ކާމިޔާބު ފިލްމުތަކަށްފަހު ޑާކްރެއިން އެންޓަޓެއިންމަންޓުން އިތުރު ފިލްމުތަކަކަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. ތިން ފިލްމެއްގެ މަސައްކަތް ފަަށައިގެން އުޅޭއިރު އެންމެ ކުރިން ނިންމަން ހަމަޖެހިފައިވަނީ މުހައްމަދު ޖުމައްޔިލް އަދި މަރިޔަމް މަޖުދާގެ ކެމިސްޓްރީ އަނެއްކާވެސް ސްކްރީނަށް އަޅުވައިލުމުގެ މަސައްކަތެވެ. "ވަކިން ލޯބިން" އެ ފިލްމުގެ މަސައްކަތެވެ.
އެއަށްފަހު ދެން ތައްޔާރުވަނީ ތްރިލާ ފިލްމަކަށެވެ. "ގޮށް ރާޅު" ނަމުގައި ހަދާ އެ ފިލްމުގެ މާބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ. އެ ފިލްމުން ޖުމައްޔިލް ވެސް ފެނިގެންދާނެ އެވެ. ޖުމައްޔިލާއެކު އެ ފިލްމުން ދެން ފެނިގެން ދާނީ މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ފަޅު ފިލުވާލައި އެންމެން ހެއްވާލަ ދިން ހަސަން އިރުފާން (ޒަކިއްޓެ) އެވެ.
ޒަކިއްޓެގެ ރޯލާ ބެހޭގޮތުން މާބޮޑު ތަފްސީލެއް އަދި ދެވެން ނެތް ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ. އެނގޭހާ ވެސް އެއްޗަކީ މިއީ އާދައިގެ ރޯލެއް ނޫން ކަމެވެ. ބަލަން ތިބެމާ ހިނގާށެވެ.
މިހާރު ހިތަށް އަރާނީ ޒަކިއްޓެ ފިލްމީ ދާއިރާއަށް އެއްކޮށް ވަނީ ހެއްޔޭ އެވެ. ލަވަ ކިޔަމުން ފިލްމު ކުޅެނީ ހެއްޔެވެ؟
"އުހުނ! މި ހަމަ ތަފާތު ރޯލެއް ވީމަ ކުޅެލީ. މޮގާމެން އެޕްރޯޗް ކުރީމަ. ފިލްމީ ދާއިރާއަށް ނުކުތީކީ ނޫން. މީ ފަސްޓް އެންޑް ލާސްޓް،" އެ ސުވާލަށް ޒަކިއްޓެ ދިން ޖަވާބަކީ މިއީ އެވެ.
ޒަކިއްޓެ ބުނީ ފިލްމުގެ މަސައްކަތް ފެށުމުން ޒަކިއްޓެގެ އަމިއްލަ ލަވައިގެ މަސައްކަތް ވެސް މަޑުޖެހިފައިވާ ކަމަށެވެ. އަދި އެ ލަވަ ނެރޭނެ ސީދާ ތާރީހެއް ބުނަން ނޭނގެ އެވެ.
މޫމިން ފުއާދުގެ ވާހަކައަކަށް ހަދާ އެ ފިލްމުގެ ޑައިރެކްޓު ކުރަނީ އަހުމަދު ޝިނާނެވެ. ޝިނާނަކީ ނަހުލާގެ ބިރުވެރި ފިލްމު "4426" ގެ ވެސް ޑައިރެކްޓަރެކެވެ.
"ގޮށްރާޅު" ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގަ އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާތަނަށް އެކި ކަހަލަ ފިލްމުތައްވަނީ ގެނެސްދީފަ އެވެ. އޭގެ ތެރޭގައި ތްރިލާ ފިލްމުތައް މީގެ ކުރިންވެސް ގެނެސްދީފައި އެބަހުއްޓެވެ. އެގޮތުން "ހެޕީ ބާތު ޑޭ" އަދި "މިކޮއެ ބައްޕަ ބައޭ ބައޭ" އަކީވެސް ތްރިލާ ޑާކްރެއިނުން ގެނެސްދީފައިވާ ތްރިލާ ފިލްމުތަކެވެ. "މިކޮއެ ބައްޕަ ބައޭ ބައޭ" އަކީ ސައިކޮލޮޖިކަލް ތްރިލާ އެކެވެ.