ހަބަރު

ގާސިމްގެ ފުއްޕާމޭ ވަނީ ދުޅަވެފައި: ޑޮކްޓަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފުއްޕާމޭ ދުޅަވާ ބައްޔެއް ކަމަށްވާ ބްރޮންކޯނިއުމޯނިއާ ޖެހިފައި ކަމަށް ގާސިމް ބައްލަވާ އޭޑީކޭ ފުއްޕާމޭގެ ޑޮކްޓަރު ޕްރަދީކް ސިންގް ވިދާޅުވެއްޖެ އެވެ.

ޑރ. ޕްރަދީކްގެ ލިޔުމެއްގައި ބުނަނީ ގާސިމަށް ވަނީ ފުއްޕާމޭ ދުޅަވާ ބައްޔެއް ކަމަށްވާ ބްރޮންކޯނިއުމޯނިއާ ޖެހިފައި ކަމަށާއި އަދި މީގެ ކުރިންވެސް ގާސިމް އަންނަނީ ފުއްޕާމޭގެ އެހެން ބައްޔަކަސް ފަރުވާ ހޯދަމުން ކަމަށެވެ. އަދި ގާސިމްގެ މޭގައި ދޭތެރެ ދޭތެރެއިން ރިއްސާ ކަމަށާއި ބްލަޑް ޕްރެޝާ ވެސް ދައްވަމުން އަންނަ ކަމަށް ޕްރަދީކު ވިދާޅުވެ އެވެ.

ޕްރަދީކު ވިދާޅުވީ ގާސިމްގެ ސިއްހީ ނިޒާމް ހުރީ ވަރަށް ނާޒުކުފައްތަރެއްގައި ކަމަށާއި ވީ އެންމެ އަވަހަކަށް ތޭލިއަމް ސުޓްރެސް ކާޑިއެކް ސްކޭން ހަދަން ޖެހޭ ކަމަށެވެ. މި ސްކޭނުން މީހާ އަރާމު ކުރާގަޑީގައި ނުވަތަ ކަސްރަތުރާ ގަޑީގައި ހިތަށް ލޭ ފޮނުވައިދެނީ ކިހާ މިންވަރަކަށްކަން ދައްކައި ދެއެވެ.

ބޯ އަނބުރާ ހޮޑުލަވާ ގޮތްވެ، ނޭވާލުމަށް އުނދަގޫވެގެން ގާސިމް މެޑިކާގައި އެޑްމިޓް ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުފަހު އެވެ. އަދި އޭޑީކޭއަށް ބަދަލު ކުރުމުން އެތަނުގެ ޑޮކްޓަރުންގެ ލަފަޔަށް އަވަސް ފަރުވާއަކަށް ރާއްޖެއިން ބޭރަށްވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތް އިރު ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން އޭނާއަށް ވަނީ ފުރޭ ގޮތް ނުވެފައެވެ.

ގާސިމްގެ ހާލު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ އާދިއްތަ ދުވަހު އެވެ. އޭނާއަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ.