ހަބަރު

ރައީސް ޔާމީނާއެކު ޕީޕީއެމް ކައުންސިލް ފަށައިފި

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ކައުންސިލުގެ ބައްދަލުވުމެއް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ފަށައިގެން މިހާރު ކުރިޔަށް އެބަދެ އެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ މައި އޮފީހުގައި މިހާރު އެ ބައްދަލުވުން ކުރިޔަށް ދާއިރު ކައުންސިލް މެންބަރުންގެ އިތުރުން ބައެއް ވަޒީރުންނާއި، ޕީޕީއެމް ޑެޕިއުޓީ މިނިސްޓަރުން އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސްވަނީ އެ އޮފީހަށް ވަޑައިގެންފަ އެވެ.

މިރޭ ބައްދަލުވުމުގައި މަޝްވަރާކުރަން ހަމަޖެހިފައިވަނީ ކޮން ކަންތައްތަކަކާއި ގުޅޭގޮތުން ކަމެއް އަދި ސާފެއް ނުވެ އެވެ.

މިރޭގެ ބައްދަލުވުން ކުރިއަށްދާއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމުގެ މުއްދަތު ވަނީ ކައިރިވެފަ އެވެ. އަދި އެ މައްސަލަ ވައްދަން އެ ޕާޓީގެ 10 މެންބަރަކުވެސް ސޮއިކޮށްފައިވާއިރު އެ މެންބަރުން ވަނީ ޕާޓީން ވަކިވާން ސިޓީ ލާފަ އެވެ. ނަމަވެސް އެ މެންބަރުން ޕާޓީން ވަކިކުުރުމާމެދު އަދި މިހާތަނަށް އެއްވެސް ގޮތެއް ނިންމާފައެއް ނުވެ އެވެ.