ރާއްޖޭގައި ކޮރަޕްޝަންގެ ވާހަކަ ދައްކަނީ ސިޔާސީ ވެރިންނަށް ބިރު ދައްކަން ބޭނުން ވުމުން ވަކި ހާލަތްތަކެއްގައި ކަމަށާއި ކޮރަޕްޝަން ހުއްޓުވުުމުގެ މަގުސަދު އޮތް ނަމަ ކަންތައް ކުރާނީ އެހެނެއް ނޫން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް ( ޓީއެމް) އިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސް ކޮންފަރެންސެެއްގައި ޓީއެމްގެ ޕްރޮޖެކްޓް ކޯޑިނޭޓާ މުޙައްމަދު ތަލާލު ވިދާޅުވީ ކޮރަޕްޝަންގެ ވާހަކަ ވަކި ސިޔާސީ މަގުސަދެއް ހާސިލު ކުރަން ދައްކަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
"... ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުމުގެ މަގުސަދުގައި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" ތޮލާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަންގެ ވާހަކައަކީ ވަކި އިރެއްގައި ވަކި ކަމެއް ހާސިލުކުރުމަށް ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކޮރަޕްޝަނުގެ ވާހަކަ ދެކެވެނީ ކޮރަޕްޝަން ހުއްޓުވުމުގެ ނިޔަތުގައި ނޫންކަން ފާހަކަ ކުރެވޭ ކަމަށެވެ. އެއީ ކޮރަޕްޝަން ހުއްޓުވުމުގެ ނިޔަތުގައި ދައްކާ ވާހަކައެއް ނަމަ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް މައްސަލަތައް ހައްލުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޓީއެމްގެ އެގްޒެކެޓިވް ޑިރެކްޓާ މަރިޔަމް ޝިއުނާ ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ކޮރަޕްޝަން ހުއްޓުވަން އެޖެންޑާ ކުރާ ކަމަށާއި އެހެން ނަމެވެސް އަމަލީ ގޮތުން އެ މަސަައްކަތް ކުރާތަން ނުފެންނަ ކަމަށެވެ. އަދި ވިދާޅުވީ އެމަސައްކަތް ހަގީގަތުގައި ވެސް ކުރާ ނަމަ ދައުލަތުގެ އެންމެ މަތީގައި އޮތް ކަމަށް އަޑު އިވޭ ކޮރަޕްޝަންގެ މައްސަލަތައް މަދުވާނެ ކަމަށެވެ.
" .. އަދި އޭގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަށް ހުރި ނިޒާމުތައް މިހާރަށް ވުރެ ހަރުދަނާ ވާނެ،" އޭނާ ވިދާޅުވިއެވެ.
ޓީއެމް އިން މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ހައްޔަރުކޮށް މުއްދަތު ޖަހާފައި ވަނިކޮށެވެ. ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައި ވަނީ ފާރިސްގެ ޝަަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.