ދީން

ރޯދައިގެ ދަރުމަ: މާބަނޑުމީހާ ރޯދަ ދޫކޮށްލުން ހުއްދަ

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "މާބަނޑުމީހާ އާއި ކިރުމައިގެ ރޯދަ" އެވެ.

ރަމަޟާން މަހަކީ ރޯދަ ހިފުން ފަރުޟު ކުރައްވާފައިވާ މައްސަރެވެ. ރޯދަ ހިފުން ފަރުޟު ކުރައްވާފައިވަނީ ބާލިޣުވެފައިވާ ބުއްދި ސަލާމަތުން ހުރި، ރޯދަ ހިފުމުގެ ކުޅަދާނަކަން ހުރި ކޮންމެ މީހެއްގެ މައްޗަށެވެ.

މި ޝަރުތުތައް ހަމަވާ މީހުންގެ ތެރޭގައި ވެސް ރޯދަ ހިފުމަށް ހުރަސްއެޅޭ ހާލަތްތައް އަންނާނެ އެވެ. އޭގެތެރޭގައި މާބަނޑު އަންހެނާ ހިމެނެ އެވެ. މާބަނޑުވި ނަމަވެސް އޭނާގެ ހާލު ރަނގަޅުނަމަ ރޯދަ ހިފަންވީ އެވެ. ނަމަވެސް މާބަނޑުވުމުގެ ސަބަބުން މީހާގެ ބަލިކަށިވެ ހާލު ދެރަވެއްޖެނަމަ އޭނާ ރޯދަ ދޫކޮށްލުމަކީ ހުއްދަ ކަމެކެވެ.

ދަރިފުޅުގެ ސިއްހަތަށްޓަކައި މައިމީހާ ރަނގަޅު ސިއްހަތެއްގައި ހުރުމަކީ މުހިންމު ކަމެކެވެ. ދަރިފުޅުގެ ސިއްހަތަށްޓަކައި ރޯދަ ދޫކޮށްލުން ހުއްދަ ވަނީ އެހެންވެ އެވެ. އޭނާ ރޯދައަށް ހުރެފިނަމަ ދަރިފުޅުގެ ސިއްހަތަށް ގެއްލުމެއްވެދާނެ ކަމަށް ޑޮކްޓަރުން ލަފާދީފިނަމަ، ރޯދަ ދޫކޮށްލުން އިލްމްވެރިން ވިދާޅުވާ ގޮތުގައި ވާޖިބު ވެސްވެ އެވެ. އެއީ، ދިރިހުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ވާޖިބު ކަމަކަށްވާތީ އެވެ.

އެފަދަ ހާލަތްތަކުގައި ދޫކޮށްލައި، ރޯދަ ޖެހޭނީ ގަޟާކުރާށެވެ. މިސްކީނުންނަށް ކާން ދޭން ވެސް ޖެހޭނެ ކަމަށް ބައެއް އިލްމްވެރިން ވިދާޅުވި ނަމަވެސް އެކަން ލާޒިމުކުރާ ދަލީލެއް ނެތެވެ. ރޯދަ ގަޟާކޮށްލުމުން އެކަނި ފުދޭނެ އެވެ.

ކިރުމައި މީހާއަކީ ވެސް މިފަދަ ޒިންމާއެއް އުފުލަންޖެހޭ މީހެކެވެ. ދަރިފުޅަށް ކިރުދޭ މީހާގެ ގައިގާ ހަކަތަ ހުންނަންޖެހޭނެ އެވެ. ދަރިފުޅުގެ ސިއްހަތަށްޓަކަ އެވެ. ދަރިފުޅަށްޓަކައި ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި ކިރުމައިމީހާއަށް ވެސް ރޯދައަށް ދޫކޮށްލެވިދާނެ އެވެ. ފަހުން އެ ރޯދަ ގަޟާކުރަން ޖެހޭނެ އެވެ.