫކަންގެ ޚިޔާލު ބަދަލުވޭތޯ އައިރާ ދުރުދުރުން މަސައްކަތް ކުރިއެވެ. އައިރާއާއެކު ވަގުތު ހޭދަކުރާން ލޫކަން އަތުވެއްޖެނަމަ ނިޔާނުގެ ވާހަކަ ދައްކާވަރު އައިރާ އިތުރުކުރިއެވެ. އެހެންނަމަވެސް އޭނާ ހައިރާންވަނީ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ލޫކަން އިންނަނީ ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. އެ ދެލޮލުގައި ވަނީ އައިރާ ބިރުގަންނަ ފަދަ އަލިކަމެކެވެ.
ޚާދިމުންގެ އިމާރާތުގެ ތެރޭގައި ލޫކަން ވަގުތު ހޭދަކުރާތަން މަރިޔަންދީއާއި އެހެން ވެސް ޚާދިމުންނަށް ފެނެއެވެ. އެކަކު ވެސް ޝަކުވާގެ ނަޒަރަކުން ނުބަލައެވެ. އޭގެ ބަދަލުގައި އެމީހުން ތިބީ އުފަލުންނެވެ. ބައެއް ރޭ ރެއެއް ލޫކަން އެމީހުން ބޭނުންކުރާ ކުޑަކުޑަ ބަދިގެ ތެރޭގައި ކޮފީ ބޯން އިނދެއެވެ. އެންމެން ތިބޭއިރު މަޖާ ވާހަކަ އޭނާ ދައްކާ ހަދައެވެ. ކުރީން ނެތް ދިރުމެއް ޚާދިމުން އުޅޭ ގޭތެރެއަށް ވެރިވެފައި ވެއެވެ. ނަމަވެސް ހުރިހާ ޚާދިމުންގެ ބެލުންތަކުގެ ތެރެއިން މަރިޔަންދީގެ ބެލުން ތަފާތެވެ. އޭނާގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމުގެ ހިނިތުން ވެސް ތަފާތެވެ. އައިރާއާއި ލޫކަން އެކުގައި ފެންނަ ކޮންމެ ފަހަރަކު އޭނާއަށް މަޑުޖެހިލެވުމާއެކު އެ ދެ ޒުވާނުންނަށް ބަލާލެވެއެވެ. އެފަދަ ކޮންމެ ވަގުތަކު އެ ދެލޮލުން ފިނިކަމެއް އިހުސާސް ވެއެވެ.
ގޭތެރެ ބޮޑު ހަފްލާއަކަށް ތައްޔާރުވަމުން އަންނާތީ ހުރިހާ އެންމެން ވެސް އުޅުނީ ހޭބޯނާރައެވެ. ރުބީނާ ބޭނުންވީ އޭނާގެ ހަޔާތުގައި ވެސް ނުދެކޭހާ ފުރިހަމަ ހަފްލާއެއް ބޭއްވުމަށެވެ. މީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. ކުރާ އުންމީދެކެވެ. މުއްސަނދިންގެ ޕާޓީތަކުގެ ވާހަކަތައް އޭނާ ވެސް އަޑު އަހައެވެ. ސަލްމާގެ ދެމަފިރިން ދޭ އެ ފަދަ ހަފުލާތަކަށް އޭނާ ގޮސް އެ މަންޒަރު ދުށްޓެވެ. އެކަކަށްވުރެ އަނެކަކުގެ މުއްސަނދިކަން ދައްކަން އަންހެނުންތައް އުޅޭ ގޮތް ދުށްޓެވެ. މިއަދު އޭނާއަކީ ވެސް އާދައިގެ އަންހެނެއް ނޫނެވެ. ޤައިސްގެ ރީތި އަނބިމީހާއެވެ. މިރޭގެ ހަފްލާއަށް އަންނަ އަންހެނުންތަކުގެ ވިދުން އޭނާގެ ރީތިކަމުގެ ސަބަބުން ފަނޑުވެގެން ދާނޭކަން ގައިމެވެ.
ހަފްލާ ފެށުނީ ރޭގަނޑު އަށެއްގެ ފަހުންނެވެ. ބޮޑުކޮޓަރިއާއި ކާކޮޓަރިއާ ދެމެދު މީހުންތައް ހޭލަމޭލަވެ އުޅެއެވެ. އެކަކު އަނެކަކާ ވާހަކަދައްކާ އަޑުތަކުން ތަނުގެ އަޑު ގަދަވެފައިވެއެވެ. ލޫކަން ހަފްލާއަށް ނުކުތުމާއެކު އެންމެންގެ ސަމާލުކަން އޭނާ ހޯދިއެވެ. މި ނޫނީ ޤައިސްގެ ފިރިހެން ދަރިފުޅު ދުށުމުގެ ނަސީބު އެތަނަށް އައިސް ތިބި ބައެއް މީހުންނަށް ނުލިބެއެވެ. ޤައިސްގެ ގާތް ރައްޓެހިންނަށް ވެސް ލޫކަން ފެނިފައި ހުރީ އޭނާގެ ޅައިރުއެވެ. ކުއްޑަކުއްޖެއްގެ ގޮތުގައި ހުރި ލޫކަން ބޮޑުވެ ފުރިހަމަ ޒުވާނެއްގެ ގޮތުގައި ފެންނަލެއް ނުހަނު ހިތްގައިމެވެ. އަނދިރި ނޫކުލައެއްގެ ޖީންސަކާއި މުލައްދަނޑި ފެންނަވަރަށް ދެއަތްކުރި މައްޗަށް އަރުވާލާފައިވާ ކަޅުކުލައިގެ ބްލޭޒާއެއް ލާފައި ހުއްޓެވެ. ބްލޭޒާގެ އެތެރެއިން ހުރީ މޭމަތީ އިނގިރޭސި ބަސްކޮޅެއް ލިޔެފައިވާ ހުދު ކުލައިގެ ޓީޝާޓެއް ލާފައެވެ. ފެންނަލެއް ވަރަށް "ސްމާޓް" އެވެ. ޤައިސް ދަރިފުޅު ގޮވައިގެން މީހުންނަށް އޭނާ ތަޢާރަފުކޮށްދިނުމުގައި އުޅުނެވެ.
"ލޫކް! އާދެބަލަ... ހަމައެކަނި ބައްޕަގެ ރައްޓެހިންނާ އެކަނިތަ ބައްދަލުކުރަނީ، ޤައިސް އޭނާ އަޅުގަނޑާއެކު ފޮނުވަންވީނު" ރުބީނާ ލާފައި ހުރި ދިގު ހެދުމުގެ ފަސްބައި ހިއްލައިލައިގެން ހުރެ ހިނިއައިސްފައި ވާހަކަދެއްކިއެވެ. އޭރު އޭނާ ހުރީ ލޫކަންގެ ވައަތުގައި އަތްޖައްސާލައިގެން ނުހަނު ގާތްކޮށެވެ. ފެންނަ ފެނުމަށް ހީވާނީ ލޫކަންއާއި ރުބީނާއާ ދެމެދުގައި ގާތް ޢާއިލީ ގުޅުމެއް އޮތްހެނެވެ. ރުބީނާގެ އެދުމަށް ޤައިސް ހިނިއައިސްފައި ބޯޖަހާލިއެވެ. ލޫކަންއަށް އަތުން އިޝާރާތްކޮށްލީ ރުބީނާއާއެކު ދިއުމަށެވެ. މީހުންގަނޑުގެ ތެރޭގައި ރުބީނާއާ ދެކޮޅުވުމަކީ ޤައިސްއަށް ހުތުރުނަމެއް ލިބިދާނޭ ކަމެއްކަމުގައި ވާތީ ލޫކަން ހުރީ ހިނިތުންވެލައިގެން ހަމަޖެހޭކަން ދައްކައިގެންނެވެ. ލޫކަންގެ އަތުގައި ހިފާ ދަމާލަމުން އޭނާ ގޮވައިގެން ރުބީނާ އައިސް ހުއްޓުނީ އަންހެނުންތަކެއް ގާތަށެވެ. އެމީހުންނަށް އޭނާ ތަޢާރަފުކޮށްދީފައި ދެން ގެންދިޔައީ ސޯފާގައި އިށީނދެ އިން ދެ އަންހެނުންގެ ގާތަށެވެ.
"ލޫކް! މީ އުޔޫން. ދެން މީނީ އުޔޫންގެ މަންމަ ދިޔާނާ" ރުބީނާ މިހެން ބުނުމާއެކު ދިޔާނާ ހިނިތުންވެލިއެވެ. އުޔޫން އިނދެފައި ސަލާމްކޮށްލުމަށް ލޫކަންއަށް އަތްދިއްކޮށްލިއެވެ. އެއަތުގައި ލޫކަން ހިފާލިއެވެ.
"ދެ ކުދީން ވާހަކަދައްކަން ބައިތިއްބާފައި އަޅުގަނޑުމެން އެއްޗެއް ބޯލަން ދަމާ" ރުބީނާ ނިކަން ހިނިއައިސް ބުންޏެވެ. އެއާއެކު ލޫކަން ދެ ލޯ ހިމަކޮށްލަމުން ރުބީނާއަށް ބަލާލިއެވެ. އޭނާގެ މި ރޭވުން ކާމިޔާބުވިޔަކަ ލޫކަން ނުދޭނެއެވެ. މައުރީންގެ ސަބަބުން އޭނާއަށް އޮތީ މިކަމުގެ ޚަބަރު ލިބިފައެވެ.
"މިތާ ތަންކޮޅެއް މީހުންގިނައެއްނު. ހިނގާ އަހަންނާއެކު ޓެރެސްއަށް... ތަންކޮޅެއް މިނިވަންކަމާއެކު ވާހަކަދައްކާލެވޭނެ" ލޫކަން ހިނިތުންވެލުމާއެކު އުޔޫން ބަސްހުއްޓޭ ގޮތްވިއެވެ. ޚާއްޞަކޮށް އޭނާގެ އަތުގައި ހިފާލައިގެން މީހުންގަނޑުގެ ތެރެއިން ސިޑިއާ ދިމާއަށް ލޫކަން އައި ގޮތުން އުޔޫން ހުރީ ދެނެގަންނަވީ އެއްޗެއް ވެސް ނޭނގިފައެވެ.
"ސޯ އުޔޫން ރައިޓް" ހާމަފެންޑާގެ ފާރުބުރީގައި ލެނގިލަމުން ލޫކަން އަހާލިއެވެ.
"ޔޫން ކިޔަސް އޯކޭވާނެ" ރަކި ހިނިތުންވުމަކާއެކު އުޔޫން ބުންޏެވެ.
"ޔޫންއަށް އަހަރެން ކަމުދިއުން އެއީ މައްސަލައަކަށް ވެދާނެ. އެހެން މިބުނީ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ޔޫން ގާތުގައި ބުނެފައި އޮތަސް އަހަރެން ބޭނުމެއްނޫން ޔޫން އޮޅުމެއްގެ ތެރޭގައި ހުންނާކަށް. މިރޭ އައިސް އުޅޭ ހުރިހާ މީހުންނާ ވެސް އަހަރެން ވާހަކަދައްކާ ހިނިތުންވެ ހަދަނީ އެއީ މިރޭގެ މެހެމާނުންނަށްވީމަ. ވަކި ޚާއްޞަވެގެންނެއްނޫން. އަހަރެން ކައިވެނި ކުރާނެ މީހަކު ހޯދަން ބޭއްވި ހަފްލާއެއްނޫން މީ. އަހަރެން ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި. ވަރަށް އަވަހަށް އަހަރެންގެ ބައްޕައާ އޭނާއާ ބައްދަލުކޮށްދޭން ނިންމާފައިވަނީ. އަހަރެން ބޭނުން އެއްވެސް ކަމަކަށް އަހަރެންގެ ބައްޕަ ދެކޮޅެއްނުވާނެ. ޔޫންއަކީ ރީތިކުއްޖެއް. ކައިވެނި ކުރާނޭ ރަނގަޅު އެތައް ޒުވާނުންނެއް ތިބޭނެ. ޔޫންއަށް އަހަރެން ކަމުދިއުން މައްސަލައަކަށްވާނޭ މިބުނީ އެހެންވެ. އަހަރެންނަކީ އެހެންމީހެއްގެ ހައްޤަކަށްވީމަ"
"އިޓްސް އޯކޭ. ތެދަށްބުނީމަ ތެންކިއު... މަންމަމެން ބޭނުންވަނީ އަހަރުމެން ދެމީހުންނަށް އެކަކު އަނެކަކު ކަމުދާނަމަ ގުޅުން ކުރިއަށް ގެންދާން. ބަޓް އިޓްސް އޯކޭ... ލޫކް ބުނަން ބޭނުންވަނީ ކީކޭކަން ވަރަށް ސާފު. އަހަރެން ގޮވައިގެން ތިރިއަށް ދާންވީނު. އެހެންނޫނީ މީހުން ގޯސް ހީވުމެއް ހީކޮށްފާނެ" ލުއި ހިނިތުންވުމެއް އުޔޫން ބަދަލުކޮށްލިއެވެ. އޭނާ އެހާ ފަސޭހައިން ޤަބޫލުކުރުމުން ލޫކަންއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާ ހީކޮށްގެ ހުރީ ރުބީނާ ގެންނާނީ ވެސް އޭނާ ފަދަ މީހަކު ކަމަށެވެ. ނަމަވެސް އުޔޫން މުޅިން ތަފާތެވެ. އޭނާ ބަލަން ހުރި ގޮތާއި ހިނިތުންވެލި ގޮތުން އެއީ ހިތްހެޔޮ އަންހެންކުއްޖެއްކަން ދެނެގަންނާން އުނދަގުލެއްނުވިއެވެ. ލޫކަން ވެސް ހިނިތުންވެލުމާއެކު ހާމަފެންޑާއިން އުޔޫން ގޮވައިގެން ފޭބުމަށް ހިނގައިގަތެވެ.
ދެގަޑިއިރަށް ކުރިއަށް ދިޔަ ހަފްލާއިން މަޑުމަޑުން މީހުން މަދުވަމުން އައިސް ގޭތެރެ އެއްކޮށް ފަޅުވެއްޖެއެވެ. ވެފައި ހުރި ވަރުބަލީގައި ޤައިސް ވެސް ވަނީ ކޮޓަރިއަށެވެ. ގޭތެރެ ސާފުކުރުމަށް ޚާދިމުންނަށް އިރުޝާދު ދީފައި ރުބީނާ ހިނގައިގަތެވެ. އޭނާ ސިޑިން މައްޗަށް އެރި އިރު މަތީގައި ލޫކަން މަޑުކޮށްލައިގެން ހުއްޓެވެ.
"ދެވަނަ ފަހަރަށް ކައިވެންޏޭ ކިޔާ ބައްޕަ ގާތުގައި ކަލޭ އަނގު ނުހުޅުއްވައްޗޭ. އަހަރެން ނުބުނަންތަ ކަލޭ ބޭނުންހާ ގޮތެއް ދެނެއް ނުވާނޭ. މައިތިރިވެގެން ނުހުރިއްޔާ މިގެއިން ނެރެންޖެހިދާނެ. އަހަންނަށް އެނގޭ ކަލޭ ކަހަލަ އަންހެނުންނާ މެދު ކަންތައް ކުރާނޭގޮތް ވަރަށް ރަނގަޅަށް" ރުބީނާ ފެނުމާއެކު ލޫކަން ބުންޏެވެ.
"ލޫކަންއަށް ތިހާ އަސަރެއް ތިކުރަނީ އެ އައިރާއާ ހެދިތަ؟ ލޯބިވަނީތަ؟ ހެ ހެ ހެ... ތިކަމެއްނުވާނެ. އަހަރެން މިގެއިން ބޭރުކޮށްލިޔަސް ލޫކަންއަކަށް އައިރާއެއް ނުލިބޭނެ. އަހަންނަށް މީހަކަށް ގޮތެއް ނުހެދުނަސް އައިރާގެ މައްޗަށް ބާރު ފޯރުވޭނެ. އަހަރެން އޭނާ މިގެއަށް ވެއްދީ. މުޅި އުމުރުގައި އެވަރުގެ މޮޔަކަމެއް އަހަންނަށް ނުކުރެވޭ. އަހަރެން އޭނާ މިގެއަށް ވެއްދި ގޮތަށް މިގެއިން އޭނާ ބޭރުކޮށްލާނަން. ލޫކަން ބަލަ ބަލާ ހުންނާން ޖެހޭނީ"
"ތިހާ ހިތްވަރެއް ހުރިއްޔާ ނިކަން އައިރާއަށް ގޮތެއް ހަދާބަލަ. އަހަރެން ބަލާނަން ކަލޭގެ ކޮޅުތޯ މޮޅުވަނީ ނޫނީ އަހަރެންތޯ" ލޫކަން މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. ރުބީނާގެ މޫޑު ހަރާބުވެއްޖެކަން އެނގި ހުރެއެވެ. އޭނާ އިތުރު އެއްޗެއް ނުބުނެ ކުދި ކިޔަމުން ދެއަތް ހޫރުވަމުން ހަލުވިކޮށް ކޮޓަރިއާ ދިމާއަށް ދިޔައެވެ.
ރުބީނާ ލޯމަތިން ގެއްލުމާއެކު ލޫކަންގެ މޫނު މިލައިގެން ދިޔައެވެ. މަޑުމަޑުން އައިރާގެ ނަން އޭނާ ކިޔާލިއެވެ. އަދި އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އެގާރަޖަހައިފިއެވެ. އެހެންވިޔަސް އައިރާ ދުށުމަށް ލޫކަންގެ ހިތް އެދެމުންދިޔައެވެ. ރުބީނާ ރުޅި އައިސްގެން ވިޔަސް އައިރާ ނުލިބޭނެއޭ ބުނި ބުނުމުން ލޫކަންގެ ހިތަށް ތަދުވިއެވެ.
"އައިރާދެކެ އެހާ ލޯބިވާއިރު އަހަންނަށް ހަމަ އައިރާ ނުލިބޭނެތަ؟" މަޑުމަޑުން ސިޑިން ފައިބަމުން ދިޔައިރު ލޫކަންގެ ސިކުނޑީ ތަކުރާރުކޮށް އެއްސުވާލެއް ކުރަމުން ދިޔައެވެ. އެ ސުވާލަށް އޭނާގެ ހިތާއި ޟަމީރު ހިމޭންކަން ޚިޔާރުކޮށްފައިވެއެވެ.
* * * *
ހިމޭންކަން ވެރިވެފައިވާ މާޙައުލަށް ވަކި އަމާޒެއްނެތި ނަޒަރު ހުއްޓާލައިގެން ކުޑަދޮރުގެ ކައިރީ އައިރާ ހުއްޓެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލަ ފިރުމާލައެވެ. ލުއިލުއި ވައިރޯޅިތައް އައިސް ދޭތެރެއަކުން އެ ދޮން މޫނުގައި ބީހިލާ ފިނިކަން އިހުސާސް ކޮށްދެއެވެ. އެކަމުން ރޭގެ ދިލަ ހޫނު ކުޑަކޮށްދިނެވެ. ބަނޑުގައިވާ ދަރިފުޅު ތޮޅިލި ވަގުތު ސިހިފައި އައިރާއަށް ބަނޑަށް ބަލާލެވުނެވެ.
"ދަރިފުޅާ" ލޯތްބާއެކު އައިރާ ގޮވާލަމުން ބަނޑުގައި ފިރުމާލިއެވެ. އަދި އިސްއުފުލާލި ވަގުތު އެ ދިމާއަށް ހިނގާފައި އަންނަ ލޫކަން ފެނުނެވެ. އަނދިރީގައި ވެސް އެ ހަށިގަނޑުގެ ތެދުކަމާއި ފިރިހެންވަންތަކަން ފާޅުވެއެވެ.
"ލޫކަން..." ވައިއަޑުން ލޫކަންގެ ނަން އައިރާއަށް ކިޔާލެވުނެވެ. އެހިނދު އަނެއްކާ ވެސް ދަރިފުޅު ތޮޅިލައިފިއެވެ. އެ ދަރިފުޅު ވެސް ބަނޑުގައި އޮވެ އައިރާއަށް ކަމެއް ބުނެދޭން މަސައްކަތް ކުރާ ކަހަލައެވެ. (ނުނިމޭ)