ހަބަރު

"ފާރިސް ހައްޔަރު ކުރުމަކީ ގޮތް ހުސްވުން"

Jul 18, 2017
5

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު، އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ބޮޑު ބޭބެ ވިދާޅުވާ އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމަކީ ސަރުކާރަށް ގޮތް ހުސް ވެފައިވާ މިންވަރު ދޭހަކޮށްދޭ ފިޔަވަޅެއް ކަމަށް ހިޔާލު ތަފާތުވެ ސަރުކަރަށާއި ރައީސް ޔާމީނާ ފެއަށް ޖެހި ވަޑައިގެން ޕީޕީއެމުން ވެސް ވަކިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ.

މި ވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ސިނާން މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަނިޔާވެރި ކަމާ ދެކޮޅަށް ހަނު ތިބުމަކީ އަނިޔާވެރި ކަމަށް ދެވޭ ފުރުސަތެއް ކަމަށާއި ގިނަ ލީޑަރުންތަކެއް ހައްޔަރުވެފައި ވަނިކޮށް ފާރިސް ހައްޔަރުކޮށްފައިވާ މި ދަނޑިވަޅުގައި އަނިޔާވެރި ކަމާ ދެކޮޅު ހަދައި އެ ކަން ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އޭނާ އެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން އިދިކޮޅު ފަރާތްތަކަށް ދޭ ކަމަށެވެ.

"އެއްވެސް ބޭފުޅަކު އަނިޔާވެރި ކަމާ ދެކޮޅަށް ހަނު ނުތިއްބަވާ އެކަމާ ދެކޮޅަށް އަޑު އުުފުލުމަށް އަޅުގަނޑު އެދެން... [އެމްޕީ] ފާރިސް ހައްޔަރު ކުރުމަކީ އަނިޔާވެރި ކަމުގެ ފިޔަވަޅެއް. އެކަން ކޮށްފައި އެވަނީ ސަރުކާރަށް ގޮތް ހުސްވެގެން،" ސިނާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް ވެއްދި ގަރާރުގައި ސޮއި ކުރެއްވި 45 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަދި އޭގެ ފަހުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ސިނާން މިއަދު ވަނީ ފާރިސް މައުމޫން މިނިވަން ކުރުމަށާއި އަނިޔާވެރި ކަމުގައި ހައްދު ފަހަނަޅައި ނުދިއުމަށް ގޮވާލައްވާފަ އެވެ.

"އަނިޔާވެރި ކަމަކީ ގައުމެއްގެ ހަޔާތަށް، އަދި ގައުމަށާއި ރައްޔިތަކަށް އަދި ދައުލަތެއްގެ ސަރުކާރަކަށް ލާބަ ހުރި ކަމެއް ނޫން،" ކުރިން ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ފާތުމަތު އިބްރާހިމްގެ އެންމެ އަރިސް އެމްޕީގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ސިނާން ވިދާޅުވި އެވެ.

ފާރިސްގެ ހައްޔަރާ ގުޅިގެން ސިނާން ވަނީ ފާރިސްގެ ބައްޕާފުޅު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އާއިލާ، ސާބިތު ކަމާއެކު ތިއްބެވުމަށާއި މިފަދަ ދަނޑިވަޅުތަކުގައި ކުރިން ވެސް ދެއްކެވި ހިތްވަރަށް ވުރެ ގަދަ ހިތްވަރެއްގައި ތިއްބެވުމަށް އެދި ވަޑައިގެންފަ އެވެ.

މެންބަރު ފާރިސް ހައްޔަރު ކުރީ އޭނާ ދިރިއުޅުއްވައި ގެ، މ. ސްނޯރޯސް މިއަދު ހެނދުނުން ފެށިގެން ބަލައި ފާސް ކުރުމަށް ފަހު އެވެ.
ފުލުހުން ބުނެފައި ވަނީ ފާރިސް ހައްޔަރު ކުރީ ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާއާ ގުޅޭ ގޮތުން ފުލުހުން މައްސަލައެއް ތަހުގީގު ކުރަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. މީގެ ކުރިން ފުލުހުން ވަނީ އެ ތުހުމަތާ ގުޅޭ ހެއްކާއި ގަރީނާ ހުރި ކަމަށްވެސް ބުނެފަ އެވެ.

އޭނާ ހައްޔަރު ކުރި އިރު ޝަހުސް އޮޅުވާލުމުގެ މައްސަލައެއްގެ ދައުވާގެ ޝަރީއަތް ފާރިސްއަށް އުފުލައި އެ ދައުވާގެ ޝަރީއަތް ވަނީ ފަށާފަ އެވެ.