ހަބަރު

ގޮނޑި ގެއްލޭ ކަމަށް ބުނަނީ ހުކުމާ ހިލާފަށް: އިލްހާމް

ވެރިކަން ކުރާ ޕީޕީއެމުން ވަކިވެފައިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް އެޕާޓީން ނިންމައިގެން އުޅެނީ މި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ހިލާފަށް ކަމަށް ދަނގެތީ ދާއިރާގެ މެމްބަރުން އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިލްހާމް މިއަދު އަވަސްއަށް ވިދާޅުވީ ގޮނޑި ގެއްލޭނީ ސުޕްރީމްކޯޓުން ހުކުމް ކުރި ދުވަހުން ފެށިގެން ކަން ސުޕްރީމްކޯޓުން އެންމެ ފަހުން ނެރުނު ބަޔާނުން އެނގޭ ކަމަށެވެ.

"ސުޕްރީމް ކޯޓްގެ ހުކުމާ ދެކޮޅަށް މެމްބަރުން ވަކިކުރި ކުރުން އެއީ ބާތިލު އެއްޗެއް. އެހެންވީމާ އެެއްވެސް މެމްބަރެއްގެ ގޮނޑިއެއް ނުގެއްލޭނެ،" އިލްހާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ވައްދާފައިވާ އެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ވެސް ކުރެވޭނެ ކަަމަށާއި ވޯޓަށް ވެސް އެހޭނެ ކަމަށެވެ.

"ހިތްވަރާ އެކު ކުރިއަށް ދާންވީ. ޕީޕީއެމުން ސޮއިކުރެއްވި މެމްބަރުން ތިއްބެވީ ސާބިތުކަން މަތީގައި،" އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ރޫލިން އެއް ނެރުނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެ ރޫލިން ނެރުނު ފަހުން ވެރިކަން ކުރާ ޕީޕީއެމުން ވަނީ އެޕާޓީން ކުރިން ވަކިކޮށްފައިވާ ބައެއް މެމްބަރުން ވެސް އަލުން ވަކިކޮށް، އިލެކްޝަން ކޮމިޝަނަށް އެކަން އަންގާފައެވެ. އޭގެ ފަހުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ޕީޕީއެމުން ވަކިވި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

ޕީޕިއެމް އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު އަމުރުން ވެސް އެ ޕާޓީގެ މެންބަރުންނަށް ތަރުޖަމާ ކުރެވެނީ ވަކިވުމަށް ހުށަހެޅި މެންބަރުން އެ ނިންމުން އަނބުރާ ނުގެންދަވާ ނަމަ އިލެކްޝަން ކޮމިޝަނުން މަޖިލީހަށް އަންގާ ހިސާބުން އެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އެގޮތުން އަންނަ ހޯމަ ދުވަހުގެ ޖަލްސާގައި ޕީޕީއެމްގެ މެންބަރުން ޕީޖީ ގްރޫޕުން ވަކިވެފައިވާ ކަން އިއުލާން ކުރުމަށް ފަހު އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ހުރިހާ މެންބަރުންނަށް އަދިވެސް އެބައޮތް ފުރުސަތު އަޅުގަނޑުމެންގެ ޕާޓީއާ ގުޅިވަޑައިގަތުމަށް އަދިވެސް މިތިބީ އަޅުގަނޑުމެން ކަންކަން ރަނގަޅުކޮށްގެން މެންބަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށް. އެ ނޫން ނަމަ ގޮނޑި ގެއްލޭނެ. އަދި އެ ނިންމުމުން އެ ބޭފުޅުންގެ މަސްލަހަތު ގެއްލިފައިވާ ނަމަ ސުޕްރީމް ކޯޓަށް ވަޑައިގަންނަވުމުގެ ފުރުސަތު އޮންނާނެ،" ނިހާން ވިދާޅުވި އެވެ.