ހަބަރު

ފާރިސް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ހުރަސް އެޅޭނެ ކަމެއް: އެމެރިކާ

Jul 18, 2017
5

ދިއްގަރު ދާއިރާގެ މެމްމަބަރު ފާރިސް މައުމޫނު ހިމެނިވަޑައިގަންނަވާ ގޮތުން، އިންތިހާބުކޮށްފައި ތިއްބަވާ ލެޖިސްލޭޓަރުން ހައްޔަރު ކުރުމަކީ ޑިމޮކްރަސީއަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އެމެރިކާއިން ބުނެފި އެވެ.

ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މެމްބަރުން ހައްޔަރު ކުރުމަކީ އާއްމު އުސޫލުން ޕާލަމެންޓްގެ މަސައްކަތް ހިނގުމަށް ހުރަސް އެޅޭނެ ކަމެެއް ކަމަށެވެ.

"އިންތިހާބުކޮށްފައި ތިއްބަވާ ލެޖިސްލޭޓަރުން ފާރިސް މައުމޫނު ހިމެނިވަޑައިގަންނަވާ ގޮތުން، ހައްޔަރު ކުރުމާއި ހުރަސް އެޅުމަކީ އާއްމު އުސޫލުން ޕާލަމެންޓްގެ މަސައްކަތްތައް ހިނގުމަށް އަދި ޑިމޮކްރަސީއަށް ހުރަސްް އެޅޭނެ ކަމެއް،" ކެޝަޕްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މެންބަރު ފާރިސް ހައްޔަރު ކުރީ އޭނާ ދިރިއުޅުއްވައި ގެ، މ. ސްނޯރޯސް މިއަދު ހެނދުނުން ފެށިގެން ބަލައި ފާސް ކުރުމަށް ފަހު އެވެ.
ފުލުހުން ބުނެފައި ވަނީ ފާރިސް ހައްޔަރު ކުރީ ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާއާ ގުޅޭ ގޮތުން ފުލުހުން މައްސަލައެއް ތަހުގީގު ކުރަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. މީގެ ކުރިން ފުލުހުން ވަނީ އެ ތުހުމަތާ ގުޅޭ ހެއްކާއި ގަރީނާ ހުރި ކަމަށްވެސް ބުނެފަ އެވެ.

އޭނާ ހައްޔަރު ކުރި އިރު ޝަހުސް އޮޅުވާލުމުގެ މައްސަލައެއްގެ ދައުވާގެ ޝަރީއަތް ފާރިސްއަށް އުފުލައި އެ ދައުވާގެ ޝަރީއަތް ވަނީ ފަށާފަ އެވެ.