"ރޯދައިގެ ދަރުމަ" އިގެ ނަމުގައި މަޝްހޫރު އިލްމުވެރިޔާ، އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިއަ ރޯދަ މަހު އަވަސް އޮންލައިންނަށް ދީނީ އަދި އިލްމީ ކޮންޓެންޓެއް ތައްޔާރުކޮށް ދެއްވާފައިވާތީ އެ މަނިކުފާނުގެ އެ މަސައްކަތުގެ އަގުން ވަޒަން ކުރުމުގެ ގޮތުން އަވަސް އޮންލައިންގެ ފަރާތުން ހަނދާނީ ފިލައަކާއެކު ލިޔުމެއް އަރުވައިފި އެވެ.
އިސްލާމިކް ޔުނިވަސިޓީގައި މިއަދު އޮތް ބައްދަލުވުމުގައި އަވަސް އޮންލައިންގެ ފަރާތުން ޗާންސެލާ، ޑރ. ޝަހީމަށް ހަނދާނީ ފިލަ އާއި ލިޔުން ހަވާލުކޮށް ދެއްވީ އަވަސްގެ އެޑްމިނިސްޓްރޭޓާ އައިމިނަތު ނިއާޒާ އެވެ.
އެ ބައްދަލުވުމުގައި އަވަސް އޮންލައިންގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމް ވަނީ މިދިއަ ރޯދަ މަހުގެ އަވަދި ތާވަލުގެ ތެރެއިން ޑރ. ޝަހީމް އަވަސް އަށް ވަގުތު ހުސްކޮށް ދެއްވައި ލިޔުއްވުމާއެކު ވީޑިއޯ ހިމެނޭ ގޮތަށް ރޯދައާ ގުޅުންހުރި ދީނީ ނަސޭހަތާއި މައުލޫމާތު ގެނެސް ދެއްވި ކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރު ދަންނަވާ މަރުހަބާ ވިދާޅުވެފަ އެވެ.
އަދި ވިދާޅުވީ ރޯދަމަހު އަވަސް އާއެކު ކޮށްދެއްވި އިލްމީ އެ މަސައްކަތްޕުޅުގެ ސަބަބުން ނޫހާއި ކިޔުންތެރިންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ ނޫހުގެ ކޮންޓެންޓަށް އޮތް މަގުބޫލުކަން އިތުރުވެގެން ދިޔަ ކަމަށެވެ. އަދި އެ ފުރުސަތު ތަނަވަސްވީ ނޫސް މެދުވެރިކޮށް އެ މަނިކުފާނުގެ އެފަދަ އިލްމީ ކޮންޓެންޓެއް ލިބިގަތުމަށް ކިޔުންތެރިން ވަރަށް ބޮޑަށް ބޭނުންވެފައި ތިއްބައި ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އަވަސް އޮންލައިނަށް ލިޔުއްވައި ދެއްވުމަށާއި ހާއްސަ މުނާސަބާތަކާ ގުޅުވައި ދީނީ އަދި އިލްމީ ކޮންޓެންޓް ތައްޔާރު ކޮށްދެއްވުމަށް ޗާންސެލާއަށް ދައުވަތު ދެއްވި އެވެ.
ޗާންސެލާ، ޑރ. ޝަހީމް މިއަދު ވިދާޅުވީ ރޯދަ މަހު އަވަސް އާއެކު އެ މަނިކުފާނަށް ކުރެއްވުނީ ވަރަށް އުފާވެރި ތަރުޖިބާއެއް ކަމަށާއި އަވަސްގެ ޒުވާން ޓީމާއެކު ޝައުގުވެރި ކަމާއެކު "ރޯދައިގެ ދަރުމަ" އިގެ މަސައްކަތް ކުރެވުނު ކަމަށެވެ.
"ވަކީން ބޮޑަށް އަޅުގަނޑު އުފާވީ، އަވަސް އިން އެކަމަށް ދެއްވި ޝައުގުވެރި ކަމާއި ތައްޔާރު ކުރެވުނު ކޮންޓެންޓަށް އާންމު ރައްޔިތުން ދެއްވި ޝައުގުވެރި ކަމުން،" ޗާންސެލާ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ދީނީ އަދި އިލްމީ ލިޔުންތަކާއި ހާއްސަ ޕްރޮގްރާމްތައް އަވަސް އޮންލައިނަށް ހަދިޔާ ކުރައްވާނެ ކަމަށާއި އެ މަނިކުފާނަކީ އަވަސްގެ ކޮންޓެންޓްގެ ބައިވެރިއެއް ކަމަށެވެ.
ރޯދައިގެ ދަރުމައިގެ ނަމުގައި ރޯދާއާ ގުޅުން ހުރީ ދީނީ ނަސީހަތާއި މައުލޫމާތު މިދިއަ ރޯދަ މަހުގެ ކޮންމެ ދުވަހަކު ގެނެސްދިނެވެ. ލިޔުމަށްވުރެ ބޮޑަށް ވީޑިއޯ ބޭނުންކޮފައިވާ އެ ކޮންޓެންޓަށް ގިނަ ބައެއް ތަރުހީބު ލިިފައިވެއެވެ.