ހަބަރު

މެރިކަލްޗާއަށް ކަސްފާނަ އެތެރެ ކުރުން ހުއްދަކޮށްފި

މެރިކަލްޗާ ކުރަން ރާއްޖެއަށް އެތެރެ ކުރުން ހުއްދަ ބާވަތްތަކުގެ ތެރޭގައި ކަސްފާނަ ހިމަނަން ފިޝަރީޒް މިނިސްޓްރީން ނންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ އެ ގޮތަށް ނިންމި ނަމަވެސް ކުދި ފާނަ އިތުރު ކުރެވޭނީ އެފަދަ ދިރުމެއް އެތެރެ ކުރުމުގެ ސަބަބުން ތައާރަފު
ވެދާނެ ޖަރާސީމަށް ރައްކާތެރިވެފައިވާ ގޮތެއްގައިކަން ކަށަވަރު ކުރާނެ ކަމަށެވެ. އަދި ބުނީ މެރިކަލްޗާ ކޮށްގެން ފާނަ މާކެޓް ކުރަން ގިނަ ފަރާތްތަކެއް ޝައުގުވެރިވާ ކަމަށާއި މަސައްކަތް ފަށައިގަންނަން ބޭނުންވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބޭނުންވާ ކުދި ފާނަ ލިބޭނެ މަގެއްނެތުން ކަމަށެވެ.

ރާއްޖޭގައި މެރިކަލްޗާ ކުރުމަކީ އާ ކަމަކަށް ވެފައި، އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް ކުދި ފާނަ ފޯރުކޮށް ދެވޭނެ ފެންވަރަށް ހެޗަރީއެއް ތަރައްގީ ކުރެވިފައި ނުވާތީ، ފާނަ އާލާކުރަން ބޭނުންވާ ފަރާތްކަށް މިމަސައްކަތް ފަށައިގަތުމަށް މަގުފަހިކޮށްދޭން ކަސް ފާނަށް ހުއްދަ ކުރީ ކަމަށްވެސް ބުންޏެވެ.

ފާނައަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ފަރުމަހުގެ ބާވަތްތަކުގެ ތެރެއިން ރަނގަޅު އަގެއް ލިބޭ އެކަށީގެންވާ މާކެޓެއް އޮންނަ ބާވަތެކެވެ. ނަމަވެސް މިއީ މި މަސްވަރިކަން ތަރައްގީވުމާއެކު އާބާދީ ހީނަރުވެފައިވާ ބާވަތަކެވެ. އެހެން ކަމުން ގުދުރަތީ މާހައުލުން ނަގާ ފާނައަށް ބަރޯސާވުމުގެ އިތުރުން ފާނާ ވިއްސާ އާލާކޮށް މާކެޓް ކުރުމުން ފާނައިގެ އާބާދީ އިއާދަވުމަށް ފުރުސަތު ލިބެ އެވެ.