މިއަދު މި ފެންނަނީ އަމިއްލަ އާއިލާ ބޭފުޅަކަށް ވީތީ ތަފާތު ކުރުމެއް ނެތި ގާނޫން ތަންފީޒު ކުރާ ތަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއް ރަހީމް މިހެން ވިދާޅުވީ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރު ކުރެއްވިތާ އިރުކޮޅެއް ފަހުންނެވެ. އެކަމާ ގުޅިގެން އަބްދުއް ރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ މި ފެންނަނީ ހަސަބަކަށް ނަސަބަކަށް އަދި އާއިލާއަކަށް ތަފާތު ކުރުމެއް ނެތި ގާނޫން ތަންފީޒު ކުރަމުން ގެންދާތަން ކަމަށެވެ. ފާރިސް އަކީ ރައީސް ޔާމީންއަށް ބޮޑު ބޭބެ ވިދޅުވާ ބޭފުޅެކެވެ.
ފާރިސް މައުމޫން ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލާގައި މެންބަރުންނަށް ރިޝްވަތު ދެމުން އަންނަ ކަމަށް ތުހުމަތު ކުރެވިގެންނެވެ. އެ މައްސަލާގައި ފުލުހުން މިއަދު ވަނީ ފާރިސް ދިރިއުޅުއްވާ މ. ސްނޯ ރޯސްއަށް ވަދެ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ހިންގާފަ އެވެ. ގާތްްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެއް އެ ގޭ ތެރޭގައި ހަރަކާތްތެރި ވުމަށް ފަހު ފުލުހުން ވަނީ ޕެންޑްރައިވްއަކާއި ބައެއް އެހެނިހެން ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ފާރިސް ހައްޔަރުކޮށް މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ.