މެރިކަލްޗާ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރަން ލ. އިސްދޫ އާއި ކަލައިދޫ އަދި ދަނބިދޫ އަށް ލޯނުދޫކުރުމުގެ ފުރަތަމަ ފިޔަވަހީގައި ލޯނަށް އެދެން ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ ލޯން އެހީ އާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މެރިކަލްޗާ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުން ކަމަށާއި މި މަޝްރޫއު ހިއްމު ޙަރަކާތަކީ އަމިއްލަ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ކުދި ހެޗަރީތައް ގާއިމުކޮށް ސިނާއަތް އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.
ގާއިމުކުރެވޭ ހެޗަރީތަކަކީ ރާއްޖޭގައި ހެޗަރީ ހިންގުމުގެ ގާބިލުކަން އުފެއްދުމާއި، މެރިކަލްޗަރކުރުމުގައި ކުދި އެއްޗެހި ބޮޑެތިކޮށް މާކެޓްކުރުމަށް ބޭނުންވާ ފަރާތްތަކަށް ވިޔަފާރި އުސޫލުން ފަސޭހަކަމާއެކު ކުދި އެއްޗެހި ލިބޭނޭ ގޮތް ތަނަވަސްކޮށްދިނުމެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ލުއި ލޯނުގެ އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، ކޮށްޓާއި ޅަ ހުއިފިލަނޑާ އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތުގެ އިތުރުން ލަނޑާގެ ކާނާއަށް ހޭދަކުރަން ޖެހޭނެއެވެ. އަދި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ، މި މިނިސްޓްރީ އާއި ބަރަކާތުލް ބަހްރު ޕްރައިވެޓް ލިމިޓެޑްގެ ފަންނީ އެހީތެރިކަމާ އެކުގައެވެ. ހުއިފިލަނޑާ އާލާކުރުމުގެ ޕައިލެޓް ފިޔަވަހީގައި އިސްދޫ އާއި ކަލަދިދޫ އަދި ދަނބިދޫ ގެ 100 ފަރާތަށް ފުރުޞަތު ދޭނެ އެވެ.
މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 17 އަށް ވަނީ ހުޅުވާލާފަ އެވެ.
ލޯނު ދޫކުރުމުގެ ފުރަތަމަ މަރުޙަލާގައި ކޮންމެ ރަށަކުން ހޮވުމަށް ހަމަޖެހިފައިވަނީ 10 ފަރާތެވެ. ލޯނުގެ ގޮތުގައި ކޮންމެ ފަރާތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50,000ރ. ރުފިޔާއަށްވާ ތަކެއްޗެވެ. އެއީ، 24,000ރ. ރުފިޔާގެ މަގުން އަގުކޮށްފައިވާ ހުއިފިލަނޑާ ބޮޑުކުރާ ކޮށްޓާއި، 26,000 ރުފިޔާގެ މަގުން އަގުކޮށްފައިވާ ކުދި ހުއިފިލަނޑައެވެ. މިފިޔަވަހީގެ ދަށުން ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 6 ޕަސެންޓެވެ. ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑް ހަމަވުމަށްފަހު ލޯނު އަދާކުރަން ޖެހޭނެއެވެ. ލޯނު އަދާކުރުމުގެ އެންމެ ދިގު މުއްދަތަކީ ފަސް އަހަރެވެ. މިމުއްދަތު ބެލޭނީ ގްރޭސް ޕީރިއަޑް ހިމެނޭ ގޮތަށެވެ.