ހަބަރު

ނިމްސްއަށް ރާއްޖެއިން ދެ ފަޅުރަށް!

  • ދެ ރަށް ދިނީ 50 އަހަރަށް
  • ރިސާޗް ސެންޓަރަކާއި މެޑިކަލް ކޮލެޖެއް އަޅާނެ
  • ސްޕޭސް ރިސާޖް ސެންޓަރެއް ވެސް އަޅާނެ

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ވެރިރަށް ތިރުވަނަންތަ ޕޫރަމްގައި މަރުކަޒުކޮށްފައިވާ ނޫރުލް އިސްލާމް އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސް އެންޑް ރިސާޗް ފައުންޑޭޝަން (ނިމްސް) އިން ރާއްޖޭގައި ޖެނެޓިކް ރިސާޗް ސެންޓަރަކާއި މެޑިކަލް ކޮލެޖެއް އަޅަން ތައްޔާރުވަމުން އަންނަ ކަމަށް އެ ގްރޫޕުން ބުނެފި އެވެ.

ތިރުވަނަންތަޕޫރަމްގައި ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލެއް ވެސް ހިންގަމުން އަންނަ އެ ގްރޫޕުން ބުނީ ރާއްޖޭގެ 70 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން ހަވާލުވުމުން 50 އަހަރަށް ދެ ފަޅުރަށް ވެސް ކުއްޔަށް ދީފައިވާ ކަމަށެވެ.

ނިމްސް ގްރޫޕުގެ މެނޭޖިން ޑައިރެކްޓަރު ފައިޒަލް ޚާން އިންޑޯ އޭޝިއަން ނިއުސް ސާވިސް (އިއާންސް) އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ހިންގާ މަޝްރޫއުގެ ޖުމްލަ އަގު، ދެރަށުގެ އަގު ހިމެނޭ ގޮތުން 1650 ކްރޯޑް ރުޕީސް އަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

"... އަހަރެެމެން ޕްލޭން ކޮށްފައި ވަނީ މެޑިކަލް އެޑިއުކޭޝަން ސެންޓަރަކާއި ޖެނެޓިކް ރިސާޗް ސެންޓަރެއް، އޭވިއޭޝަން އެކަޑަމީއަކާއި މެރިން އިންޖިނިއަރިން ކޮލެޖެއް އަދި ހޮލިސްޓިކް ޓްރީޓްމެންޓް ސެންޓަރެއް ގާއިމްކުރަން،" އިއާންސްއަށް ދެއްވި އިންޓަވިއުގައި ފައިޒަލް ޚާން ވިދާޅުވިކަމަށް ނޫހުން ބުންޏެވެ.

ޚާން ވިދާޅުވެފައި ވަނީ އެ ދެރަށް މޯގޭޖްކޮށްގެން ލޯނު ނެގުމުގެ ހައްގު ވެސް ދިވެހި ސަރުކާރުން ނިމްސް ގްރޫޕަށް ދީފައިވާ ކަމަށެވެ.

ރިސާޗް އަދި އެޑިއުކޭޝަން ސެންޓަރުތައް އަޅާނީ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ކަމަށާއި ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރާނީ ހޮސްޕިޓަލް ކަމަށެވެ. އެގޮތުން އެތަނުގައި ހިދުމަތްދޭން ތިބޭ މުވައްޒަަފުންގެ އަދަދު ދެގުނައަށް އިތުރުކުރާނެ ކަމަށާއި ކެތުލެބެއް ވެސް ގާއިމް ކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

"ކެތުލެބަށް ބޭނުންވާ އިކްއިޕްމެންޓާއި ބޭނުންވާ މެޑިކަލް އެހެެން އިކްއިޕްމެންޓަށް މިހާރުވެސް ވަނީ އޯޑަރުކޮށްފައި،" ޚާން ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން ވެސް ގާއިމްކުރާނީ ނިމްސް އިންނެވެ. އިންޑިއާގައި މިދިޔަ ޖޫން މަހު އެއް ރޮކެޓް ބޭނުންކޮށްގެން ފޮނުވައިލި ސެޓެލައިޓްތަކުގެ ތެރެއިން އެއް ސެޓެލައިޓް އުފެއްދީ އެގްރޫޕްގެ އިންޖިނިއަރިން ކޮލެޖްގެ ދަރިވަރުންނެވެ.

ފައިޒަލް ހާން އާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ އެ މައުލޫމާތު ކުރިން ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.