ހަބަރު

ގޭމްޕްލޭން ވަނީ ރާވާ ނިމިފައި، ކާމިޔާބު ކުރާނަން: މައުމޫން

ގޭމް ޕްލޭން ވަނީ ރާވާ ނިމިފައި ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުކޮށް އާ ދުވަހެއް ގެނެއްނާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ފަރާތްތައް ލީޑް ކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. މައުމޫން މިހެން ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވައިގެން މިރޭ ކުނޫޒުގައި ބޭއްވި ބައްދަލުވުމަކަށްފަހު ނުކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫނު ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން ރާވާފައިވާ ގޭމް ޕްލޭނާ އެއްގޮތަށް މަަސައްކަތް ހިނގާ ކަމަށާއި އިސްލާހީ މަސައްކަތަކީ އެހެން ހުއްޓުވޭނެ އެއްޗެއް ނޫން ކަމަށާއި މީހަކު އެއްޗެއް ބުނެގެންނެއް އެކަމެއް ނުހުއްޓުވޭނެ ކަމަށެވެ.

އަދި ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ހިނގާ ގޮތް ބަލާނެ ސްޓިއަރިން ކޮމިޓީއެއް ވެސް މިހާރު އުފައްދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސްޓިއަރިން ކޮމިޓީން އަބަދު ބައްދަލުވެ މަސައްކަތްތައް ކުރައްވާ ކަމަށެވެ. އެެ ކޮމިޓީން މަސައްްކަތް ކުރައްވަނީ ހަތަރު ޕާޓީގެ ލީިޑަރުންގެ އިރުޝާދު ހޯއްދަވައިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި އިންތިހާބުވާ މެމްބަރުން ޕާޓީ ބަދަލުކުރެއްވުމުން ނުވަތަ ޕާޓީ ދޫކޮށްލެއްވުމުން މެމްބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު ރޫލިން އާ މައުމޫނު މިރޭ ތަކުރާރުކޮށް ދެކޮޅު ހެއްދެވި އެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނުގައި އޮތީ ގޮނޑި ގެއްލޭ ގޮތަށް ނޫން ކަމަށާއި ސުޕްރީމްކޯޓްގެ ފަހުގެ އަމުރުގައި ވެސް ބުނެފައި ވަނީ އެހެން ކަމަށެވެ.

"ޕާޓީން ކެނޑުނަސް މެމްބަރު ކަމެއް ނުގެއްލޭނެ. އެބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. އެބޭފުޅުންނަށް އެގޮތުން ލިބިދޭ ހުރިހާ ހައްގަކާއި އިމްތިޔާޒެއް އޮންނާނެ،" ސުޕްރީމް ކޯޓުގެ އަމުރާ ދެކޮޅު ހައްދަވަމުން މައުމޫނު ވިދާޅުވިއެވެ.

ދެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލައިގެ ވޯޓަށް އެހުން ވަރަށް އަވަހަށް ބޭއްވޭނެ ކަމަށާއި އެކަން ކާމިޔާބުވެސް ވާނެ ކަމަށެވެ.

އިސްލާހަށް ކުރައްވާ މަަސައްކަތާ ގުޅިގެން ސަރުކާރުގެ ފަރާތުން އިތުރު ހުރަސްތަކެއް ކުރިމަތިވެވަޑައިގެންފާނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ ކޮންމެ ކަމެއް ވެސް ކުރިމަތިވެދާނެ ކަމަށެވެ.

"... މިހާރު ގާނޫނު އަސާސީއަކަށް ބެލުމެއް ނެތް. ގާނޫނުތަކަށް ބެލުމެއް ނެތް. އިންްޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އަށް ބެލުމެއް ނެތް. ޑިމޮކްރެޓިކް އުސޫލުތަކަށް ބެލުމެއް ނެތް. އެހެންވީމާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ނުންތޯ؟ އެހެންވިމާ އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ކޮށްފިއްޔާ އަޅުގަނޑުމެން އޭގެ ޖަވާބުގައި ކަންތައް ކުރާނަން،" މައުމޫނު ވިދާޅުވިއެވެ.

އާއްމުކޮށް ވާހަކަ ދައްކަވާ ގޮތާ ވަރަށް ތަފާތުކޮށް މިރޭގެ އިންޓަވިއުގައި އެމަނިކުފާނުގެ ވާހަކަ ދެއްކެވި އިރު، ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު މިހާރު ހުންނެވީ ދޫނިދޫގައި ހައްޔަރުކޮށްފައެވެ.