ހަބަރު

ސުޕްރީމް ކޯޓުގެ ފަހުގެ އަމުރު މި ގެންދަނީ ދިރާސާ ކުރަމުން: ޕީޕީއެމް

ރައްޔިތުން މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުން މިދިޔަ އާދީއްތަ ދުވަހު އެ ކޯޓުން ނެރުނު އަމުރު ދިރާސާ ކުރަމުން އަންނަ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ދުސްތޫރީ މައްސަލާގައި އެ ކޯޓުން ކުރި ހުކުމުގެ ކުރިން ހިނގާފައިވާ އެއްވެސް ކަމެއްގެ މައްޗައް އެ ހުކުމް ނުހިނގާނެ ކަމަށެވެ. އެކަމާ ގުޅިގެން ހުކުމުގެ ކުރިން ޕީޕީއެމް އިން ވަކިވި 10 މެންބަރުންގެ ގޮނޑިވެސް ނުގެއްލޭނެ ކަމަށް ގާނޫނީ ވަކީލުން އަންނަނީ ވިދާޅުވަމުން އެވެ.

އެކަމާ ގުޅިގެން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލްއާ "އަވަސް" އިން ސުވާލު ކުރުމުން އެމަނިކުފާނު ހަމައެކަނި ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރަމުން ގެންދަވާ ކަމަށެވެ. އަދި ޕީޕީއެމް އިން ވަކިވާން އެދުން މެންބަރުންގެ މައްސަލަ އަދިވެސް ސުލޫކް ކޮމިޓީން ބަލަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު ލީޑަރުންނާއި ވަކީލުން ބުނަމުން އަންނަނި ޕީޕީއެމްއިން ވަކިވުމަށް އެ ޕާޓީއަށް ސިޓީ ހުށަހެޅި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން މަޖިލީސް ރައީސްގެ އިތުބާރު ނެތް މައްސަލައަށް އެއްވެސް ބުރެއް ނާރާނެ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޕީޕީއެމްއިން ވަކިވުމަށް ސިޓީ ހުށަހެޅި މެންބަރުންގެ މައްސަލަ ސުލޫކް ކޮމިޓީން ބަލަމުން އަންނަ އިރު އެ ޕާޓީން އިއްޔެ ވަނީ، މަސީހުގެ މައްސަލާގައި ސޮއި ކުރި މެންބަރުން ރޭ 12:00 ގެ ކުރިން އެ ސޮއި ނެގުމަށް އަނގާފަ އެވެ. ނަމަވެސް އެއްވެސް މެންބަރަކު ސޮއިއެއް އަނބުރާ ނުގެންދަވަ އެވެ.