ޗައިނާގެ ސިލްކް ރޫޓްގެ ބައެއްގެ ގޮތުގައި ހިމެނޭ ލ. ގަމާއި ފޮނަދު އާ ދެމެދު ހަދާ ލިންކް ރޯޑްގެ އަމަލީ މަސައްކަތް ރައީސް އަބްދުﷲ ޔާމީން މިރޭ ފައްޓަވައި ދެއްވައިފި އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ "ހައްދުންމަތީގެ ބޮޑު މަގު" މަޝްރޫއު ރައީސް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން ލ އަތޮޅަށް ތަރައްގީ އައިސް ގިނަ ވަޒީފާތަކެއް އުފެދިގެން އަންނާނެ ކަމަށެވެ. އަދި ލ އަތޮޅު ފަދަ ބިން ބޮޑެތި ރަށްތަކުގައި މިފަދަ މަސައްކަތްތައް ފެށުމަކީ ތަރައްގީ ގެނެވޭނެ އެންމެ ފަސޭހަ މަގު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ މި އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކެއް ހަގީގަތަކަށް ވާތަން. މިއީ އަޅުގަނޑުމެން ސަރުކާރަށް ވެސް ހާއްސަ ދުވަހެއް. އެއީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި މިހިރަ ކަންކަން ހާސިލްވަމުން ދިޔުން މިއީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުު ވިދާޅުވީ މިއީ ޗައިނާއިން ގާއިމް ކުރުމަށް މަސައްކަތް ކުރާ ސިލްކް ރޯޑްގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށެވެ. އަދި މިއީ ހާއްސަ އިގްތިސާދީ ސަރަހައްދުތައް ލ ގައި ތަރައްގީ ކުރުމަށް ހުޅުވުނު ދޮރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއީ މަސައްކަތްތަކެއްގެ ފެށުމެއް. މިކަމުގެ ސަބަބުން އޮތީ ތަރައްގީ. ބޭރުގެ އިންވެސްޓަރުންނާއި ލޯކަލް އިންވެސްޓަރުން މިތަނަށް އައުން. މިއީ އަޅުގަނޑުމެން މި މަޝްރޫއާ އެކު ކަށަވަރު ކުރާކަމަކީ،" ރައީސް ވިދާޅުވި އެވެ.
ފޮނަދު އާއި ގަން ގުޅުވައިދޭ އެ މަގުގައި 15.1 ކިލޯ މީޓަރު ހުރެ އެވެ. އެ މަގު ހަދަނީ އެންމެ ޒަމާނީ ފެންވަރަށް ތާރު އަޅައިގެންނެވެ. އެ މަގުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕާ އެވެ. އެ މަޝްރޫއަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާން ކުރެއްވި މަޝްރޫއެކެވެ.