ދުނިޔެ

ޕުޓިން އާއި ޓްރަމްޕް ސިއްރު ބައްދަލުވުމެއް ބޭއްވިކަން ފަޅާއަރައިފި

ޖަރުމަނުގެ ހަމްބާގްގައި މިހިނގާ ޖުލައިމަހު ބޭއްވި ޖީ20 ގައުމުތަކުގެ ވެރިންގެ ސަމިޓްގައި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ، މީޑިއާއަށް ކުރިން ހާމަކޮށްފައި ނުވާ ބައްދަލުވުމެއް ބޭއްވިކަން ފަޅާ އަރައިފިއެވެ.

ބީބީސީ ބުނީ ޓްރަމްޕާއި ޕުޓިން މަޝްވަރާތަކެއް ކުރެއްވީ ރަސްމީ ޖާފަތެއްގެ ނިންމައިލި ވަގުތު ކަމަށާއި ދެބޭފުޅުން ދެއްކެވީ ކޮން ވާހަކަފުޅެއްކަންް ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ހާމަ ނުކުރާ ކަމަށެވެ. މީޑިއާގައި އެވާހަކަ ރިޕޯޓް ކުރުމުން ޓްރަމްޕް ވަނީ އެވާހަކަ ދޮގު ކުރައްވައި މީޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޓްރަމްޕާއި ޕުޓިންގެ އެ ބައްދަލުވުމުގެ ވާހަކަ އެންމެ ފުރަތަމަ ފެންމަތިކުރީ އެމެރިކާގެ ޔޫރޯ އޭޝިއާ ގްރޫޕްގެ ރައީސް އިއާން ބްރެމާ އެވެ. އޭނާ އޭރު ރިޕޯޓްކޮށްފަައި ވަނީ " ޓްރަމްޕް އިންނެވި މޭޒުން ތެދުވެވަޑައިގެން ޕުޓިން އަރިހަށް ވަޑައިގެން ގަޑިއެއްހާ އިރު ހޭދަކުރެއްވި" ކަމަށެވެ. އެ ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް އެކުވެރި ގޮތަކަށް ކަމަށް ވެސް ބްރެމާ ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އޭނާއަކީ އެތަނުގައި އިން މީހެއް ނޫނެވެ. އޭނާއަށް އެ މައުލޫމާތު ދިނީ އެތަނަށް ހާޒިރުވެ ހުރި ނަން ހާމަ ނުކުރާ މީހެކެވެ.

ބައްދަލުވުމާ ބެހޭ ވާހަކަތައް މީޑިއާއިން އާއްމުކުމުން ވައިޓްހައުސް އިން ބުނީ އެއީ ބައްދަލުވުމެއް ނޫން ކަމަށާއި ރޭގަނޑުގެ ފަރިކޮޅަށް ފަހު ކުޑަކޮށް ވާހަކަފުޅު ދައްކަވައިލެއްވީ ކަމަށެވެ.

ޖީ20 ސަމިޓްގައި ޓްރަމްޕާއި ޕުޓިންނަަށް ލޯތައް އަމާޒުވީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޕުޓިން ޓްރަމްޕަށް އެހީތެރިވެދިން ކަަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެމެރިކާގައި ބަލަމުން އަންނާތީއެވެ. އެ މައްސަލަ ބަލަން ފެށި ފަހުން ވެސް އެކަމަށް ބާރު ލިބޭ ފަދަ ބައެއް ފިޔަވަޅުތައް ޓްރަމްޕް ވަނީ އަޅުއްވާފައެވެ.